އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަ ކުރައްވައިފި އެވެ. ރައީސް ސޯލިހު އެކަން ހާމަ ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ސްޕީޑާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ.
ރައީސް ސޯލިހު ހާމަ ކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، 21 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފަށާނެ އެވެ. ވިހި ރަށެއްގެ ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް އެހާ ތަނަށް ފެށޭނެ ކަމަށެވެ. ނޮވެމްބަރު މަހުގެ ތެރޭފގައި 35 ސްކޫލެއްގައި މަޝްރޫއުތައް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދެން ރައީސް ބައްލަވާލެއްވީ ހައުސިންގެ މަޝްރޫއުތަކަށެވެ. އެގޮތުން މާލެ ސަަރަހައްދުގައި 4200 ސޯޝަލް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ނޮވެމްބަރުގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަތޮޅުތަކުގައި 5000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަ ކުރެއްވި އެވެ.
މިހާރު ކުރިޔަށް ދާ ހައުސިން މަޝްރޫއުތައް
- ފޮނަދޫގައި 50 ޔުނިޓު
- ގދ. މަޑަވެލީގައި 22 ޔުނިޓު
- ފުވަމުލަކުގައި 200 ޔުނިޓު
- ހުޅުމީދޫގައި 48 ޔުނިޓު
- ގދ. .ގައްދޫގައި 50
- ސ. ހިތަދޫގައި 264 ޔުނިޓު
- ވިލިނގިލީގައި 52 ޔުނިޓު
- ގދ. ހޯޑެއްދޫގައި 40 ޔުނިޓު
ދެން ރައީސް ސޯލިހު ދެއްވި މައުލޫމާތަށް ބަލާއިރު ހަ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ވަނީ މި ސަރުކާރުގައި ފެށިފަ އެވެ. ހަތަރު މިސްކިތެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އޭގެ އިތުރުން ދެ ރަށެއްގެ މަގު ހެދުން ވަނީ ކޮންޓްރެކްޓްކޮށް ހަވާލުކޮށްފަ އެވެ. ވިހި ރަށެއްގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވާއިރު 14 ރަށެއް ކޮންޓްރެކްޓްކޮށް މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ.
އޭގެއިތުރުން 12 ސްކޫލެއްގެ ކްލާސް ރޫމް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އިތުރު ހަތަރު ރަށެއްގެ ސްކޫލްގެ މަސައްކަތް ވަނީ ކޮންޓްރެކްޓްކޮށް ހަވާލުކޮށްފަ އެވެ. ފެނަކައިން ރަށްތަކަށް 53 ޖެނަރޭޓަރު ފޯރުކޮށްދީފައިވާއިރު، އެއީ 150 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެކެވެ. އަދި 16 ރަށެއްގައި އިންޖީނުގެ ހުރިތަން ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.