ގައުމީ މޫސުމާބެހޭ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.
އެހެންކަމުން ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ. އެލާޓް ނެރެފައިވަނީ ހަވީރު 16:00 ފެށިގެން މިރޭ 22:00ގެ ނިޔަލަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 23 މޭލާ، 29 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަކުރަމުންނެވެ. މޫސުމަށް ސަމާލުވުމަށް ސިފައިންނާ، ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުންގޯސް ކަނޑުގަދަ ދުވަސްތަކުގައި ދަތުރުކުރުމުގެ ސަބަބުން މީގެ ކުރިން ވަރަށް ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުންޖަހާލާ ފަސް މީހުން ވަނީ މަރުވެފައެވެ.