ބިދޭސީން

ބޭރު މީހާ ގަޔަށް ފެން ޖެހި މައްސަލަ ބަލަނީ

ޕާކްކޮށްފައި ހުރި ސައިކަލެއްގައި އިށީނދެ އިން ބިދޭސީއެއްގެ ގަޔަށް ފެން ބާލިދީއެއް ޖެހި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އާންމުވެ ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ބިދޭސީ ފިރިހެނަކު ސައިކަލެއްގެ މަތީގައި އިށީނދެ އިންދާ ދިވެއްސަކު ގޮސް އޭނާގެ ގަޔަށް ފެން ބާލިދީއެއް ޖަހާ މަންޒަރެވެ. ބިދޭސީ މީހާގެ ގަޔަށް ފެން ޖެހުމުން އޭނާ ސައިކަލު މަތިން ތެދުވެގެން ދުރަށް ދެ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އޭނާގެ ފޯނަށް ވެސް ފެނުގެ އަސަރު ކުރެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ސައިކަލެއްގެ މަތީގައި އިން މީހެއްގެ ގަޔަށް ފެން ޖަހައި މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.

"ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ވީޑިއޯއިން ފެންނަ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަނުން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ވީޑިއޯ އާންމު ވުމާއެކު ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ.