ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން އެއް އަހަރު ދުވަހަށް މަނާ ކޮށްފި އެވެ.
އެއް އަހަރު ވަންދެން ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުމުގެ ނިންމުން ނިންމަވާ މިއަދު އިއުލާން ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. މިނިސްޓަރު ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ތަމްރީނު ލިބިފައި ނުވާ މަސައްކަތު މީހުން އެތެރެ ނުވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ކޮންމެ ގައުމަކުންވެސް ބިދޭސީ މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެ ގެނެވޭނީ 150،000 އަންސްކިލްޑް ލޭބަރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކޯޓާގެ ދަށުން މިހާރުވެސް ރާއްޖޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 150،000 މަސައްކަތްތެރިން އުޅޭ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ 50000 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށް ލަފާ ކުރާ ކަމަށް ވިދާޅުވި އެވެ. އަދި ކޯޓާ ހަމަވެފައި ވުމުން އިތުރު މީހަކު ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުން ކަނޑައަޅާފައިވާ ކޯޓާ ހަމަވާނެ ކަމަށެވެ. އަދި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްތައް ހިންގާ އެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވީމަ ނިންމުމަކީ އެއް އަހަރު ދުވަސް ވަންދެން އިތުރަށް އަންސްކިލްޑް ދާއިރާތަކަށްއަށް ބަންގްލަދޭޝްއިން މީހުން އިތުރަށް ނުގެނެވޭނެ ގޮތަށް މަނާކުރުން،" ފައްޔާޒު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ތަމްރީނު ނެތި ރާއްޖެ ގެންނަ ބަންގްލަދޭޝް މީހުން ހުއްޓުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް ބެލެވިއްޖެ ހާލަތެއްގައި، ހަ މަސް ފަހުން އެ ނިންމުން ރިވިއު ކުރާނެ ކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް ވޯކްޕާމިޓަށް އެދިފައި ތިބި ބަންގްލަދޭޝް މަަސައްކަަތްތެރިން މީގެ ތެރޭގައި ނުހިމެނޭނެ ކަން ފާހަގަކުރި އެވެ.