ބޭރުގައި ހިނގާ ހަނގުރާމަތަކަށް ޖިހާދުގެ ނަމުގައި ރާއްޖެއިން ފުރައިގެންދިޔަ ދިވެހީންގެ އަދަދު މަދެއް ނޫނެވެ. އޭގެ ބައެއް ދިވެހިން މަރުވެއްޖެ އެވެ. އަނެއް ބައި ދިވެހިން ހާލުގައި ޖެހިއްޖެ އެވެ. އަނެއް ބަޔަކު އަތުލައި ވެސް ގަނެވުނެވެ. އަތުލައިގަނެވުނު މީހުން އަނބުރާ ރާއްޖެ ގެނެސް ދައުވާތައް ވެސް އުފުލި އެވެ. އެކަމަކު، ހަނގުރާމައަށް ގޮސްގެން ކުރި އެއްވެސް ދައުވާއެއް މިހާތަނަށް ސާބިތެއް ނުވެ އެވެ. އެ ހަރުކަށި ފިކުރާއެކު އެމީހުން އެ ތިބީ މި މުޖުތަމައުގެ ތެރޭގަ އެވެ.
ހަރުކަށި ފިކުރުގެ ނުބައި މޫތައް ހަރުވެ، ވަކި ހިއްޕަމުންދާއިރު އެއާ ދެކޮޅަށް ސަރުކާރުން ވަނީ ބޮޑު ފިޔަވަޅެއް އަޅާފަ އެވެ. އެ ފިޔަވަޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ސަމާލު ކަމެއް ދެއްވި ފިޔަވަޅެކެވެ. ހަރުކަށި ފިކުރާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވާނެކަން އަދި އެއީ އަވަސް ފިޔަވަޅުތަކަކަށް ވެގެންދާނެކަން ރައީސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކުރެއްވި އެވެ. އެގޮތުގެ މަތިން ސަރުކާރުން ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ވަރުގަދަ އިސްލާހުތަކެއް ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ.
ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށްފަހު މިހާރު އެ ބިލްގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. އެ ބިލް ފަރުމާ ކޮށްފައި ވަނީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ނޫންނަމަ ޖިހާދީ ފިކުރުގެ މީހުން ހަރުކަށި ގޮޅިތަކަށް ވައްދާ ގޮތަށެވެ. އެމީހުން އަތުލައިގަނެ، ފަސޭހައިން ފިޔަވަޅު އެޅޭނެ ގޮތަށެވެ. އެ ނުބައި މޫތައް އުފުރާލަން ކޮންނަ ވަރުގަދަ ވަޅެއްގެ ގޮތަށެވެ. އޭގެއިތުރުން މިހާރު ވެސް ސިރިއާގެ އެކި ކޭމްޕްތަކުގައި ދިވެހިން ހާލުގައި ޖެހިފައި ތިބިއިރު އެމީހުން އަނބުރާ ރާއްޖެ ގެނެސް އަމަލު ކުރާނެ ގޮތްތައް ވެސް މި އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.
އާ އިސްލާހުގައިވާ ގޮތުން ހަނގުރާމައަށް ދިޔުމުގެ އިތުރުން ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން އަދި ހުރުމަކީ ވެސް ކުށެކެވެ. އޭގެއިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރަން ގޮވާލުމާއި ތިމާއަކީ ވަކި ޓެރަރިސްޓް ޖަމާއަތެއްގެ މީހެއް ކަމަށް ދޭހަވާ ގޮތަކަށް ހިޔާލެއް ފާޅު ކުރުމަކީ ވެސް ކުށެކެވެ. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކޮށް ބައްދަލުވުން ބޭއްވުމާއި އޭގައި ބައިވެރިވުމަކީ ވެސް ކުށެކެވެ.
އާ ދެ ބާބު، ޖިހާދިސްޓުންނަށް
ޓެރަރިޒަމްގެ ގާނޫނަށް ގެންނަން އިސްލާހުތަކުގެ ތެރޭގައި އާ ދެ ބާބެއް އިތުރު ކުރަން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން އެއް ބާބަކީ އަނބުރާ އަންނަ ހަނގުރާމަވެރިންނާ ގުޅޭ ހާއްސަ އިޖުރާއަތެވެ. މިއީ ގާނޫނީ ނިޒާމްގެ ތެރެއަށް މުޅިން އަލަށް ވައްދާ އިޖުރާއަތެކެވެ. އަނެއް ބާބަކީ އަނބުރާ އަންނަ މީހުންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެވެ.
އިސްލާހުގައިވާ ގޮތުން ހަނގުރާމަވެރި ސަރަހައްދަކުން އަންނަ ކުޑަކުދިން ފިޔަވައި އެހެން ކޮންމެ މީހަކު ވެސް ބެލޭނީ ހަނގުރާމަވެރިއެއްގެ ގޮތުގަ އެވެ. އެއީ ހަނގުރާމައަށް ދިޔަ މީހެއްގެ އާއިލާ މީހަކަށްވީ ކަމުގައި ވިޔަސް އެވެ. އެގޮތަށް އެނބުރި އަންނަ މީހުން ވަގުތީ ގޮތުން ބަންދު ކުރަން ޖެހެ އެވެ. ވަގުތީ ގޮތުން އެމީހުން ބަންދު ކުރަނީ އެމީހުންނަކީ ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވެ އެކަމުގެ ތަމްރީނު ލިބިފައިވާ ބައެއްތޯ ބެލުމަށެވެ.
އެފަދަ މީހުން ބަންދު ކުރުމަށް ވަގުތީ މަރުކަޒެއް ހަދަން އިސްލާހުގައި ވަނީ ލާޒިމްކޮށްފަ އެވެ. ހަނގުރާމައިން އަންނަ މީހުންނާއެކު ތިބޭ ކުޑަކުދިން ވެސް ގެންދާނީ އެ މަރުކަޒަށެވެ. އެކަމަކު ހައްޔަރު ކުރުމަކާ ނުލަ އެވެ. އެމީހުން މަރުކަޒުގައި ބަންދުކޮށްފައި ބައިތިއްބާނީ ރިސްކް އެސެސްމެންޓް ހަދައި އެމީހުންނާމެދު ގޮތެއް ކަނޑައެޅެންދެނެވެ.
ރިސްކް އެސެސްމެންޓް ހަދަން ތިން މަރުކަޒެއް
- ޓެރަރިޒަމްގެ އަމަލު ހިންގި ކަމަށް ތުހުމަތުވާ ބޮޑެތި މީހުން ބަންދުކުރާ މަރުކަޒު
- ޓެރަރިޒަމްގެ އަމަލު ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ކުޑަކުދިން މީހުން ބަންދުކުރާ މަރުކަޒު
- ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމަށް ތުހުމަތުވާ މީހުންގެ އާއިލާ މެންބަރުންގެ ތެރެއިން ކުށުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ އަންހެނުންނާއި ކުދިން ބައިތިއްބާ މަރުކަޒު
އިސްލާހުގައިވާ ގޮތުން މަރުކަޒުގައި ބަންދު ކުރެވޭ މީހުން ބަންދު ކުރަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވާނަމަ އެމީހަކު 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރާނެ އެވެ. ކޯޓު އަމުރަކާ ނުލާ ވެސް މަރުކަޒުގައި ބަންދު ކުރެވިދާނެ އެވެ. ނަމަވެސް ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް ގެންދަން ޖެހޭނެ އެވެ. އާންމު އުސޫލަކީ 24 ގަޑިއިރުގެ ތެރޭގައި ގެންދިޔުމެވެ.
އާ އިސްލާހުގައިވާ ގޮތުން މިކަމުގައި ފަނޑިޔާރަށް ވެސް މާބޮޑު އިހްތިޔާރެއް ނޯވެ އެވެ. ބަންދު ޖަހަން ގެންދާ މީހަކީ އެސެސްމެންޓް ނުހަދަައި އަދި ރިހޭބިލިޓޭޝަން ފުރިހަމަކޮށްފައި ނުވާ މީހަކަށްވާނަމަ އެމީހެއްގެ ބަންދަށް 30 ދުވަސް ޖަހައިދޭން ޖެހޭނެ އެވެ.
އެމީހަކީ ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވެ ނުވަތަ ތަމްރީނު ލިބިފައިވާ މީހެއްނަމަ ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުވާ މީހެއްގެ ގޮތުގައި އެސެސްމެންޓްގައި ކަނޑައަޅަން ޖެހޭނެ އެވެ. އެފަދަ މީހުންނަކީ ކުށުގެ ތުހުމަތުވާ މީހެއްގެ ގޮތުގައި ކަނޑައަޅައި ދައުވާ ވެސް ކުރެވޭނެ އެވެ. ދައުވާ އުފުލާ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދީފައިވެ އެވެ. އާންމު އުސޫލަކީ މީހަކު ބަންދުގައި ބެހެއްޓުމުގެ އިހްތިޔާރު ކޯޓަށް އޮތުމެވެ.
މިގޮތަށް ދައުވާ އުފުލާ މީހަކަށް ކުށް ސާބިތު ނުވި ނަމަވެސް އެމީހަކީ ރިހޭބިލިޓޭޝަން ފުރިހަމަ ކުރަން ޖެހޭ މީހެއްގެ ގޮތުގައި ކަނޑައަޅަން ފަނޑިޔާރުގެ މައްޗަށް މި އިސްލާހުން ލާޒިމް ކުރެ އެވެ. މި ރިހޭބިލިޓޭޝަން ޕްރޮގްރާމަކީ އެމީހުން އަނބުރާ މުޖުތަމައުއަށް އައުމަށް އެކަށޭނެ ޕްރޮގްރާމަކަށް ވާން ޖެހޭނެ އެވެ. ޕްރޮގްރާމް ފުރިހަމަ ކުރުމުން ވެސް އެމީހެއްގެ އެސެސްމެންޓެއް ހަދައި އޭގެއިން ފާސްނުވާނަމަ އެމީހަކު މުޖުތަމައުއަށް ދޫކޮށްގެން ނުވާނެ އެވެ.
ހަނގުރާމައިން އަންނަ މީހުންނާމެދު އަމަލު ކުރާނެ ގޮތާއި ފިޔަވަޅުތައް އިސްލާހުގައި ވަރަށް ސާފުކޮށް ބަޔާން ކުރިއިރު ހަނގުރާމައަށް ދިޔުމަށް ނުވަތަ ހަނގުރާމަވެރި އަމަލެއް ރާއްޖޭގައި ހިންގަން އުޅޭ މީހުން އަތުލަގަނެ އަދަބު ދިނުމަށް ވެސް އިސްލާހުގައި މުހިންމު މާއްދާތަކެއް ވަނީ ގާނޫނުނަށް އިތުރު ކުރަން ހިމަނާފަ އެވެ.
ހައްޔަރުކުރުން ފަސޭހަ، ފުލުހުންނަށް އިތުރު ބާރު
ޓެރަރިޒަމްގެ ތުހުމަތުވާ މީހުން ހައްޔަރުކޮށް އަވަހަށް ފިޔަވަޅު އެޅުމަށް މި އިސްލާހުން ވަރަށް ބޮޑު ދޮރެއް ހުޅުވާލަ އެވެ. އެއީ ފުލުހުންނަށް ދޭ ބޮޑު ބާރަކުންނެވެ. މި އިސްލާހުގައިވާ ގޮތުން އެފަދަ ތުހުމަތެއްވާ މީހަކު ކޯޓު އަމުރަކާ ނުލާ ހައްޔަރު ކުރެވިދާނެ އެވެ. އެމީހަކު ހުރީ އަމިއްލަ ތަނެއްގައި ނަމަވެސް އެތަނަކަށް ވަނުމުގެ ހުއްދަ ވެސް ފުލުހުންނަށް ލިބެ އެވެ.
އޭގެއިތުރަށް އެފަދަ ތުހުމަތެއްވާ މީހަކު ކޯޓު އަމުރަކާ ނުލާ ބަލާ ފާސް ކުރުމުގެ ބާރު ވެސް މި އިސްލާހުން ފުލުހުންނަށްދެ އެވެ. ކޯޓު އަމުރަކާ ނުލާ ތުހުމަތުވާ މީހާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލާ ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް މި އިސްލާހުން ދޭނެ އެވެ.
އެގޮތަށް ހައްޔަރު ކުރާ މީހަކު ފަނޑިޔާރަކު ކުރި މައްޗަށް ހާޒިރު ކުރަން ޖެހެނީ 48 ގަޑިއިރުގެ ތެރޭގަ އެވެ. އާންމު އުސޫލަކީ 24 ގަޑިއިރެވެ. އަދި އެފަދަ މީހަކު ރާވަމުންދާ ޓެރަރިޒަމްގެ އަމަލަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ނުވަތަ ރައްކާތެރިވުމަށް އަޅަން ޖެހުނު ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.
އިސްލާހުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުވާ މީހަކު ކަފާލާތުގެ ދަށުން ވެސް ދޫނުކުރެވޭނެ އެވެ. އަދި މިފަދަ ކުށްތަކަކީ މާފުކޮށް ނުދެވޭނެ ކުށްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.
ޓެރަރިޒަމްއާ ގުޅޭ މައުލޫމާތު ހާމަކުރުމުގެ ބާބެއް
އާ އިސްލާހުގައި ތިންވަނައަށް ގާނޫނަށް އިތުރު ކުރަން ނިންމާފައިވާ އާ ބާބަކީ ޓެރަރިޒަމްއާ ގުޅޭ މައުލޫމާތު ހާމަ ކުރުމާއި އިންޓެލިޖެންސް ހިއްސާ ކުރުމުގެ ބާބެކެވެ. މި ބާބުގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތެއް ފުލުހަށް އަންގަން ޖެހޭނެ އެވެ. އެފަދަ މައުލޫމާތެއް އެނގި ހިއްސާ ނުކޮށް ހުރުމަކީ ކުށެކެވެ. އެގޮތަށްދޭ މައުލޫމާތަކީ އިންޓެލިޖެންސް އިދާރާއަކާ ހިއްސާ ކުރަން ޖެހޭ މައުލޫމާތެއްނަމަ އެކަން ފުލުހުން ކުރަން ޖެހޭނެ އެވެ.
ޓެރަރިޒަމްއާ ގުޅޭ އިންޓެލިޖެންސް އާއި މައުލޫމާތު ރައްކާތެރިކަމާއެކު ބަދަލު ކުރުމަށްޓަކައި ހޯމް މިނިސްޓަރު އޮނިގަނޑެއް ތައްޔާރު ކުރަން ޖެހޭނެ އެވެ. އަދި އެކަން މޮނީޓާ ވެސް ކުރަން ޖެހޭނެ އެވެ. މި އޮނިގަނޑުގައި ބޭރުގެ ގައުމަކަށް މިފަދަ އިންޓެލިޖެންސް މައުލޫމާތެއް ހިއްސާ ކުރަން ޖެހޭނަމަ އެ ހާލަތުގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރަން ޖެހެ އެވެ.
މި އޮނިގަނޑުގެ ދަށުން އިންޓެލިޖެންސް މައުލޫމާތު ބަދަލު ކުރަން ޖެހޭ ހާލަތެއްގައި އެކަން ނުކޮށް ދޫކޮށްލުމުން ޓެރަރިޒަމްގެ އަމަލެއް ހިންގައިފިނަމަ އެ މައުލޫމާތެއް ބަދަލުނުކުރި ފަރާތް އެކުރީ ކުށެކެވެ. އެ ކުށުގެ އަދަބުތައް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ޓެރަރިޒަމް އަމަލުތައް މުޅި ދުނިޔޭގައި ވެސް ހިންގަމުންދާއިރު މިފަހުން އެންމެ އަވަށްޓެރި ސްރީލަންކާއަށް ވެސް ވަނީ އޭގެ ނުރައްކާތެރި އަސަރުތައް ފޯރާފަ އެވެ. މިކަމުގައި ރާއްޖެއަށް ރެކިގެން ނުތިބެވޭނެކަން ޔަގީނެވެ. ބައެއްގެ ލޯތައް އޮތީ އަމާޒުވެފަ އެވެ. އެފަދަ ނުރައްކާތެރި އަޑުތައް ގަދަވި އެވެ. މި ހާލަތުގައި ޓެރަރިޒަމްގެ ގާނޫނު އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުން މުހިންމެވެ.