ސްޓެލްކޯއިން ދޭ ކަރަންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ އިކުއިޕްމަންޓްސް ޗައިނާގެ ކުންފުންޏަކުން ސްޓެލްކޯއަށް ސަޕްލައި ކޮށްދޭން އެއްބަސްވެއްޖެ އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްްޔާތެއްގައި ޗައިނާގެ ކުންފުނި ސީވައިޖީ ސުންރީ ކޯ ލިމިޓެޑް އާއި ސްޓެލްކޯ އިން ވަނީ އިކުއިޕްމަންޓްސް ހަަވާލު ކުރުމާއެކު މި މަސައްކަތް ކުރާނެ ގޮތާމެދު އެއްބަސްވެ ސޮއި ކޮށްފަ އެވެ. ސްޓެލްކޯގެ ފަރާތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ސޮއި ކުރެއްވި އިރު ޗައިނާ ކުންފުނިން ސޮއި ކުރެއްވީ ވައިސް ޕްރެސިޑެންޓް ސްޓީވަން ވޫ އެވެ.
މިއަދު ސޮއި ކުރި މި އެއްބަސްވުމުގެ ދަށުން، ސޯލާ އެނާޖީއަށް ބަދަލު ކުރުމަށް ސާމްޕަލް ރަށެއްގައި މި މަސައްކަތް ޓެސްޓު ކުރެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވި އެވެ. އެމްޑީ ވިދާޅުވީ، މި ކަން ކުރުމަށް ސާމްޕަލް ރަށެއް ނަގައި އެ ރަށް 100 ޕަސެންޓު ރިނިއުބަލް އަށް ބަދަލު ކުރަން ޓެސްޓު ކުރަން ނިންމާފައިވާއިރު އެންމެ ފުރަތަމަ ޓެސްޓު ރަށެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އއ. އުކުޅަހުގައި ކަމަށް ވިދާޅުވި އެވެ.
"މި ބޭފުޅުންގެ ޓީމް އުކުޅަހަށް ވަޑައިގެން އެ ރަށް އިތުރަށް ސާވޭކޮށް ބެޓެރީ ސިސްޓަމާއި ސޯލާ އާއެކު ވޯކްކޮށްގެން 100 ޕަސެންޓަށް ދެވޭނީ ކިހިނެތްތޯ ސްޓަޑީ ކުރައްވާނީ، އެއަށްފަހު އަޅުގަނޑުމެނަށް މީތި އިންސްޓޯލް ކުރުމަށް ބޭނުންވާ އިކުއިޕްމަންޓުތައް ދެއްވާނެ،" މުގުނީ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މި މަސައްކަތުގައި ކުދި ވިޔަފާރިތަކަށް ބައިވެރިކުރުމަށް މި އިކުއިޕްމަންޓުތައް އިންސްޓޯލް ކުރަން ކުރިއަށް އޮތްތަނުގައި ހަވާލުކުރެވޭނެ ކަމަށެވެ.
ސްޓެލްކޯއިން ދޭ ކަރަންޓުގެ 50 ޕަސެންޓަކީ ސޯލާ އެނާޖީއިން ދޭ ކަރަންޓަށް ހެދުމަށް ކުރިއަށް އޮތް ފަސް އަހަަރު މަސައްކަތް ކުރައްވާނެ ކަމަށް މުގުނީ ވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.