ހަބަރު

އައްޑޫ ހައިސްކޫލުގައި ހޯލެއް އިމާރާތް ކުރަން ހަވާލުކޮށްފި

ސ. ހިތަދޫ އައްޑޫ ހައިސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އަޅަން އެޑިއުކޭޝަނުން މިއަދު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވެ ސޮއިކޮށްފައި ވަނީ ހަތް މިލިއަނަށް ދެ ބުރީގެ މަލްޓިޕާޕަސް ހޯލެއް އެޅުމަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑް އާއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 210 ދުވަހެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކެޓިވް ނައުޝާދު މުހައްމަދު އެވެ. އަދި، މަސައްކަތް ހަވާލު ކުރި ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ ހަސަން ޝަމީމް އެވެ.

"އެހެންކަމުން އަޅުގަނޑުމެން އުންމީދުކުރަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި ބޭނުންކުރަން ފެށޭނެ ކަމަށް،" ނައުޝާދު މުހައްމަދު ވިދާޅުވި އެވެ.

މިއީ މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުވެސް ވަނީ ހަރަށެއްގެ ސްކޫލުގައި މަލްޓިޕާޕަސް ހޯލު އަޅަން ހަވާލުކޮށްފަ އެވެ. ރ.އަލިފުށި، ވ.އަތޮޅު ތައުލީމީ މަރުކަޒު، ތ.ގުރައިދޫ، ރ.އުނގޫފާރު، ޅ.ކުރެންދޫ އަދި ވ.ކެޔޮދޫ ސްކޫލުގައި ހޯލު އަޅަން މަސައްކަތް ހަވާލު ކުރީ 39.4 މިލިއަން ރުފިޔާއަށް ވޯކް ޕާކް ޕްރައިވެޓް ލިމިޓެޑާ އެވެ.