ހަބަރު

މިދިޔަ ހަފުތާގައި މާލޭގައި 56 އެކްސިޑެންޓް

Sep 15, 2019

މިދިޔަ ހަފުތާގައި މާލޭގައި 56 އެކްސިޑެންޓް ހިނގައި ނުވަ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮންމެ ހަފުތާއަކު ފުލުހުން ނެރޭ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 544 އުޅަނދުގައި ގަވައިދާ ހިލާފުވެގެން ސްޓިކާ ޖަހާފައިވާކަމަށް ދައްކާއިރު 70 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ. އަދި 398 އުޅަނދު ވަނީ ޗެކްކޮށްފަ އެވެ. އަދި 56 އެކްސިޑެންޓް ހިނގާފައިވާއިރު ނުވަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެކްސިޑެންޓްތަކާއި ގުޅިގެން ހަ މީހެއްގެ ލައިސެންސް ވަނީ ހިފަހައްޓާފަ އެވެ.

ލައިސަންސް ނުލައި އުޅަނދު ދުއްވި 62 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު އަދި ލައިސަންސް ނެތި އުޅަނދު ދުއްވި 94 މީހަކަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އިންޝުއަރެންސާއި ރޯޑްވޯދިނެސް އާނުކޮށް އުޅަނދު ދުއްވި 62 ފަރާތަކަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އަދި ހެލްމެޓް ނާޅައި ސައިކަލް ދުއްވި 15 މީހަކާއި ގަވާއިދާ ހިލާފަށް ޓެކްސީ ކުރި ދެމީކަށްވެސް ވަނީ ފުލުހުން ފިޔަވަޅު އަޅާފަ އެވެ.

މީގެ އިތުރުން މަގުމަތީގެ އާއްމު ގަވާއިދުގައި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވައިގެން އެއް ފަރާތަކަށާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ތިން ކުއްޖަކަށް ފިޔަވަޅު އެޅި އެވެ. އަދި ފޯން ހެޑްސެޓް ޖަހައިގެން ސައިކަލް ދުއްވި 20 މީހަކާއި ސައިކަލް ދުއްވަމުން ދުންފަތުގެ އިސްތިއުމާލްކުރި އެއް މީހަކަށް ފިޔަވަޅު އެޅި ކަމަށް ވެސް ފުލުހުން އާއްމު ކުރި ހިސާބުތަކުގައިވެ އެވެ.