ވިޔަފާރި

ގުޅިފަޅު ބަނދަރަށް ކޮންސެލްޓެންސީ ހަވާލުކޮށްފި

ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމަކަށް، 1.6 މިލިއަން ޑޮލަރަށް ހަވާލުކޮށްފި އެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުމަދު މިގްދާދު އެވެ. އަދި ޑެންމާކާއި ހޮލެންޑުގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެސްޕާ ހާޑާ އެވެ. ނަމަވެސް އެ އިވެންޓަށް މީޑިއާ އަށް ދައުވަތު ދީފައެއް ނުވެ އެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް ނުވަތަ ޖޮއިންޓް ވެންޗާ އަށެވެ. މި މަޝްރޫއުގައި ސަބް ކޮންސެލްޓެންޓުގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އެވެ.

ބަނދަރުގެ އެންމެ މުހިންމު މަސައްކަތް

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު އަވަސްއަށް މިއަދު ވިދާޅުވީ މި މަޝްރޫއަކީ ގުޅިފަޅު ބަނދަރުގެ އެންމެ މުހިންމު ބައި ކަމަށާ، އެ ކުންފުނިން މިހާރު މަަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެ ކުންފުނިން ފަހަރަކު ބައެއް ނިންމައި ރިޕޯޓް ހުށަހަޅަމުން ދާނީ. މި ކުންފުނިން ހަދާނެ، މި މަޝްރޫއުގެ ފީޒިބިލިޓީ އާއި ޑީޓެއިލް ޑިޒައިން އަދި އީއައިއޭ ރިޕޯޓުގެ އިތުރުން ޓެންޑަ ޑޮކިއުމެންޓް ވެސް،" އިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ޖީއެސްޓީއާއެކު 1.5 މިލިއަން ޑޮލަރަށް ހަވާލު ކޮށްފައިވާ އަގަކީ ވަރަށް އެކަށީގެންވާ އަގެއް ކަމަށެވެ.

"ބިޑް އުސޫލުން މަތިން މާކްސް ލިބިގެން ހަވާލުކުރީ. މިއީ ދުނިޔޭގައި ވެސް މިފަދަ މަސައްކަތް ކުރަން މަޝްރޫއު ކުންފުންޏެއް،" އިޔާދު ވިދާޅުވި އެވެ.

މަސައްކަތުގައި ދިވެހި ތިން ކުންފުނި ބައިވެރިވޭ

މި މަޝްރޫއު ހަވާލު ކޮށްފައިވާ ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެވެ. ދެން މި މަސައްކަތުގައި ބައިވެރިވަނީ ރާއްޖޭގެ ވޯޓާ ސޮލިއުޝަނާއި ކްލިއަރިއަން މޯލްޑިވްސް އަދި ބީޗް ކޮން ވެންޗާ އެވެ. މި ކުންފުނި ތަކުން މި މަޝްރޫއުގައި ހިމެނެނީ ސަބް - ކޮންސެލްޓެންސީ ދޭ ކުންފުނިތަކުގެ ގޮތުގަ އެވެ.

ހޮލެންޑުގެ ނިރާސް ކުންފުންޏަކީ ދުނިޔޭގެ މިފަދަ ބޮޑެތި މަޝްރޫއު ތަކެއްގައި ކޮންސެލްޓެންސީ ދީފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ލީބިއާގެ ޕޯޓުގެ މާސްޓަ ޕްލޭން ހަދައި ދިނުމުގެ އިތުރުން ޑެންމާކުގެ ތާރީހުގައި ހިންގި އޮފްޝޯ ވިންޑް ޓާބައިން އެންމެ ބޮޑު މަޝްރޫއަށް ކޮންސެލްޓެންސީ ދިނެވެ

ބަނދަރުގެ ބޮޑެތި މަޝްރޫއު ހިންގާ ކުންފުންޏެއް

ނިރާސް އިން މީގެ ކުރިން ރާއްޖޭގެ ބައެއް ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގައި ވެސް ކޮންސެލްޓެންސީ ދީފައިވެ އެވެ. މި މަޝްރޫއުގައި ބައިވެރިވާ ހޮލެންޑުގެ އެމްޓީބީއެސް ކުންފުންޏަކީ ވިޔަފާރި ބަނދަރުތަކުގައި ބޮޑެތި މަސައްކަތްކޮށް އަދި ކޮންސެލްޓެންސީ ދޭ ކުންފުންޏެކެވެ.

އެ ކުންފުނިން ކޮންސެލްޓެންސީދީފައިވާ މަޝްރޫއުތަކުގެ ތެރޭގައި ޔޫކޭ ޕޯޓާއި ބްރެޒިލް ކޮންޓެއިނާ ޓާމިނަލް އަދި ޔޫކްރެއިން ޕޯޓު ހިމެނެ އެވެ. މީގެ އިތުރުން މި ކުންފުނިން މީގެ ކުރިން ވަނީ ސްރީލަންކާ ޕޯޓުގެ މަސްޓާ ޕްލޭން ވެސް ހަދައިދީފަ އެވެ. ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރަން ކޮންސެލްޓެންސީ ދޭން ހަވާލު ކުރިއިރު، މި ސަރުކާރުން ވަނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ފެށުމުގެ ގޮތުން، މާސްޓަ ޕްލޭން ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމެންޓްރީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދަން މީގެ ކުރިން އެތަށް ފަަހަރު އިއުލާނު ކޮށްފަ އެވެ. އަދި ފަހުން ފިނޭންސް މިނިސްޓްރީން ވަނީ މި މަސައްކަތް ކުރުމަށް 34 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑު ބަނދަރެއް ހެދުމުގެ ޕްލޭނެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެގޮތުން ބަނދަރެއް ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ވެސް އުޅުނެވެ. ފަހުން އެ ކުންފުނިން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.