ރިޕޯޓް

ނުރައްކާ ހުއްޓުވާ ބިލުގެ ނުރައްކާ ކުޑައެއް ނޫން!

ގެއްލުވާލާފައިވާ މީހުންނާއި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަން އިން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަަލައިގައި ހާމަ ކުރި މައުލޫމާތުން ނުރައްކަލެއްގެ ރަނގަބީލު އަޅަންފެށި އެވެ. ރާއްޖޭގައި އަލްގައިދާ ޖަމާއަތުގެ ޓެރަރިސްޓުން ގާއިމްވެ ތިބި ކަމުގެ އަޑެވެ. އެ ބިރުވެރިކަން ނުކެނޑި އޮއްވާ ރައީސް ސޯލިހުގެ އިޒްނަޔަކާއި ނުލައި އެކަމުގެ "ޑްރާފްޓް" ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި، ހުލާސާއެއް އާންމުކޮށް، އެތަށް މައުލޫމާތެއް ލީކުވެ، "އަޑީ ދައުލަތުގެ" އަޑުތައް މަޖިލީހުގައި ގަދަވި އެވެ.

އެހެންވެ އެ ނުރައްކަލުން ސަލާމަތްވުމަށް ސަރުކާރަށް ފެނުނީ ޓެރަރިޒަމް މަނާ ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރަންށެވެ. ނަމަވެސް ނުރައްކަލުން ސަލާމަތްވެވޭނެ މަގެއް ފެނުމުގެ ބަދަލުގައި ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ވެގެން ދިޔައީ ބޮޑު ކަންބޮޑުވުމަކަށެވެ. އިތުރު ނުރައްކަލެއްގެ ތެރެއަށް ފުންމާލުން ފަދަ ކަމަކަށެވެ.

އިސްލާހު ނުވެ އޮތް މުއައްސަސާއަށް ބޮޑު ބާރެއް

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކު ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޓެރަރިޒަމްގެ ބޮޑެތި ކުށްތަކުގެ ތުހުމަތުވުމުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމެވެ. އަދި ޓެރަރިޒަމްގެ ކުށްތައް އިތުރު ކުރަން ވެސް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުން ކުށަކަށް ހަދާނެ އެވެ. އެއީ އެފަދަ ޖަމާއަތަކަށް ތާއީދުކޮށް ހިޔާލެއް ފާޅުކުރި ކަމުގައި ވިޔަސް ކުށަކަށް ވާނެ އެވެ. އެ ބިލްގައި ބުނާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ އަތުގައި، ކުށެއް ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނުވަތަ އެފަދަ ކުށެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް އޮތްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ ނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ މީހެއް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބޭނެ އެވެ. އަދި ބަލާ ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ބަަރަހަނާކޮށްގެން ބަލައި ފާސްކުރުމުގެ އިހުތިޔާރު ފުލުހުންނަށް ލިބެ އެވެ.

އޭގެ އިތުރުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނާފަ އެވެ. އެގޮތުން މައްސަަލައިގައި ޝަރީއަތަކަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ މިންވަރަކަށް ގަބޫލުކުރެވޭނަމަ، އޭނާ ހަނު ހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެ ކަމަށް އެ ބިލްގައި ވަނީ ހިމަނާފަ އެވެ.

ކުއްލި ގޮތަކަށް ހުށަހެޅި އެ ބިލާއި ގުޅޭގޮތުން ކަންބޮޑުވުން ޓުވިޓާއަށް އޮއްސާލީ ރާއްޖޭގައި އެ މީހެއްގެ ބާ ކައުންސިލްގެ ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. މައުމޫންއަކީ ފުލުހުންގެ ފަރާތުން ފެންނަ ގާނޫނާއި ހިލާފު އެތަކެއް ކަމެއްގެ ވާހަކަ ކޯޓުގައި ހަރު އަޑުން ދައްކަވަމުން ގެންދަވާ ވަރުގަދަ ވަކީލެކެވެ. މަައުމޫންގެ ވިދާޅުވި ގޮތުގައި ފުލުހުންނަކީ މިހާރު ވެސް އެ މީހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ބައެކެވެ. އަދި ފުލުހުންގެ އަނިޔާ އިން ކިރިޔާ ވެސް ދެމިގަތުމަށް ގާނޫނުގައި ހިމަނާފައިވާ މާއްދާތައް ބާތިލުކޮށް އިތުރު ބާރުތަކެއް ފުލުހުންނަށް ދިނުމަކީ އޭގެން ނުބައި ނަތީޖާއެއް ހާސިލު ވެދާނެ ކަމެކެވެ.

މިސާލެއްގެ ގޮތުން މައުމޫން ނެންގެވީ ޑްރަގް އޮޕަރޭޝަނެއްގައި މިފަހުން ތުހުމަތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް އަނިޔާކުރި ވީޑިއޯއެއް ނެގި ގެއަކަށް ފުލުހުން ގޮސް އެ ވީޑިއޯ ޑިލީޓް ކުރަން އެންގުމެވެ. އެއީ ހެކި ނައްތާލަން ފުލުހުން ހިންގި ޖަރީމާއެކެވެ.

މައުމޫން ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައިވާ ގާނޫނުގެ ދަށުން، ފުލުހުން މީހަކަށް އަނިޔާކުރި ވީޑިއޯ ނެގި މީހުން ވަގުތުން ބަންދު ކުރުމަށްފަހު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭ ގޮތަށް ހެދިދާނެ އެވެ. އަދި އެފަދަ ހާލަތެއްގައި ކުރެވުނު ކަމެއް ކުރާށޭ ބުނަން ކެރޭނީ ކިތައް މީހުންނަށްތޯ މައުމޫން ސުވާލު އުފެއްދެވި އެވެ. އަދި ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ބާރުގެ ބޭނުން ކޮށްގެން ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އެފަދަ ހާލަތެއްގައި ދެން އޮންނާނީ އެމީހަކު ބުނާ ބުނުން އެކަންޏެވެ.

"މިހާރު ހުށަހަޅާފައިވާ ކަންކަން އޭރު ގާނޫނުގައި ހިމެނުނުނަމަ، ގެއްލުވާލާފައިވާ މީހުންގެ ވާހަކަތައް ދައްކާ އާއިލާތަކާއި، ސަރުކާރުގެ އިދާރާތަކާއި ދެކޮޅަށް އެކަމުގައި ތެދުވި ޖަމިއްޔާ ޖަމާތްތައް ވެސް ޓެރަރިޒަމްގެ މަޅީގައި ބެދޭނެ. އަދި ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ޓެރަރިޒަމްގެ ނެޓްވޯކެއް އޮތް ކަމަށް ބުނާ ސިޔާސީ މީހާ ވެސް އެ ގާނޫނުގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ދެކޮޅު ވާހަކަ ދެއްކި ކަމަށް ބަލައި ދައުވާ ކުރެވޭނެ" މައުމޫން ވިދާޅުވި އެވެ.

ބިލު އޮތް ގޮތަށް ފާހެއް ނުކުރާނެ!

ސުވާލަކީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ޓްރެކް ރެކޯޑެއް އޮތް ފުލުހުންގެ މުއައްސަސާއަށް އެވަރުގެ ބާރެއް ދިނުމަށް އެ މުއައްސަސާގެ ފަރާތުން އެންމެ އަނިޔާ ލިބުނު އެމްޑީޕީ ބޭނުންވާނެ ހެއްޔެވެ؟ ހާއްސަކޮށް މިދިޔަ ފަސް އަހަރު ބިންމަތީ ދަމާ ކޫއްތައިގެން ގޮސް ފުލުސް އޮފީހަށް ވެއްދި ގިނަ މީހުންނަކީ މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީގެ މެންބަރުންނެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލާ މެދު އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އާޒިމް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވާ ބިލާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގަ އާއި ބައެއް މަޖިލިސް މެންބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތެވެ. އަދި ބަންޑާރަ ނައިބާއި ކަމާއި ގުޅޭ މުއައްސަސާތަކުން އިތުރަށް ސާފުކޮށްދޭން ޖެހޭ ކަންކަންވެސް އެ ބިލުގައި ހުރި ކަމަށް އާޒިމް ވިދާޅުވި އެވެ.

ބިލުގައި ކަންބޮޑުވުން ހުރި ކަންތައްތަކުގެ ތެރެއިން އާޒިމް ފާހަގަ ކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައްް ހަނި ކުރުމަށް ބިލުގެ ގިނަ މާއްދާތަކެއްގައި ހިމަނާފައިވުމެވެ. ފުލުހުންގެ ހައްޔަރު ކުރާ މީހަކު 24 ގަޑި އިރު ތެރޭ ގާޒީއެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް ގަނޫނު އަސާސީގައި ބުނެފައިވީ ނަމަވެސް ޓެރަރިޒަމް ބިލުން އެ މުއްދަތު 48 ގަޑި އިރަށް ދިގު ދަންމާލަ އެވެ. ކޯޓު އަމުރެއް ނެތި ތަންތަން ބަލައި ފާސްކުރެވޭ ގޮތަށް ބިލްގައި އޮތުމާއި އަސާސީ ހައްގުތައް ކުޑަކުރަން ނިންމި ސަބަބު ފުލުހުންނާއި ބަންޑާރަނައިބުގެ އޮފީހުން އެމްޑީޕީގެ މެމްބަރުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި ދައްކަނީ ފުލުހުންނަށް އިތުރު ބާރު ދޭން ބޭނުުންވާ ވާހަކަ. ޓެރަރިޒަމްއަށްވުރެ ވެސް އަޅުގަނޑަށް އެކަމުގެ ނުރައްކާ މާ ބޮޑު
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް

"އަޅުގަނޑުމެން ހަގީގަތުގައި ވެސް މިއަދު ވިސްނާލަން އެބަޖެހޭ، މިއީ އެއްކަލަ ކަމަކާއި ބަހަކާއި ނުލައި، ވެރިއެެއްގެ އަމުރަށް ރައްޔިތުންނަށް އެތަކެއް އަނިޔާއެއް ދެމުން ގެންދިޔަ ބައެއް. މި ދައްކަނީ ފުލުހުންނަށް އިތުރު ބާރު ދޭން ބޭނުުންވާ ވާހަކަ. ޓެރަރިޒަމްއަށްވުރެ ވެސް އަޅުގަނޑަށް އެކަމުގެ ނުރައްކާ މާ ބޮޑު. މަދަނީ ބަސްނޭހުމަކަށް ގޮސް އެމްޑީޕީގެ އެއް ސަރުކާރު މިވަނީ ބަގާވާތަކުން ބަދަލުކޮށްފައި، އެފަދަ ބާރުތަކެއް ފުލުހުންނަށް ލިބި ދިނުމުގެ މާނަ އަކީ އެކަމުގެ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް މި ވެރިކަމަށްވެސް ކުރުން. ފުލުހުންނަކީ ކޮށްގެންތިބޭ ހުވާ ހަނދާން ހުންނަ ބައެއްް ނޫން. މީގެ ކުރިން ކަން ހިގާފައި އޮތީވެސް އެގޮތަށް. ހެޔޮ ނުވާނެ އެމީހުންނަށް އިތުރު ބާރުތަކެއް ދޭން. އިތުބާރެެއް ނުކުރެވޭ"

"އަޑީ ދައުލަތް ފޮހެލެވޭނީ މިހެން"

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ތާއީދު ކުރެ އެވެ. އޭގެ ތެރޭގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ހިމެނެ އެވެ. ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އަމަލު ކުރަމުން އަންނަ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ އެންމެ ބޮޑުު މައްސަލައަކީ އެ ގާނޫނުގެ ތައާރަފާއި، އެ ތާރަފްގެ ފުޅާކަމެވެ. މިދިޔަ ސަރުކާރުން އެގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފީ އެ ތާރަފްއާ ހެދި އެވެ. އަދި މިހާރުގެ ބިލުގައި އެ ތާރަފް ހަނި ކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ވޭތުވެދިޔަ ތަނުގައި ފުލުހުން ކޮންމެ ގޮތަކަށް އަމަލު ކޮށްފައިވީ ނަމަވެސް، މިހާރު ފުލުހުންނަށް ބޭނުން ގޮތަކަށް އަމަލު ނުކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެއީ ފުލުހުންނަށް ވެސް ފާރަވެރިވާން ތިބި މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީސް މިހާރު މާ ވަރުގަދަ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ޝަރުއީ ކޯޓުތަކަށްވެސް މިހާރު ރަނގަޅު މީހުން އައްޔަން ކުރަމުން އަންނަކަން ފާހަގަ ކުރައްވައި އެ ކޯޓުތަކުންވެސް މިފަދަ ކަންކަން އިންސާފުވެރިކަމާއެކު ބެލޭނެ ނިޒާމު ގާއިމް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބިލާއި ބެހޭ ގޮތުން މަޖިލިސް މެންބަރަކު ވިދާޅުވީ އަޑީ ދައުލަތުގެ ވާހަކަ ނައްތާލެވޭނީ ފުލުހުންނަށް އިތުރުބާރުކޮށްގެންނެވެ. އަދި އެ ފުރުސަތު ފުލުހުންނަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިކަން ވިސްނަވާ. ބޮމެއް ކަހަލަ އެއްޗެއް މިއޮތް ކުޑަ މާލޭގައި ގޮއްވާލައިފިއްޔާ ދެން ވާނެ ގޮތް، ނަފްސާނީ ގޮތުން ދިވެހިން ބަލިކަށިވާނެ ވަރާއި، ރާއްޖޭގެ އިގްތިސާދު ފުނޑިގެންދާނެ ގޮތް. އަދި މި ކުޑަ މުޖުތަމައު ތެރޭގައި ބިރުވެރިކަން އޮންނާނެ ވަރު. މިހާރުވެސް އެފަދަ މީހުންނާއި ދެކޮޅަށް މަސައްކަތް ކުރަން މާ ލަސްވެސް ވެއްޖެ. އަޅުގަނޑު އުފާ ކުރަން ރައީސް ސޯލިހު ސަރުކާރުން މި އިނިޝިއޭޓިވް ނަގާތީ. ފުލުހުން ބޭނުންވާ ބާރެއް އެމީހުންނަށް ދީގެންވެސް މިކަން ހުއްޓުވަން އެބަޖެހޭ. ގައުމާއި، ރައްޔިތުންނާއި، ދީނުގެ ހައްގުގައިވެސް" އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ބޭފުޅުންގެ ވާހަކަތަކަށް ބަލާއިރު، އެ ބިލާއި މައިގަނޑު ގޮތެއްގައި ދެކޮޅު ހައްދަވާ ބޭފުޅުންގެ ކަންބޮޑުވުން ފެށޭ ހިސާބަކީ ފުލުހުންގެ މުއައްސަސާއަށް އިތުބާރު ކުރަން ދަތިވާ ހިސާބެވެ. މާޒީއަށް ބަލާއިރު، އެކަންބޮޑުވުން އެގޮތަށް އޮންނަންވެސް ޖެހެއެވެ. އަދި އެކަމަކީ ޓެރަރިޒަމްގެ ނުރައްކަލާއި އެއްވަރަށް ރަނގަބީލު އަޅަމުން އަންނަ ނުރައްކަލެއްކަން އެފަދަ ފަރާތްތަކުން ދެކެއެވެ. ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައިކޮށް، ސަރުކާރާއި ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް ކުރިމަތިވެދާނެ ކަމުގެ ނުރައްކަލެވެ.