ހަބަރު

މިހާރުގެ ސީޕީއަަށް ވަޒީފާ ލިބުނީ ގޭތެރެއިން: ޔާމީން

މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށާ އޭނާއަށް އެ މަގާމު ލިބިވަޑައިގަތީ ޕްރޮފެޝަނަލް ވެގެން ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"ދަވާލައިފި" މި ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ފެންނަނީ ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާތީ ކަމަށެވެ. އަދި ގާނޫނުތަކަށް ބަދަލު ގެނެސް ފުލުހުންނަށް އިތުރު ބާރުތައް ދީގެން ކުރަން އުޅެނީ ކޮންކަމެއްތޯ ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުުހުންގެ އިދާރާއިން ނެރޭ އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، ހައްޔަރު ކުރެވޭ މީހާގެ ބަންދަށް ފަނޑިޔާރުން މުއްދަތު ޖަހަމުންދާ ކަމަށެވެ. އެފަދަ ގިނަ ހާލަތްތަކުގައި ހައްޔަރުކޮށްފައި ހުންނަ މީހަކީ ކޮން ކަހަލަ މީހެއްކަމާ، ކުރިން އޭނާގެ ކުށުގެ ރެކޯޑު އޮތް ގޮތެއް ވެސް ބަލާ ނުލާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މަގާމުތަކެއް ފުރާ ބަޔަކު ފުލުުހުންގެ ތެރޭގައި ތިބޭނަމަ އެފަދަ އިންޓެލް ރިޕޯޓްތައް ނެރުމަކީ ދާދި ފަސޭހަ ކަމެއް ކަމަށާއި މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަކީ އެފަދަ ސިޔާސީ މަގާމެއް ފުުރުއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

ސީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ހަމީދަށް ވަޒީފާ ހަމަޖެހުނީ ގޭތެރެއިން ކަމަށެވެ. އަދި ސީޕީގެ މަގާމަށް ހަމީދަށް ވަޑައިގެންނެވުނީ އެއްވެސް ޕްރޮފެޝަނަލް ކަމެއް ހުރެގެން ނޫން ކަމަށެވެ. ސީޕީ ހަމީދަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެވެ. އޭނާ ކައިވަނި ބައްލަވައިގެން އުޅުއްވަނީ ރައީސް ސޯލިހުގެ އަނބިކަނބަލުންގެ ކޮއްކޯފުޅަކާ އެވެ.

"މިއަދު ފުލުހުންގެ ކޮމިޝަނަރަކީ ސިޔާސީ މަގާމެއް ފުރާ މީހެއް. ގޭ ތެރެއިން ވަޒީފާ ލިބިފައިހުރި މީހެއް އެއީ... އެއީ އެެއްގޮތަކަށްވެސް ޕްރޮޕެޝަނަލް ވެގެން ވަޒީފާގައި ހުރި މީހެއް ނޫން އެއީ..." ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދު ފުލުހުންގެ ކޮމިޝަނަރަކީ ސިޔާސީ މަގާމެއް ފުރާ މީހެއް. ގޭ ތެރެއިން ވަޒީފާ ލިބިފައިހުރި މީހެއް އެއީ.. އެއީ އެެއްގޮތަކަށްވެސް ޕްރޮޕެޝަނަލް ވެގެން ވަޒީފާގައި ހުރި މީހެއް ނޫން،
އަބްދުﷲ ޔާމީން | ކުރީގެ ރައީސް

ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހަކީ ނާމާންކަމުގެ ބިރުވެރި ރަނގަބީލެއްގެ އަޑު ކަމަށްވެސް ރޭ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުގައި ސުވާލު އުފެދޭ އެހެން ކަންކަން ވެސް އެބަހުރި ކަމަށެވެ. އެ އިސްލާހުތަކުގެ ބޭނުމަކީ ދީނީ އިލްމުވެރިންގެ ގޭގެއަށް ވަންނަން ހޯދާ ފުރުސަތެއްތޯ ވެސް އެމަނިކުފާނު މިރޭ ސުވާލު ކުރެއްވި އެވެ. އަދި އެއީ ސިޔާސީ ވަކި ބައެއްގެ ސިޔާސީ ހަޔާތް ނިންމާލަން ކުރެވޭ މަސައްކަތެއްތޯ ވެސް ރޭ އެއްސެވި އެވެ.