އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްގެ އެކައުންޓުން ޖަމާކުރި އެއް މިލިއަން ޑޮލަރު ފޮރުވައި އޭގެ އަސްލު އޮޅުވާލަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ނިޔަތް ރަނގަޅު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތުގެ މިއަދުު އަޑުއެހުމުގަ އެވެ. މި އަޑުއެހުމަކީ ރައީސް ޔާމީންގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކި ބަސް ނަގަން ތާވަލުކުރި އަޑުއެހުމެކެވެ. ނަމަވެސް އަޒީމާ ވަނީ ހެކި ބަސް ދެއްވަން އުޒުރުވެރިވާ ކަމަށާއި މައްސަލާގައި ދެއްވާނެ ހެކި ބަހެއް ނެތް ކަމަށް ވިދާޅުވެ ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ.
މިހާރު ރާއްޖެއިން ބޭރުގައި އުޅުއްވާ އަޒީމާގެ އެ ސިޓީ ލިބިފައިވާތީ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ އޭނާގެ ހެކި ބަސް ނުނަގާށެވެ.
ހަމަ އެގޮތަށް މި މައްސަލާގައި ރައީސް ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެއްކެއް ކަމަށްވާ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކި ބަސް ވެސް ނުނަގަން ވެސް ވަނީ ނިންމާފަ އެވެ. އޭނާ ވެސް ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވައި ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އޭނާގެ ހެކި ބަސް ނުނެގި ނަމަވެސް އޭނާ ތަހުގީގަށް ދެއްވި ބަޔާނުގެ ވީޑިއޯ ސީޑީ، ބެއްލެވުމަށް ގާޒީ ނިންމެވި އެވެ. އެކަމާ ރައީސް ޔާމީންގެ ފަރާތުން އިއުތިރާޒު ވެސް ކުރި އެވެ. ނަމަވެސް ގާޒީ ނިންމެވީ އެ ވީޑިއޯ ބެލުމަށެވެ. އަދި ވީޑިއޯ ބަލަން ރައީސް ޔާމީންގެ ފަރާތުން ބޭނުންވާނަމަ އެ ފަރާތަށް ވެސް އެ ފުރުސަތު ދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެން އޮތީ ކިތާބީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ޝަފަވީ ހެކިންގެ ހެކި ބަހާ ގުޅޭ ގޮތުން ފާހަގަވި ނުކުތާތައް ބަޔާން ކުރުމެވެ. އެގޮތުން އެންމެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ވަނީ އެކަންކަން ފާހަގަކޮށް ވާހަކަ ދައްކަވާފަ އެވެ.
ޕީޖީގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި ކުށުގެ އުންސަރުތައް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ސަބަބުން ސާބިތުވާ ކަމަށެވެ. އެގޮތުން އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފޮނުވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ބެލެވެން އެބަ އޮތް ކަމަށެވެ. އެކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކި ބަހުން ވެސް ބާރު ލިބޭ ކަމަށެވެ.
އެ ފައިސާއާމެދު ޝައްކު އުފެދޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދިޔައީ އެ މައްސަލަ ތަހުގީގު ކުރަމުންކަން ސާބިތުވާން އެބަ އޮތް ކަމަށާއި އެހެންކަމުން އެއީ ކުށެއް ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކު އުފެދޭ ފައިސާތަކެއްކަން ސާބިތުވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުން ކުށުގެ އެއް އުންސަރަކީ ކުށެއް ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކު އުފެދޭ ފައިސާތަކަކަށް ވުމެވެ. އެ ފައިސާތަކަކީ ޝައްކު އުފެދޭ ފައިސާތަކެއްކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާކަން އެނގެން އެބަ އޮތް ކަމަށާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، އެ މައުލޫމާތު ގުޅާފައި ދެއްވި ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ.
ކުށުގެ ދެވަނަ އުންސަރަކީ ފައިސާގެ އަަސްލު އޮޅުވާލުމެވެ. ވަކީލް ވިދާޅުވި ގޮތުގައި އެ އުންސުރު ވެސް ސާބިތުވެ އެވެ. އެއީ އޭސީސީއާއެކު ރައީސް ޔާމީން އުފެއްދެވި އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވީ އެސްއޯއެފްއިން ޖަމާކުރި ފައިސާ ކަމުގައިވީ ނަމަވެސް ބޭންކް ސްޓޭޓްމެންޓްތަކުން އެނގެނީ އެސްކްރޯ އެކައުންޓަށް ޖަމާކުރީ ބީއެމްއެލްގެ އެކައުންޓަކުން އެހެން ފައިސާތަކެއް ކަމަށެވެ. އަދި އެސްއޯއެފްއިން ޖަމާކުރި ފައިސާތައް އިސްލާމިކް އެކައުންޓްގައި ހުޅުވާފައި އޮތް ރައީސް ޔާމީންގެ ތިން އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތުން ރައީސް ޔާމީން ހޯދައްވާފައިވާ ފައިސާތަކެއްކަން އޭނާގެ ހެކި ބަހުން ވެސް އެނގޭ ކަމަށް ވަކީލު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީން ވެސް މިއަދު ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އެއް ބޭންކެއްގެ އެހެން އެކައުންޓަކަށް ފައިސާ ޖަމާ ކުރުމަކީ އޭގެ އަސްލު އޮޅުވާލުން ކަމެއް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާއެއް ކަމެއް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ. އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓަށް ޖަމާވިއިރު ވެސް އެ އެކައުންޓްގައި ފައިސާ ހުރި ކަމަށާއި ވީއިރު އެއިން އެމްއެމްޕީއާރްސީގެ ފައިސާ ކަނޑައަޅަނީ ކިހިނެއްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.
ރައީސް ޔާމީން ވަނީ ސިވިލް ކޯޓުން އެސްއޯއެފް އާއި އެމްއެމްޕީއާރްސީއާ ދެމެދު ސައްހަ މުއާމަލާތަތްައް ހިނގާފައިވާ ކަމަށް ކަނޑައަޅާފައިވާ ހުކުމް ވެސް ފާހަގަ ކުރައްވާފަ އެވެ. އެ ހުކުމްގައިވާ ގޮތުން ވެސް އެ ދެ ކުންފުނީގެ މުއާމަލާތްތަކުގައި ސައްހަ ނޫން މުއާމަލާތްތަކެއް އުޅޭ ކަމަށް ބުނެވެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އޭގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ވޮޑުމުލާގެ ފައިސާ އެމަނިކުފާނަށް ލިބެންޖެހޭ ސަބަބެއް އަދީބާއި ޒިޔާތު ގެނެސް ހެކި ބަސް ނަގައިގެން ވެސް ބުނެދެވިފައިނެތް ކަމަށެވެ.
އެސްއޯއެފްއިން ޖަމާކުރި ފައިސާ ފޮރުވައި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ނުކުރައްވާކަން ތަކުރާރުކޮށް މިއަދު ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ވިދާޅުވީ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހަދައި ފައިސާ އެ އެކައުންޓްގައި ބަހައްޓަން އެމަނިކުފާނު ނިންމެވީ ވެސް ހެޔޮ ނިޔަތުގައި ކަމަށެވެ. އެކަމަކީ އޭސީސީއިން ކުރި ކަމެއް ނޫން ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާއެއް ހޯދަން އޭސީސީއިން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރެއްވި ސަބަބުތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ. އޭގެ ތެރެއިން އެއް ސަބަބެއް ކަމަށް ވިދާޅުވީ އޭސީސީއިން އެ ފައިސާތަކުގައި އަތް ނުލަން އޭގެ ކުރިން އެމަނިކުފާނަށް އަންގާފައި އޮތުމެވެ.
ރައީސް ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓް ހެދުމުގެ ކުރިން ސިޓީއަކުން އޭސީސީއިން ވަނީ އެ ފައިސާތަކުގައި އަތް ނުލައި އެ ހުރި ގޮތަށް ބެހެއްޓުމަށް އެމަނިކުފާނަށް އަންގާފަ ކަމަށެވެ. އެހެންވެ އެ ފައިސާގައި އެމަނިކުފާނު އަތްލައި، އެ އެހެން އެކައުންޓަކަށް ޖަމާކޮށްފިނަމަ އެމަނިކުފާނު ގާނޫނީ ކުށަކަށް އަރައިގަތީ ކަމަށް ބެލުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެންވެ، އެ ފައިސާތަކެއް ޖަމާ ކުރެއްވީ ކަމަށާއި ނަމަވެސް އެއީ ހެޔޮ ނިޔަތުގައި ކުރެއްވި ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތަށް މުހިންމު ވާނީ ފައިސާގެ މިންވަރު ކަމަށާއި ދައުލަތުން ބޭނުންނަމަ މިހާރު ވެސް ނެގޭ ގޮތަށް އެއް މިލިއަން ޑޮލަރު އެ އެކައުންޓްގައި އެބަހުރި ކަމަށެވެ. އެހެންވެ މި ދައުވާ އެމަނިކުފާނުގެ މައްޗަށް ކުރާތީ ހިތާމަ ކުރައްވާ ކަމަށާއި ދައުވާއަކީ މިހާރުގެ ސަރުކާރުން ބޭނުންވެގެން ކޮށްގެން އުޅޭ ދައުުވާއެއް ކަމަށެވެ.
ރައީސް ޔާމީންގެ ވަކީލުން ވެސް ވަނީ އެ ނުކުތާތައް ތަފްސީލްކޮށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެދެއްވާފަ އެވެ. ރައީސް ޔާމީންގެ ވަކީލު އަލީ ޝާހް ވިދާޅުވީ ކުށުގެ އުންސުރުތައް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން އެ ފައިސާތަކަކީ ޝައްކު އުފެދޭ ފައިސާތަކެއްކަން ނުވަތަ ޝައްކު އުފެދެނީ ކިހިނެއްކަން ވެސ ބުނެ ނުދެވޭ ކަމަށެވެ.
އެސްއޯއެފްއިން އެކިއެކި ފަރާތްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ވޮޑެމުލާގެ ފައިސާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނެތް ކަމަށެވެ. އަދި އެގޮތަށް މިހާތަނަށް އޭސީސީއިން ވެސް އަދި ކޯޓަކުން ވެސް ކަނޑައަޅާފައިނެތް ކަމަށެވެ.
އޭގެއިތުރުން ކުށުގެ ދެވަނަ އުންސުރު ކަމަށްވާ ފައިސާގެ އަސްލު އޮޅުވާލުން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައިނެތް ކަމަށް އަލީ ޝާހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސާ އޮޅުވާލިކަން ދެއްކިފަ ނެތް ކަމަށާއި ދައުލަތަށް ލިބެންޖެހޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރަށް މިހާރު ވެސް އެ ހުރީ ވާސިލްވެވެން ކަމަށެވެ. އެ ފޯރުވައިގެން އޭގެން ފައިދާއެއް ހޯދުމަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށެވެ.
ރައީސް ޔާމީންގެ އަނެއް ވަކީލް އާދަމް އާސިފް ވިދާޅުވި ގޮތުގައި މި ދައުވާއަކީ ސާބިތުކުރުމަށް ވަރުގަދަ އެއްވެސް ހެއްކެއް ނެތްއިރު މިއީ ޕީޖީގެ މަގާމު ދިފާއު ކުރެއްވުމަށް ކުރައްވާފައިވާ ދައުވާއެއް ކަމަށެވެ. މުޅި ހާދިސާގައި ވެސް ރައީސް ޔާމީން އަމަލު ކުރައްވާފައިވަނީ ތެދު ނިޔަތުގައިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވެސް ސާބިތުވާ ކަމަށެވެ. ދައުލަތުގެ ހެކިތަކުން ވެސް ސާބިތުވަނީ ރައީސް ޔާމީންގެ ތެދު ނިޔަތާއި މައުސޫމްކަން ކަމަށް އާސިފް ވިދާޅުވި އެވެ.
މި މައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުން ތާވަލުކުރީ އަންނަ މަހުގެ ދިހަވަނަ ދުވަހަށެވެ. އެއަށްފަހު ހުކުމް އިއްވުމުގެ އަޑުއެހުން ދިހަ ދުވަހުގެ ތެރޭގައި ތާވަލުކުރަން ޖެހޭނެ އެވެ. މި ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.