ގުޅިފަޅު

އެއް މިލިއަން ޑޮލަރަށް ގުޅީފަޅު ބަނދަރު ކޮންސެލްޓެންސީ ހަވާލުކޮށްފި

ގުޅިފަޅުގައި ބައިނަލް އަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ހަދަން، ކޮންސެލްޓެންސީ ދޭން ޑެންމާކާއި ހޮލެންޑުގެ ޖޮއިންޓް ވެންޗާ (ޖޭވީ) އަކާއި ދިވެހި ތިން ކުންފުންޏަކަށް ހަވާލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވްލޮޕްމަންޓަށް ކޮންސެލްޓެންސީ ދިނުމަށް ހަވާލު ކޮށްފައިވަނީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ހަރަކާތްތެރިވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އެވެ.

މި މަޝްރޫއު ހަވާލު ކޮށްފައިވާ ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެވެ. ދެން މި މަސައްކަތުގައި ބައިވެރިވަނީ ރާއްޖޭގެ ވޯޓާ ސޮލިއުޝަން އާއި ކްލިއަރިއަން މޯލްޑިވްސް އަދި ބީޗް ކޮން ވެންޗާ އެވެ.

މި ކުންފުނި ތަކުން މި މަޝްރޫއުގައި ހިމެނެނީ ސަބް - ކޮންސެލްޓެންސީ ދޭ ކުންފުނިތަކުގެ ގޮތުގަ އެވެ. މި މަަސައްކަތް ހަވާލު ކޮށްފައިވަނީ އެއް މިލިއަން ޑޮލަރެވެ.

މި މަސައްކަތްކުރާ ހޮލެންޑުގެ ނިރާސް ކުންފުންޏަކީ ދުނިޔޭގެ މިފަދަ ބޮޑެތި މަޝްރޫއު ތަކެއްގައި ކޮންސެލްޓެންސީ ދީފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ލީބިއާގެ ޕޯޓުގެ މާސްޓަ ޕްލޭން ހަދައި ދިނުމުގެ އިތުރުން ޑެންމާކުގެ ތާރީހުގައި ހިންގި އޮފްޝޯ ވިންޑް ޓާބައިން އެންމެ ބޮޑު މަޝްރޫއަށް ކޮންސެލްޓެންސީ ދިނެވެ.

ނިރާސް އިން މީގެ ކުރިން ރާއްޖޭގެ ބައެއް ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގައި ވެސް ކޮންސެލްޓެންސީ ދީފައިވެ އެވެ. މި މަޝްރޫއުގައި ބައިވެރިވާ ހޮލެންޑުގެ އެމްޓީބީއެސް ކުންފުންޏަކީ ވިޔަފާރި ބަނދަރުތަކުގައި ބޮޑެތި މަސައްކަތްކޮށް އަދި ކޮންސެލްޓެންސީ ދޭ ކުންފުންޏެކެވެ.

އެ ކުންފުނިން ކޮންސެލްޓެންސީދީފައިވާ މަޝްރޫއުތަކުގެ ތެރޭގައި ޔޫކޭ ޕޯޓާއި ބްރެޒިލް ކޮންޓެއިނާ ޓާމިނަލް އަދި ޔޫކްރެއިން ޕޯޓު ހިމެނެ އެވެ. މީގެ އިތުރުން މި ކުންފުނިން މީގެ ކުރިން ވަނީ ސްރީލަންކާ ޕޯޓުގެ މަސްޓާ ޕްލޭން ވެސް ހަދައިދީފަ އެވެ.

ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރަން ކޮންސެލްޓެންސީ ދޭން ހަވާލު ކުރިއިރު، މި ސަރުކާރުން ވަނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ފެށުމުގެ ގޮތުން، މާސްޓަ ޕްލޭން ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމެންޓްރީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދަން މީގެ ކުރިން އެތަށް ފަަހަރު އިއުލާނު ކޮށްފަ އެވެ. އަދި ފަހުން ފިނޭންސް މިނިސްޓްރީން ވަނީ މި މަސައްކަތް ކުރުމަށް 34 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މި ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް މާލެ އާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ ޕްލޭނަށް ފައިސާ ހޯދަން ހުށަހެޅި އެވެ. މި މަޝްރޫއަށް ހޯދަން ހުށަހަޅާފައި ވަނީ މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) އެވެ. އަދި މާލެ އާއި ވިލިމާލެ އަދި ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަޝްރޫއު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑު ބަނދަރެއް ހެދުމުގެ ޕްލޭނެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެގޮތުން ބަނދަރެއް ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ވެސް އުޅުނެވެ. ފަހުން އެ ކުންފުނިން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.