އިމްރާން އަބްދުﷲ

ޔަމަން މީހާ އަކީ ޓެރަރިޒަމާ ގުޅުން ހުރި މީހެއް: ހޯމް މިނިސްޓަރު

ދިވެހި އަންހެނަކާ އިނދެގެން ރާއްޖޭގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރުކުރި ޔަމަންގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމްގެ އަމަލުތަކާއި ގުޅުންހުރި މީހެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ޔާސިރު ޔަހްޔާ ސާލިހް، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ. އޭނާ ހައްޔަރު ކުރީ ޑީޕޯޓް ކޮށްލުމަށްކަމަށް ބުނެ އެވެ.

އޭނާއަށް މިހާތަނަށް އެއްވެސް ދައުވާއެއް ކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހުނު ދުވަސްވަރެވެ.

ފުލުހުންގެ އިސްވެރިންނާއެކު މިހާރު ބާއްވަވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޔާސިރު ޔަހުޔާއާގެ ސީރިއަސް މައްސަލަތަކެއް އެބަހުރިކަމަށާ އޭނާއާ ޓެރަރިޒަމާ ގުޅުންހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އިމްރާން ވިދާޅުވީ ބައިނަލްއަގްވާމީ އެކިއެކި އިދާރާތަކުންވެސް ޔާސިރާ ގުޅުންހުރި ތަފާތު މައުލޫމާތުތައް ހިއްސާކޮށްފައިވާނެކަމަށެވެ.

އޭނާ ރާއްޖޭގެ ޖަލުގައި ހުރީ އަމިއްލަ އިހުތިޔާރުގައިކަމަށާ އެންމެ ފުރަތަމަވެސް ރާއްޖެއިން ފުރައިގެން ދިއުމަށް އެދުމުން އޭނާ އެކަންކުރުމަށް ދެކޮޅު ހަދާފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ މީގެ ދެމަހެއްހާ ދުވަސްކުރިން ރާއްޖެއިން ފުރައިގެންދާން ބޭނުންވާކަމަށް އޭނާ ބުނެފައިވާކަމަށެވެ. އެހެންކަމުން އޭނާ ފޮނުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކުން ހަމަޖެއްސިކަމަށެވެ.

"ހުރިހާކަމެއް ހަމަޖައްސާފައިވަނިކޮށް އޭނާ ބުނަނީ ޕާސްޕޯޓެއްނެތޭ. ދެން ކިހިނެތްތޯ ހަދާނީ..ހަގީގަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުން ރާއްޖެއިން އޭނާގެ އެއްވެސް ހައްގަކަށް އަރައިގެންފައެއް ނުވާނެ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޔާސިރު ރާއްޖެއިން ފޮނުވާލުމަށް ހުރަސްތަކެއް އެބަހުރިކަމަށާ އޭނާއާއި ގުޅޭ އެއްވެސް ލިޔުމެއް ނެތްކަމަށެވެ.

ޔާސިރަކީ ރާއްޖެއަށް ހުރި ނުރައްކަލެއްކަމަށް ގަބޫލުކޮށް އޭރުގެ ސަރުކާރުން އޭނާ ހައްޔަރުކޮށްފައިވާއިރު، ޔާސިރުގެ ވަރަށް ގިނަ މައުލޫމާތުތައް ދުނިޔޭގެ އެކި އިދާރާތަކުން ހާމަކޮށްފައިވާކަމަށެވެ. އޭނާއަކީ ދުނިޔެއިން ބޮޑު ޓެރަރިސްޓެއްކަމަށް ބަލާ މީހެއްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މި ދަރަޖައިގެ މީހަކު އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރުމަކީ ރައްކާތެރިކަމެއްކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ޔަމަން އޮތީ ހަނގުރާމައިގެ ހާލަތުގައިވާތީ، އޭނާއާ ގުޅޭ ލިޔުމެއް އެގައުމުން ހޯދުމަކީ ވަރަށް އުނދަގޫކަމެއްކަމަށެވެ. އެހެންނަމަވެސް ޔާސިރު ރާއްޖެއިން ފުރައިގެންދިއުމަށް ސަރުކާރުން ހުރަސް ނާޅާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި އޭނާގެ ޕާސްޕޯޓްވީތަން ކޮންމެވެސް ގޮތަކުން އޭނާއަށް އެނގޭނެ. އޭނާ ހަމަ ގަސްތުގައި ފޮރުވައިގެން އުޅެނީކަމަށް އަޅުގަނޑު ދެކެނީ."

2017ވަނަ އަހަރުން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާ ޔާސިރު ވަނީ މީގެ ދެމަހެއްހާ ދުވަސްކުރިން ފެށިގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައެވެ. އެކަމާއި ގުޅިގެން އޭނާގެ ހާލު ސީރިއަސްވެ މިހާރު ގެންދަނީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. ނަމަވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލަން އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާއަށް އޮތީ އައިވީ ގުޅާފައެވެ.

ޔާސިރުގެ މައްޗަށް ދައުވާއެއް ކުރުމެއްނެތި ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާތީ އެކަމާ އާންމުންގެ ބައެެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.