ރިޕޯޓް

ބިން ވިއްކުން ސިޔާސީ ބޯޅައަކަށް! ހަގީގަތަކީ ކޮބާ؟

Aug 10, 2015
1

ދުބާއީގެ މުއްސަދިންގެ ޝަހަރު ޕާމްއައިލެންޑުން، ޑޭވިޑް ބެކަމްގެ ދެމަފިރިން އެތައް މިލިއަން ޑޮލަރު ހަރަދުކޮށް ގެއެއް ގަތް ވާހަކަ އަހަރުމެން ދައްކަނީ މޮޅުކަމަށް ހަދައިފަ އެވެ. އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި މުއްސަދިންގެ ބިންތަކާއި އެ މީހުންގެ އަގު ބޮޑެތި ކާރުތަކާއި އެ ލަގްޒަރީ ލައިފްގެ ވާހަކަ ދައްކަނީ ވެސް އުފަލުންނެވެ. އެކަމަކު އެ ހިސާބަށް އަންނަން ދުބާއީ ބޭނުން ކުރި ފޯމިއުލާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ 

ދުބާއީގެ އިގްތިސާދުގެ ބޮޑު ބައެއް ބަރޯސާވެފައި އޮތީ ފްރީހޯލްޑްގެ އުސޫލުން ބިން މިލްކޮށް ބޮޑެތި އިމާރާތްތައް އެޅޭ ގޮތަށެވެ. އޭގެ ތެރެއިން ލިބޭ އާމްދަނީ އަކާއި އޭގެ ތެރެއިން ފުޅާވާ އިގްތިސާދީ ފުރުސަތުތަކާ އެކު، ދުބާއީ ވަނީ އެންމެ ނަލަ އެއް ސިޓީ އަށެވެ.

އެކަމަކު ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ މައްސަލަ މި އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވައްޓާލައިފަ އެވެ. އެއްބަޔަކު ބުނަނީ ބިން މިލްކް ކުރުމަކީ ސިޔާސީ ނުބައި ރޭވުމެއް ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް އަސަރުކުރާނެ ކަމަށެވެ. މިކަހަލަ ވަހުމްތަކެއް އުޅެނީ އެއީ އަދި މުޅިން ރާއްޖެއަށް އާ ކަމަކަށް ވުމުން ކަމަށް ވެދާނެ އެވެ.

ބިން ވިއްކުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު އޮތީ ދެކޮޅުން ވެސް އޮތީ ވަރަށް ބޮޑަށް ސިޔާސީ ކޮށްލައިފަ އެވެ. ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް ނުވިއްކޭ ގޮތަށް އޮތް އޮތުން ތެޅި ފޮޅިގެން ކަހަލަ ގޮތަކަށް ނިމުމަކަށް ގެނައި އިރު، އާންމުންނަށް އަސްލު ވެސް ތިބީ އޮޅުން އަރައިފަ އެވެ. އެ އިސްލާހު އިގްތިސާދީ ނަޒަރަކުން ރައްޔިތުންނަށް ބުނެދެވިފަ ވެސް ނެތެވެ. އެ ބަދަލުގެ މައުލޫމާތުތައް ރައްޔިތުންނަށް ސީދާ ނުގެނެސް ދެވުމަކީ ސިޔާސީ ގޮތުން އެކަން ފުރޮޅާލަން އިދިކޮޅު ފަރާތްތަކަށް ލިބުނު ޖާގަ އެކެވެ. އިދިކޮޅު ފަރާތްތަކުން މުޅި މައްސަލަ މިހާރު ވިސްނައި ދެނީ، އެއީ ރާއްޖެ ވިއްކާލުން ކަމަށެވެ.

• ރާއްޖޭގައި އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓެއް ކަމުގައި ވުން

• ޕްރޮޖެކްޓް ފުރިހަމަކޮށް ނިމޭއިރު، އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި މެދު ދިޔައިގައި ފެންނަން އޮންނަ ބިމުގެ މަދުވެގެން 70 ޕަސެންޓް ބިމަކީ އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިންކަމުގައި ވުން

• އިންވެސްޓްމަންޓްގެ މިންގަނޑު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން މަތިކުރެވިދާނެ

މި ބޮޑެތި ޝަރުތުތަކާ އެކު ބިން މިލްކް ކުރެވޭ ގޮތަށް ރާއްޖޭގައި އޮތުމަކީ، ސަރުކާރުން މުޅިން އަލަށް ގެންނަން އުޅޭ އިގްތިސާދީ ބޮޑު ބަދެލެކެވެ. އެ ބަދަލާ އެކު ކަށަވަރުވާ ކަމަކީ ރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމެވެ.

ބިން ވިއްކުމާ ދެކޮޅު ފަރާތްތަކުން ކުރާ އެންމެ ބޮޑު ވަކާލާތަކީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކުމުން އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލުމުގެ ބިރެވެ. ރާއްޖޭގެ މައްޗަށް ބާރުގަދަ އެހެން ބަޔަކު ވެރިވުމުގެ ބިރެވެ. އެ ސުވާލަށް ރައީސް އަބްދުﷲ ޔާމީން ވަނީ ޖަވާބު ދެއްވައިފަ އެވެ.

އެމަނިކުފާނު އެ ބިލް ތަސްދީގު ކުރެއްވި ދުވަހު ވިދާޅުވީ، ބިން ގަތުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ބާރު އެ ބިމަކުން ކެނޑިގެން ނުދާނެ ކަމަށެވެ. އެ ގަންނަ ބިމުގައި ވެސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް އެ އިސްލާހުގެ ސަބަބުން ބިން ގަންނަ ފަރާތްތަކަށް ފުރުސަތެއް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ރައީސް އެ ވިދާޅުވީ ތެދުފުޅެކެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައިވާ ގޮތުގައި ބިން ވިއްކައިގެން ހިންގޭ މަޝްރޫއުތަކުގެ ހުރިހާ ކޮންޓްރޯލެއް އޮތީ ރައްޔިތުން މަޖިލީހުގެ ކޮޅުގަ އެވެ. މަޖިލީހުން ހުއްދަ ދޭ ޕްރޮޖެކްޓެއް ނޫނީ ނުހިންގެ އެވެ.

"މިކަމަކީ [ބިން ވިއްކުމަކީ] އަދި ރައީސް ބިލް ތަސްދީގު ކުރެއްވުމާ އެކު ވާން އޮތް ކަމެއް ނޫން. މީގެ ދަށުން ހެދޭ ގާނޫނުތަކަކުން ވަކި ހަރުދަނާ އުސޫލެއް އޮވެގެން ބިން ވިއްކޭނީ. އަދި އެ ބިން ވިއްކާ އިރު އުސޫލުތަކެއް ވެސް ހުންނާނެ. އެތަނުގައި ފައްޅި އަޅާ ޖުވާ ކުޅެ އަޅުގަނޑުމެންގެ ގާނޫނުތަކުން ހުއްދަ ނުދޭ ކަމެއް ނުކުރެވޭނެ. އެތާ ކުރެވޭނީ މަޖިލީހުން އެޕްރޫވަލް ދޭ ޕްރޮޖެކްޓްތައް،" ރައީސް ވިދާޅުވި އެވެ.

ބިން ވިއްކުމާ އެކު އުފެދޭ އަނެއް ވަހުމަކީ މީހުން މިހާރު ވެސް ދިރިއުޅޭ ބައެއް ރަށްތައް އެއްފަސް ކުރުމުގެ ތެރެއިން ފަޅުކޮށް ރާއްޖެއިން ބޭރުގެ ބަޔަކަށް ވިއްކާލުމެވެ. އެކަމަކު ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ތެރެއިން އެއީ އަދި ވާން އޮތްކަމެއް ނޫނެވެ. އެ އިސްލާހުގައިވާ ގޮތުން ނަމަ، ބޭރުގެ ފަރާތަކަށް ވިއްކާ ބިމަކީ އެ އިންވެސްޓް ކުރަން ހުށަހަޅާ ފަރާތަކުން އެ ބިމުގެ ވަކި ބަޔެއް ހިއްކާފައިވާ ސަރަހައްދަކަށް ވާން ޖެހުމެވެ. ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ ވިއްކާ ސަރަހައްދަކީ، އެ ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައި މެދު ދިޔައިގައި ފެންނަން އޮންނަ ބިމުގެ މަދުވެގެން 70 ޕަސެންޓް ބިމަކީ އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިންކަމުގައި ވާން ޖެހޭ ކަމަށެވެ. 

އެ ޝަރުތު އެހެން އޮތުމުން ވިއްކާ ބިމަކީ އިންވެސްޓަރުން އަމިއްލައަށް ހިއްކާ ބިން އެ މީހުންނަށް މިލް ކުރެވޭ ގޮތަށް ސިޔާސަތު ފަހި ކުރުމެވެ. ރައީސް އަބްދުﷲ ޔާމިން އެ ސިޔާސަތު އިތުރަށް ތަފްސީލްކޮށް ދެއްވަމުން ވިދާޅުވީ މި އުޅެނީ ދިވެހިން އުޅެން ހުރި ބިންތައް ވިއްކަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެމްޓީސީސީއަށް ޒަމާނީ ޑްރެޖަރެއް ގެނެސް ތަންތަން ހިއްކައިދީގެން އޭގެ ނަފާއެއް ހޯދައި އެ ބިންތައް ވިއްކުމަކީ ސަރުކާރުގެ އޮތް އަމާޒު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ބިން ވިއްކުމަށް ގެނައި އިސްލާހުގައިވާ ގޮތުގައި ބިން ވިއްކުމާ ގުޅޭ އުސޫލުތަކާއި އެކަމަށް ހުއްދަ ދެވޭނެ ގޮތްތައް ބަޔާންކޮށް ގާނޫނެއް ހަދަން ޖެހެ އެވެ. އެ ގާނޫނުގައި ހުއްދަ ދެވޭނެ ބާވަތްތަކުގެ އިންވެސްޓްމަންޓާއި އެކަމަށް ހުއްދަ ދެވޭނެ އުސޫލުތަކާއި އެކަމާ ގުޅުން ހުރި ހުރިހާ އިޖްރާއަތްތަކެއް އެ ގާނޫނުގައި ކަނޑައަަޅަން ޖެހެ އެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، އެ ގާނޫނުގެ ތެރެއިން ނޫން ގޮތަކަށް އަދި މަޖިލީހުގެ އެޕްރޫވަލް އެއް ލިބިގެން ނޫން ގޮތަކަށް އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކޭނެ އެވެ. އަދި އެކަމަށް ޓަކައި ހަދަން ޖެހޭ ގާނޫނު، މި ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ވީމާ ބިން ވިއްކުމުގެ އިސްލާހަކީ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިނގާނެ ކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރުދަނާ ދެ ފުށް ފެންނަ އުސޫލެއްގެ ތެރެއިން ނޫން ގޮތަކަށް ބިން ވިއްކުމުގެ ކަންކަން ގެންދާ ނަމަ އޭގެ ސަބަބުން ފައިދާއަށް ވުރެ ގެއްލުން ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

ބިން ވިއްކުމަށް ފާސްކުރި އިސްލާހާ ގުޅިގެން އިންޑިއާގެ ބޮޑާ ހޭކުމާއި އެ ގައުމުގެ މީޑިއާތަކުން ރާއްޖެއަށް ގޮވާ އެއްޗެހި އިތުރުވީ ސައުތު ޗައިނާ ސީގައި ހިންގާ ފަދަ މަޝްރޫއުތަކަކަށް ޗައިނާއިން މީގެ ތެރެއިން ފުރުސަތު ހޯދަފާނެ ކަމުގެ ބިރަށެވެ. ރާއްޖެއިން ބިން ގަނެ، އަސްކަރީ މަރުކަޒުތަކެއް ހަދައިފި ނަމަ، ޒަމާންވީ ވާދަވެރި އިންޑިއާއަށް އެއީ ކެތްވާނެ ކަމެއް ނޫނެވެ. ނަމަވެސް ނައިބު ރައީސް އަދީބު ވިދާޅުވަނީ ބިން ވިއްކުމުގެ ބޭނުމަކީ، އަސްކަރީ ޕްރޮޖެކްޓްތަކެއް ނޫނީ އެހެން ވެސް ސްޓްރެޓެޖިކް މަޝްރޫއުތަކަށް ފުރުސަތު ދިނުމެއް ނޫނެވެ. ނަމަވެސް އޭގެ ބަދަލުގައި ފުރުސަތު ހުޅުވޭނީ އިގްތިސާދީ މަޝްރޫއުތަކަކަށް ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ލަފާ ކުރަނީ ބިން ވިއްކުމުގެ އިންވެސްޓްމަންޓްގެ ތެރެއިން އެއް ބިލިއަން ޑޮލަރު ރާއްޖެއަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވަނީ އިންވެސްޓްމަންޓްތަކަށް ގައުމު ހުޅުވާލުމުގެ އާންމު އުސޫލަކީ، ބިން މިލްކް ކުރެވޭ ގޮތަށް ސިޔާސަތު އެކަށަ އެޅުން ކަމަށެވެ. އެއީ ދުނިޔޭގެ އެތައް ގައުމެއް އެތައް އަހަރުތަކެއް ވަންދެން ކާމިޔާބު ކަމާ އެކު ތަޖުރިބާ ކޮށްފައިވާ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ރާއްޖެއަށް ލިބޭ އާމްދަނީގެ ބޭރުން ވަޒީފާތަކާއި އިގްތިސާދީ ބޮޑެތި މަޝްރޫއުތައް ފުޅާވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ އިގްތިސާދަށް މިއިން ދުވަހަކު ނުގެންނަ ވަރުގެ ބަދަލެކެވެ. ސަރުކާރުން ބުނަނީ މިއީ އިންގިލާބީ ބަދަލެއް ކަމަށެވެ. އުންމީދަކީ އިންގިލާބީ ބަދަލުން އާންމު ރައްޔިތުންގެ ދިރިއުޅުމަށް ވެސް ހެޔޮ ބަދަލުތަކެއް އައުމެވެ. ތަނަވަސްކަމާއި ފާގަތިކަން އިތުރުވުމެވެ. ކޮންމެ އިގްތިސާދީ ބަދަލެއް އަދި ގެނަޔަށް އެކަން ކުރެވޭނީ، ހަރުދަނާ ސިޔާސަތުތަކެއް އެއާ ގުޅިލާމެހިގެން އައިސްގެންނެވެ.