ހަބަރު

ފަސް އަހަރުގެ ޕްލޭން، ތަފްސީލުތަކާއި މުއްދަތުތަކާއެކު ނެރެފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނި ކަންކަން ތަންފީޒު ކުރާނެ ގޮތާއި އެކަންކަން ކުރާނެ މުއްދަތުތަކުގެ ތަފްސީލްތަކާއެކު ސްޓެރެޓެޖިކް އެކްޝަން ޕްލޭން މިރޭ އިފްތިތާހުކޮށްފި އެވެ. އެ ޕްލޭން އިފްތިތާހުކޮށް ދެއްވީ ރައީސް ސޯލިހެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްލޭން ރައީސް އިފްތިތާހުކޮށް ދެއްވިއިރު ޕްލޭން އެކުލަވާލާފައިވަނީ ސަރުކާރު ކޯލިޝަނުން ނެރުނު ޖަޒީރާ މެނިފެސްޓޯގައި ހިމެނި ކަންކަން މި ފަސް އަހަރު ތެރޭގައި ކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނައިގެންނެވެ.

ޕްލޭން އެކުލަވައިލުމުގައި ކަންކަމާ ގުޅޭ ތަޖުރިބާކާރުންނާއި މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދި އެވެ.

ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ ނޫ އިގްތިސޯދާއި އޯގާތެރި ސަރުކާރާއި ޖަޒީރާ ދިރިއުޅުމާއި ހެޔޮ ވެރިކަމާއި ފަހުރުވެރި އާއިލާގެ މައްޗަށެވެ. ޕްލޭން މިހާރު ރައީސް އޮފީހުގެ ވެބްސައިޓުގައި ޑައުންލޯޑް ކުރެވޭ ގޮތަށް ޝާއިއުކޮށްފައި ވެއެވެ.

ޕްލޭން ލޯންޗުކޮށް ދެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ މި ޕްލޭނުން ދެ ކަމެއް ހާސިލްވެގެން ދާނެ ކަމަށެވެ. އަދި އެއީ މެނިފެސްޓޯގައި ހިމެނި ކަންކަން ކުރާނެ ގޮތް ލިޔެވި ތަރުތީބު ކުރެވި މުއްދަތު ޖަހާފައިވާ ޕްލޭނެއް ކަމަށެވެ. އޭގެ އިތުރުން ޕްލޭންގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ވެސް ކުރުވޭނެ ކަމަށެވެ.

ޕްލޭންގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ކަންކަން ކުރިއަށް ނުދާނަމަ، އެކަމާ ގުޅޭ ގޮތުން ސަރުކާރާ ސުވާލު ކުރެވެން އޮންނާނެ ކަމަށާއި އެ ފުރުސަތު މި ޕްލޭން އާންމުކޮށް ފެންނަން އޮތުމުން ކޮންމެ ރައްޔިތަކާއި ކޮންމެ މީޑިއާއަކަށް ވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ މިނިސްޓަރުންނަށް އިލްތިމާސެއްވެސް ކުރައްވާފަ އެވެ. ވިދާޅުވީ ޕްލޭނުގައި ވަކި މިނިސްޓަރަކު ނޫނީ ބޭފުޅަކު ހިތްހަމަޖެހި ވަޑައި ނުގަންނަވާ ކަމެއް އޮވެދާނެ ކަމަށާއި އެހެން ނަމަވެސް ތިމާއަށް ރަނގަޅު ގޮތް އެއްކައިރި ކުރުމަށްފަހު ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒު ކުރުމުގައި އެމަނިކުފާނާ އެއްބާރުލުން ދެއްވައިގެން ކުރިއަށް ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭގެއިތުރުން ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ރައީސް ސޯލިހު އިލްތިމާސެއް ކުރެއްވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ވައުދުވީ ކަންކަން ފުއްދަން ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އެކަމުގައި އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭން

ފަސް އަހަރުގެ ޕްލޭން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޯލިޝަންގެ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ މެލޭޝިއާގަ އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމުގެ އަޑުތަކަށްފަހު މިއީ އެ ދެ ބޭފުޅުން އެކުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ރަސްމިއްޔާތެވެ. ހަމައެހެން ރައީސް ނަޝީދާއި ގާސިމް އިބްރާހިމްގެ ބަހުގެ ހަމަލާތަކަށްފަހު އެ ދެ ބޭފުޅުން ވެސް މިރޭ ވަނީ ރަސްމިއްޔާތުގައި އެކުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.