ހަބަރު

އެމްޑަބްލިއުއެސްސީ އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވައިފި

މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކުންފުނި (އެމްޑަބްލިއުއެސްސީ) އިން، ބްލަޑް ބޭންކާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.

ފެން ކުންފުނީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ކުންފުނީގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. އެމްޑަބްލިއުއެސްސީ އިން ބުނި ގޮތުގައި، މި ހަރަކާތުގެ މަގްސަދަކީ ތެލަސީމިއާ ޕޭޝަންޓުންނަށް ހިދުމަތްކޮށްދޭ، ބްލަޑް ސާވިސް އަށް ބޭނުންވާ ލޭގެ އެހީ ފޯރުކޮށްދިނުމަށެވެ. އަދި އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމާއި އެކަމަށް މީހުން ހޭލުންތެރިކުރުންވެސް ހިމެނޭ ކަމަށެވެ.

އިތުރަށް ބުނީ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް މިފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މުހިއްމުކަން މިއަދު ކުރިއަށްގެންދިޔަ ބްލަޑް ޑޮނޭޝަން ކޭމްޕުގައި ބުނެދެވުނު ކަމަށެވެ.