ހަބަރު

ކުޅުދުއްފުށީ ސްކޫލުގައި އާ އިމާރާތެއް އަޅަން 8 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހދ. ކުޅުދުއްފުށީ ސްކޫލުގައި 12 ކްލާސްރޫމް ހިމެނޭ ގޮތަށް ހަތަރު ބުރީ އިމާރާތެއް އަޅަން ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރީ އޮފީސް މެނޭޖާ ފާތިމަތު ލައިސާ ލަތީފް އެވެ.

އެ މަޝްރޫއުގެ ދަށުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމް އަޅާ އަންނަ އަހަަރުގެ ސެޕްޓެމްބަރު މަހު ބޭނުން ކުރާން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި ޕްރޮޖެކްޓު ހަވާލު ކުރި ކުންފުންނަށް އަށް މިލިއަން ރުފިޔާ އަށް މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަވާލުކުރި ޕްރޮޖެކްޓަކީ އެ މިނިސްޓްރީގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކެކެވެ. މި އަހަރު ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ ކަމަށް ސްޓޭޓް މިނިސްޓަރު މީގެ ކުރިން ވަނީ ފާހަގަކޮށްފަ އެވެ.