ވިޔަފާރި

ބޭންކްތަކާއި އާންމު ފަރާތްތަކުން ޓީ-ބިލަށް ކުރި އިންވެސްޓް 15 ޕަސެންޓް މައްޗަށް

ވިޔަފާރި ބޭންކްތަކާއި އެހެނިހެން ފަރާތްތަކުން ޓީ-ބިލަށް އިންވެސްޓްކުރި އަދަދު 15 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން މެއި މަސް ނިމުނުއިރު ބޭންކްތަކާއި އެހެނިހެން ފަރާތްތަކަށް 12 ބިލިއަން ރުފިޔާ ޓީ-ބިލްގެ ގޮތުގައި އިންވެސްޓްކޮށްފައިވެ އެވެ. ނަމަވެސް މަހުން މަހަށް ބަލާއިރު މި އަދަދު ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ.

މަރުކަޒީ ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ސެކިއުރިޓީސްގެ (ޓީ-ބިލް އަދި ޓީ- ބޮންޑް) ގެ އަދަދަކީ 18.4 ބިލިއަން ރުފިޔާ އެވެ. މަހުން މަހަށް ބަލާއިރު މި އަދަދު ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މި އަދަދު ވަނީ 36 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

"ފާއިތުވެދިޔަ މަސް ނިމުނުއިރު ޓީ- ބޮންޑުގެ އައުޓްސްޓޭންޑިންގެ އަދަދަކީ 6.4 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު މި އަދަދު ކުޑަކޮށް ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޓީ-ބޮންޑުގެ އައުޓްސްޓޭންޑިން އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ސަރުކާރުން ނުދައްކަ ހުރި ފައިސާގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެމްއެމްއޭ އިން ސަރުކާރަށް ދޫކޮށްފައިވާ ކުރު މުއްދަތުގެ ލޯނެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓީ- ބޮންޑަށް ބަދަލު ކުރުމެވެ.