ހުޅުމާލޭގައި ގާތްގަނޑަކަށް 20،000 އަކަފޫޓުގެ ބޮޑު ބިމެއްގައި އަޅާ ޓްރީ ޓޮޕް ހޮސްޕިޓަލް ތަރައްގީކުރަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ އަލިގަދަ ތަރިންނެވެ. މި ބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ ޗަމްޕާ ބަރަދާސް، ކްރައުން ކުންފުނި، އަދި ކާސާ ހޯލްޑިންސް އާއި ކުރެއްދޫ ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ އަކުންނެވެ. މިއީ ރާއްޖޭގައި ހަދާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ.
ހޮސްޕިޓަލް މެނޭޖުކޮށް ބަލަހައްޓަނީ މެލޭޝިޔާގެ ރަމްސީ ސިމީ ދާބީ ކުންފުނިން
ހޮސްޕިޓަލް އެޅުމަށް 60 މިލިއަން ޑޮލަރު އިންވެސްޓް ކުރޭ
ހަ ބުރިއަށް ހަދާ ހޮސްޕިޓަލްގައި ދެ ބައެއް ހިމެނޭ، ޖުމްލަ 200 ކޮޓަރި
ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭ
ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ފުރުސަތު ލިބޭ
ހުޅުމާލެ "ޔޫތް ސިޓީ" ގައި އަޅާ މި ހޮސްޕިޓަލާ މެދު އާއްމުންގެ ބައެއް މީހުންގެ ދެކޭ ގޮތް ވަރަށް ތަފާތެވެ. ބައެއް މީހުންގެ ނަޒަރުގައި މިތަނުގެ އަގުތައް މަތިވާނެ އެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ވުރެ ރާއްޖޭގައި ތިބެގެން އެ ފެންވަރުގެ ބޭސްފަރުވާ ކުރެވޭ ނަމަ އަގުތައް ކޮންމެވެސް ވަރަކަށްހިއްލާލިޔަސް އެއީ އަދި މާކަ ބޮޑު މައްސަލައެއް ނޫނެވެ. އެއީ މިހާރު ވެސް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ބޮޑު ހަރަދެއް ކުރުމެވެ. ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް އުފުލަން ޖެހޭ ވޭނާއި ކުރަން ޖެހޭ ދަތުރު އޮންނަނީ އެހާ ފަސޭހަކަމަލަށް ވެފައެއް ނޫނެވެ. ޓްރީޓޮޕް ހޮސްޕިޓަލް ހަދަނީ ދުރު ހިސާބުތަކުން ބަލި މީހުން ގޮވައިގެން އަންނަ ފަރާތްތަކަށް ވެސް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ތިބެވޭނެ އެކޮމޮޑޭޝަން ބްލޮކަކާ ވެސް އެކު އެވެ. އަދި ހޮސްޕިޓަލް ފުރިހަމަވެ ނިމޭ އިރު، އެތަނުގައި ސައިހޮޓާ ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން ވެސް ގާއިމް ކުރުމަށް ވަނީ ހިމަނައިފަ އެވެ.
މިފަދަ ގޮތަކަށް ހިދުމަތް ދޭ ހޮސްޕިޓަލެއް ފެނުމަކީ ދިވެހިން ދެކެމުން އަންނަ އުންމީދެކެވެ. ރަނގަޅު ސިއްހީ ހިދުމަތެއް ނުލިބި އެކަމުގައި ތާށިވެފައި ތިބޭތާ ލައްކަ ގިނަ ދުވަސް ވެއްޖެ އެވެ. ސިއްހީ ދާއިރާގެ ފެންވަރު ހިއްލައިލުމަށް ސަރުކާރުން މަސައްކަތް ކުރިޔަސް ބަޖެޓްގެ ތާށިކަމާ ހުރެ އެކަން ހާސިލް ކުރުން ގިނަ ފަހަރަށް ވެފައި އޮންނަނީ ބިލާހަކަށެވެ
މަރުކަޒީ ބޭންކް އެމްއެމްއޭ އިން މިދިޔަ އަހަރު ކުރި "ވިޒިޓް އެބްރޯޑް ސާވޭ" އިން އެނގުނު ގޮތުގައި ރާއްޖޭން ބޭރަށް ދިވެހިން އެންމެ ގިނައިން ދަތުރު ކުރަނީ ބޭސްފަރުވާގެ ކަންކަމަށެވެ. އަދި އެކަމަށް މީހެއްގެ ބޮލަށް ގާތްގަނޑަކަށް 1،000 ޑޮލަރު (ގާތްގަނޑަކަށް 15،000ރ. ) ހަރަދު ކުރެ އެވެ. އެހާ ބޮޑު ހަރަދެއް ކޮށް ދިވެހިން ޓްރެވިންޑްރަމް އަށާއި ލަންކާއަށް ދަނީ އެއީ ފަސޭހަ ކަމަކަށް ވާތީއެއް ނޫނެވެ.
މި ސަބަބަށްޓަކައި އާ ހޮސްޕިޓަލަކީ އަގުތައް ހެޔޮ، ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެ ތަނަކަށްވުމަށް ދިވެހިން އެދެ އެވެ. ދިވެހިން ބޭސް ކުރަން ބޭރަށް ދާކަށް ބޭނުމެއް ނޫނެވެ. އިގްތިސާދީ ނަޒަރަކުން ބަލާއިރު ރާއްޖޭގައި ރަނގަޅު ސިއްހީ ހިދުމަތެއް ގާއިމް ކުރެވިއްޖެނަމަ ރާއްޖެއަށް މިކަމުން ކުރާ ފައިދާ ބޮޑުވާނެ ކަމަށް ފެނެ އެވެ. މީގެ ސަބަބުން އެތައް މިލިއަން ޑޮލަރެއް ރާއްޖޭން ބޭރުވިޔަ ނުދީ ހިފެހެއްޓިދާނެ އެވެ.
މި ސުވާލަށް ހޮސްޕިޓަލް އަޅާ ޗަމްޕާ ބްރަދާސްގެ އެއް ޑިރެކްޓަރު ކަމަށްވާ ޗަމްޕާ ހުސެއިން އަފީފް ޖަވާބު ދެއްވި އެވެ. ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އަފީފް ވިދާޅުވީ ހޮސްޕިޓަލުން 2017 ވަނަ އަހަރު ހިދުމަތް ދޭން ފެށުމުން، ދިވެހިން ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް މެޑިކަލް ވިސާ ހޯދަން ސަލާން ޖަހަން ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ. އެއީ ގިނަ ދިވެހިންގެ ތަކުލީފުތަކަކަކަށް ލުޔެއް ލިއްބައިދޭނެ ހޮސްޕިޓަލެކެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހޮސްޕިޓަލް ވެގެންދާނީ މި ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު، އެއް ހޮސްޕިޓަލަށެވެ.
ގާތްގަނޑަކަށް 200 އެނދުގެ ހޮސްޕިޓަލެއްގެ ފުލް ކޮންކްރީޓްކޮށް މަސައްކަތް ނިންމުމަށް މަދުވެގެން ދެ އަހަރު ނަގާނެ އެވެ. ނަމަވެސް މި ހޮސްޕިޓަލަކީ މިގޮތަށް މަސައްކަތްކުރާ ތަނެއް ނޫނެވެ. ހޮސްޕިޓަލްގެ މަސައްކަތްކުރާ ތުރުކީގެ "ޓާމެކްސް" ކުންފުންޏަކީ އާދައިގެ ކުންފުންޏަކަށް ނުވުމެވެ. އެ ކުންފުނިން ރާއްޖޭގައި އަޅާ މި ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހު ނިންމާލާނެ އެވެ. ޓާމެކްސް ކުންފުންޏަކީ ރާވާ ބިޔަ އިމާރާތްތައް ގެނެސް އިމާރާތް ހެދުމަށް މަޝްހޫރު ކުންފުންޏެވެ. އެ ކުންފުނިން އުޒްބެކިސްތާނާއި އެފްރިކާގެ ގިނަ ގައުމުތަކުގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބިޔަ އިމާރާތްތައް ކުރެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތް 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފެށޭނެ އެވެ. ހޮސްޕިޓަލް މެނޭޖުކުރާ ސިމީ ދާބީ ކުންފުނި އުފެދިފައިވަނީ 1980 ގެ އަހަރުތަކުގަ އެވެ. އޮސްޓްރޭލިޔާގެ އެންމެ ބިޔަ ހޮސްޕިޓަލް ހިންގާ މި ކުންފުނިން މެނޭޖުކުރާ ހޮސްޕިޓަލްތައް ދެކުނު އިރުމަތީ އޭޝިޔާގައި ގިނަ އެވެ. މި ކުންފުނީގެ ގެ ދަށުން ދެ މެޑިކަލް ކޮލެޖެއް ވެސް ހިންގަމުންދެ އެވެ.
ރާއްޖޭގެ ސިއްހީ ހިދުމަތުގެ މަލަމަތި ބަދަލުކޮށްލާނެ ކަމަށް ބެލެވޭ މި ހޮސްޕިޓަލާ މެދު ދިވެހިން ތިބީ އުންމީދުގަ އެވެ. "ޓްރީ ޓޮޕް" ހޮސްޕިޓަލްގެ ނަމެކޭ އެއްގޮތަށް ދިވެހިންގެ އުންމީދުތައް ވެސް ހުރީ ހަމަ އެހާ އުހުގަ އެވެ. މި ހޮސްޕިޓަލާ އެކު ދިވެހިންގެ ކެކުޅުންތަކަށް ނިމުމެއް އަންނާނެ ކަމަށް ކުރެވޭ އުންމީދު ބޮޑެވެ. މިއީ ބޭރަށް ނުގޮސް ރަނގަޅު ސިއްހީ ފަރުވާއެއް ހޯދުމަށް މިހާރު އޮތް ހަމަ އެކަނި އުންމީދެވެ. ޕްލޭން ކުރެވިފައި އޮތް ގޮތަށް ދާ ނަމަ 2017 ވަނަ އަހަރުގެ ޖޫން މަހު މި ހޮސްޕިޓަލްގެ ހިދުމަތްތައް ފަށައިގަންނާނެ އެވެ. މިއީ ދިވެހިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ އެވެ. އެ ހަދިޔާ ލިބޭނެ ދުވަހަކަށް ކޮންމެ ދިވެއްސަކު ވެސް އަންނަނީ އުންމީދު ކުރަމުންނެވެ