ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބިގެން ދިޔަ ނަމަވެސް އެ ގާނޫނު ނާޖާއިޒު ގޮތުގައި މި ސަރުކާރުން ބޭނުން ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމާއި މީހުނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ.
މަޖިލީހުން އެ ބިލު ފާސް ކުރުމާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެންނަން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްވުމަކީ ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.
"މި ގާނޫނުގެ ނާޖާއިޒު ބޭނުުން މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން، އިންޝާﷲ،" އިމްރާން ކުރެއްވި ޓްވީޓްގައިވެ އެވެ.
ޓެރަރިޒަމްގެ ބިލުގައި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ދޭތީއާއި ބައެއް އަސާސީ ހައްގުތައް ހިފަހައްޓާފައިވާތީވެ އެ ކަން ނާޖާއިޒު ގޮތުގައި ބޭނުން ކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮތެވެ. އެ ގޮތުން ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ނަމަވެސް ޓެރަރިޒަމްގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލުގައި ކުރިއަށްވުރެ ބޮޑަށް ޓެރަރިޒަމްގެ ކުށް ބަޔާންކޮށްދީފައިވާތީވެ އެ ބިލުގެން ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ބަދަލުގައި އެ ކަން ހުއްޓިގެން ދާނީ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނުން ސިޔާސީ ބައެއް ބޭފުޅުންނަށް ނުހައްގު ހުކުމްތަކެއް ކުރި ނަމަވެސް ދެން އެ ކަން ނުވާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ބައެއް ސިޔާސީ ލީޑަރުންނަށް ވަނީ ދައުވާ އުފުލައި ހުކުމް ކޮށްފަ އެވެ. އޭގެ ތެރޭގައި މިނިސްޓަރު އިމްރާނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.