ހަބަރު

ގެއްލުނު އަންހެންމީހާ މަރުވެފައި އޮތްވާ ފެނިއްޖެ

ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަންހެން މީހާ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. ހާދިސާގައި މަރުވެފައިވަނީ ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާ އެވެ.

އަލިފާން ރޯވި އިމާރާތެއްގައި ދިރިއުޅެމުންދިޔަ މީހަކު މަރުވެފައި އޮތްވައި ފެނުނުކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެއީ ޝައުނާ ކަމެއް ފުލުހުން ނުބުނެ އެވެ.

ނަމަވެސް މަރުވެފައި އޮތްވާ ފެނުނީ ޝައުނާކަން އަވަސްއަށް ވަނީ ކަށަވަރުވެފަ އެވެ. ޝައުނާ ދިރިއުޅެނީ ރަނދުވާނިއާގޭގަ އެވެ. އެ އިމާރާތް ވެސް ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.

އޭނާ ގެއްލިގެން ހޯދަމުންދިޔަ އޭނާ އެންމެ ފަހުން ގާތް މީހަކަށް ކުރި ފޯނު ކޯލެއްގައި އިމާރާތުގައި ތާށިވެފައި ހުރި ކަމާއި ސަލާމަތްކޮށްދިނުމަށް އެދިފައިވެ އެވެ. އޭނާ ހޯދުމަށް އެކި ފަހަރު މަތިން ސިފައިންގެ ރެސްކިއު ޓީމް އެ އިމާރާތަށް އެރި އެވެ.

ޝައުނާގެ އިތުރުން ވެސް ފާހަނާއެއްގެ ތެރޭގައި ދެމައިން ތާށިވެފައި ތިއްބެވެ. އެ ދެމައިން ވަނީ ސިފައިން ސަލާމަތްކޮށްފަ އެވެ. އެމީހުންގެ ހާލު ރަނގަޅެވެ.

އަބަދަށް ފެހި މަގުގައި ހުރި ގުދަނުގައި މިއަދު 7:30 ހާއިރު ރޯވި އަލިފާންގަނޑުގައި މިހާތަނަށް ހަތް އިމާރާތެއް ވަނީ އަނދާފަ އެވެ. އަދިވެސް ބައެއް އިމާރާތްތަކުގައި އަލިފާނުގެ އަސަރު އެބަ ހުއްޓެވެ.