ހަބަރު

އަލިފާނުގެ ހާދިސާގައި އަރި އަޅާލި އިމާރާތް ތަޅާލަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އޮނިގަނޑަކަށްވެ އަރި އަޅާލި އިމާރާތް މިއަދު ތަޅާލާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 9:00 ގައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ އިމާރާތް ތަޅާލުމުގައި މަސައްކަތުގައި ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

ހެންވޭރު، އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.

އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދުގެ ގޭގެއިން މީހުން ހުސްކޮށް މުޅި އެ ސަރަހައްދު ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފާއި ފުލުހުންނެވެ.