ލައިފްސްޓައިލް

މީވެސް ބައިސްކަލް: އެކަމަކު އާދައިގެ ކަމެއް ނޫން!

"ބައިސްކަލް ދުއްވުން އެއީ މައެދޭ ކަމެއް، ފައި ނުފޯރިއަކަސް ކުރާ ހިތްވާ ކަމެއް،" މިއީ ގިނަ ދިވެހިން ދަންނަ މަޝްހޫރު ޅެން ބައިތެކެވެ. ކުރީގެ ދިވެހި ފޮތުގައި އޮންނަ މި ޅެން ބައިތުގައި ބުނާ ގޮތަށް ގިނަ މީހުން ބައިސްކަލް ދުއްވަން ބޭނުންވެ އެވެ. ނަމަވެސް މިއީ އެ ޅެން ބައިތުގައި ބުނާ ބައިސްކަލްތަކުގެ ވާހަކައެއް ނޫނެވެ. މި ބައިސްކަލް ތަކަކީ ފެންވަރު ރަނގަޅު ބައިސްކަލް ތަކެވެ. އަގުގެ ގޮތުން ބެލިނަމަވެސް ސައިކަލެއް ގަތުމެކޭ ތަފާތެއް ނެތެވެ.

"މި ބައިސްކަލު ތަކަކީ އާދައިގެ މި ހުންނަ ބައިސްކަލްތަކާ މުޅިން ތަފާތު އެއްޗެއް. ދުއްވާލަން ވެސް ވަރަށް ފަސޭހަ ވާނެ،" ރާއްޖެއަށް ފެންވަރު މަތީ ބައިސްކަލް ރާއްޖެއަށް އެތެރެކުރާ "ރޯލިން ޕެޑަލްސް" ގެ އެއް ފައުންޑަރު ކަމަށްވާ މުހައްމަދު ބައްސާމް ވިދާޅުވި އެވެ.

މި ބައިސްކަލްތަކުގެ އެއް ތަފާތަކީ އަގެވެ. އާއްމުކޮށް ބާޒާރުން ބައިސްކަލެއް 3،000ރ. ވަރަށް ލިބުނު ނަމަވެސް މީގެ އަގު އުޅެނީ ތި ހީކުރި ވަރަށް ވުރެ މަތީގައި އެވެ. މި ބައިސްކަލްތަކުގެ ތެރޭގައި 10،000 ޑޮލަރު (ގާތްގަނޑަކަށް އެއްލައްކަ ރުފިޔާއަށް ވުރެ މަތީ) އަގު ތަކުގެ ބައިސްކަލްތައް ވެސް އެބަ ހުއްޓެވެ. މީގެ އިތުރުން މުޅިން ތަފާތު މޮޑެލްތަކުގެ ތަފާތު ސްޓައިލްތަކުގެ ބައިސްކަލްތައް ހުރެ އެވެ.

މީގެ ތެރޭގައި އެންމެ ފެންވަރު ރަނގަޅު ބައިސްކަލްގެ ގޮތުގައި މާލޭގައި މިހާރު ހުރީ އީ- ބައިކް އެވެ. މިއީ ގަޑިއަކު 40 ކިލޯ މީޓަރުގެ ބާރު މިނުގައި ދުވެލި ނެގުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. މިއީ މާލޭގައި ސައިކަލް ދުއްވަން ހުއްދަ ކޮށްފައިވާ 30 ކިލޯ މީޓަރަކަށްވުރެ ވެސް ބާރު މިނެކެވެ.

ރޯލިން ޕެޑަލްސް އިން ވާހަކަ ދެއްކި، ބައްސާމް ވިދާޅުވީ އެ ތަނުން ވިއްކާ ބައިސްކަލްތައް ގަންނަ މީހުން ނަށް އަރާމުކޮށް އުޅެލެވޭނެ ކަމަށެވެ.

"ކުދިން ގޮވައިގެން ދާ މީހުންނަށް ހާއްސަ ބައިސްކަލް ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. ކުޑަ ކުދިން ކުދިން ގޮވައިގެން މީގައި ޑަބަސް ޝީޓްކޮށްލައިގެން ވެސް ދެވިދާނެ. އެގޮތަށް ގޮނޑިތައް ހުންނަ ބައިސްކަލް ވެސް އެބަހުރި،" ބައްސާމް ވިދާޅުވި އެވެ.

މުޅިން ތަފާތު މި ބައިސްކަލްތައް ފެންނަނީ "ބައިކް މޯލްޑިވްސް" އިން ބާއްވާ އެކި އިވެންޓްތަކުގަ އެވެ. އެގޮތުން ހުކުރު ދުވަހު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ވެސް ބައިސްކަލްތައް ދައްކާލާފައިވެ އެވެ.

ބައްސާމް ވިދާޅުވީ އާއްމުކޮށް ވިއްކާ ބައިސްކަލްތަކަކީ ވަރަށް "ލޯ ގްރޭޑް" އެއްޗިހި ކަމަށާއި، މީގެ މެއިންޓަނަންސް ވެސް ވަރަށް ހައިވާނެ ކަމަށެވެ.

"އާއްމުކޮށް ހުންނަ ބައިސްކަލް ގަންނަން ކުރާ އިންވެސްޓަށް ވުރެ ބޮޑު އެއްޗެއް ދާނެ އެ ހަދަން. އެކަމަކު މި މުޅިން ތަފާތު ވާނެ. އަޅުގަނޑުމެން އަތުން ބައިސްކަލް ގަތުމުން އޭގެ މެއިންޓަނަންސް ވެސް ދެން،" ބައިކް މޯލްޑިވްސްގެ އެއް ފައުންޑާ ކަމަށްވާ ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯލިން ޕެޑަލްސް އިން ވިއްކާ އެންމެ އާދައިގެ ބައިސްކަލްގެ އަގުތައް ވެސް އުޅެނީ 5،000ރ. ވަރަށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ފިއުޗާގައި ބައިސްކަލް ދުއްވާނެ ތަންތަން ވެސް އަންނާނެ ކަމަށް. ބައިސްކަލްގައި ވާ ގޮތަކީ ދުއްވާލަން ވެސް ފަސޭހަ ވުން،" ބައްސާމް ވިދާޅުވި އެވެ.