ވިޔަފާރި

ހޮންކޮންގް އެއާލައިން އިން ރާއްޖެ އަށް ފްލައިޓް އިތުރު ކުރަނީ

ހޮންކޮންގް އެއާލައިން އިން ރާއްޖެ އަށް ބާއްވާ ފްލައިޓުތައް އިތުރު ކުރަން ނިންމައިފި އެވެ.

ހޮންކޮންގް އެއާލައިން އިން ބުނި ގޮތުގައި ރާއްޖެ އަށް ކުރާ ދަތުރުތައް ހަފުތާއަކު ހަތަރު ފްލައިޓަށް އިތުރު ކުރަން އެއާލައިނުން ނިންމާފައިވާ ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ރާއްޖެއަށް ޗާޓަރު ފްލައިޓުތައް ފުރަތަމަ ފެށި ހޮންކޮންގް އެއާލައިންސް އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ 16، ޖެނުއަރީ 2018 ގަ އެވެ. މި އެއާލައިން އިން މިހާތަނަށް ރާއްޖެ އަށް ދަތުރު ކުރަމުން ގެންގޮސްފައިވަނީ އަންގާރަ ދުވަހާއި ބުރާސްފަތި އަދި އާދީއްތަ ދުވަހު އެވެ.

ރާއްޖެ އަށް ދަތުރުކުރަނީ ހޮންގޮން އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

ހޮންކޮންގް އެއާލައިނުން ބުނި ގޮތުގައި ރާއްޖެއަށް އިތުރުކުރާ އާ ފްލައިޓާއެކު ދަތުރުތައް ފަށަން ނިންމާފައިވަނީ 7، ޑިސެމްބަރު 2019 އިން ފެށިގެން ކަމަށެވެ. އެގޮތުން މި ފްލައިޓު ބާއްވާނީ އާދީއްތަ ދުވަހު ކަމަށް ބުނެފައިވެ އެވެ.

ޗައިނާ އާއި އާސިއާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މި އެއާލައިން އިން ރާއްޖެއަށް ދަތުރު ކުރަން ބޭނުންކުރަނީ އެއާބަސް އޭ 300 އާއި އޭ 330 ގެ މަތިންދާ ބޯޓު ފަހަރެވެ.

މި އެއާލައިންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ފައިދާ ތަކެއް ކުރަމުން ގެންދެ އެވެ. ހާއްސަކޮށް މި އެއާލައިންއަކީ ރާއްޖެއަށް އެންމެ ގިނަ މީހުން އަންނަ ޗައިނާ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު އެއް އެއާލައިން އެވެ. ޓޫރިސްޓު އެރައިވަލް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 172,834 މީހުން ވަނީ އައިސްފަ އެވެ. މިއީ 7.6 ޕަސެންޓުގެ ކުރިއެރުމެކެވެ.