ހަބަރު

ރިލްވާންގެ މައްސަލައާ ގުޅުންހުރި ދެ ފުލުހުން ވަޒީފާއިން ވަކިކުރަނީ

ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

ރިލްވާންގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވަނީ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ދެ ފުލުހުުންގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ތަހުގީގުކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށެވެ.

ފުލުހުންގެ ގަވާއިދު ބުނާގޮތުން، އިސްތިއުނާފު މަރުހަލާއަށް 7 ދުވަހުގެ މުއްދަތެއް ދޭންޖެހޭތީ އެ ފުރުސަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ޑިސިޕްލިނަރީ ބޯޑުގެ މި ނިންމުން ތަންފީޒުކުރެވޭނީ ކޮމިޝަނަރު އޮފް ޕޮލިސްގެ އެންޑޯސްކުރެއްވުމުންކަމަށްވެސް ފުލުހުން ބުނެއެވެ. މި ވަގުތު އެ ދެ ފުލުހުން ތިބީ ސަސްޕެންޝަންގައެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރުކުރަން ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ވަނީ އަންގަވާފައެވެ. ނަމަވެސް ފުލުހުންވަނީ އެ ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދާއި، އެމްޑީޕީގެ މަޖިލީސް މެންބަރުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ފުލުހުންގެ މުއައްސަސާއާ ސީޕީއަށް އަމާޒުވިއެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ކުރީ ސަރުކާރުގެ ދުވަސްވަރު، ވަޒީފާއިން ވަކިކޮށްފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ސަސްޕެންޑުކޮށްފައި ވަނިކޮށް އަލުން ވަޒީފާއަށް ނެރެފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު 7 ގައިކަމަށެވެެ.