ހަބަރު

ރައީސް މިނިސްޓަރުންނަށް: ނުގަބޫލަސް ޕްލޭން ތަންފީޒުކުރަން އެއްބާރުލުންދީ

ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނި ކަންކަން ކުރާނެ ގޮތާއި އެކަންކަން ކުރާނެ މުއްދަތުތަކުގެ ތަފްސީލްތަކާއެކު އެކުލަވާލި ޕްލޭން ތަންފީޒުކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެކަމުގައި ކުރިއަށް ވަޑައިގެންނެވުމަށް މިނިސްޓަރުންނަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލޯންޗުކުރި ޕްލޭން އެކުލަވާލާފައިވަނީ ކޯލިޝަންއިން ނެރުނު ޖަޒީރާ މެނިފެސްޓޯގައި ހިމެނި ކަންކަން މި ފަސް އަހަރު ތެރޭގައި ކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނައިގެންނެވެ. ޕްލޭން އެކުލަވާލުމުގައި ކަންކަމާ ގުޅޭ ތަޖުރިބާކާރުންނާއި މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދި އެވެ.

ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ ނޫ އިގްތިސޯދާއި އޯގާތެރި ސަރުކާރާއި ޖަޒީރާ ދިރިއުޅުމާއި ހެޔޮ ވެރިކަމާއި ފަހުރުވެރި އާއިލާގެ މައްޗަށެވެ. ޕްލޭން މިހާރު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.

ޕްލޭން ލޯންޗުކޮށް ދެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ ޕްލޭނުގައި އެވަނީ ކަންކަން ކުރާނެ ގޮތާއި ކުރާނެ މުއްދަތުތައް ކަނޑައެޅިފައި ކަމަށާއި ދެން އޮތީ އެކަން އަމަލީ ގޮތުން ކުރުން ކަމަށެވެ. ޕްލޭން އެ އޮތް ގޮތަށް ތަންފީޒު ކުރުމުގެ ބޮޑު މަސައްކަތް ކަމަށެވެ.

ޕްލޭނުގައި ވަކި މިނިސްޓަރަކު ނޫނީ ބޭފުޅަކު ހިތްމަނުޖެހޭ ކަމެއް ހުރެދާނެ ކަމަށާއި އެހެން ނަމަވެސް ތިމާއަށް ރަނގަޅު ގޮތް އެއްކައިރިކުރުމަށްފަހު ޕްލޭންއާ އެއްގޮތަށް ކަންކަން ތަންފީޒުކުރުމުގައި އެމަނިކުފާނާ އެއްބާރުލުން ދެއްވައިގެން ކުރިއަށް ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގައި ހުރެދާނެ ބައެއް ބޭފުޅުން ނުގަބޫލު ކަންތައްތައް، ބައެއް ބޭފުޅުން ބޭނުން ނުވާ ގޮތަށް ލިޔެފައި ހުރި ކަންތައްތައް ވެސް، އެހެންނަމަވެސް އަޅުގަނޑުގެ މިރޭގެ އިލްތިމާސްއަކީ އަޅުގަނޑުމެންގެ ހުރިހާ ވަޒީރުންނަށް އަދި ސަރުކާރު ހިންގަން ތިއްބެވި ހުރިހާ މުވައްޒަފުން ވެސް އަޅުގަނޑަށް މިކަމުގައި އެއްބާރުލުން ދެއްވުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނާއި މުއައްސަސަތަކާ ވާހަކަ ދެއްކިގެން ނިމިފައިވާ ކަންކަން، އެހެންވީމާ ތިމާއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ވިޔަސް މިކަން ތަންފީޒު ކުރުމުގައި ފަސް ޖެހުމެއް ނެތި އަޅުގަނޑާއެކު ކުރިއަށް ވަޑައިގަތުމަކީ އަޅުގަނޑުގެ ހުރިހާ ވަޒީރުންނާއި ސިޔާސީ މުވައްޒަފުން ކިބައިން އެދޭ އެދުމެއް،"

ރައީސް މިހެން ވިދާޅުވިއިރު މީގެކުރިން ވެސް މެނިފެސްޓޯގައިވާ ބައެއް ކަންކަމާމެދު ކޯލިޝަން ޕާޓީތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުޅުނެވެ. މެނިފެސްޓޯގައި ބޮޑަށް ހިމަނާފައިވަނީ އެމްޑީޕީގެ ސިޔާސަތުތަކެވެ. އެހެންނަމަވެސް އެހެން ޕާޓީތަކުގެ ސިޔާސަތުތައް ވެސް ކޮންމެވެސް ވަރަކަށް އެއްކޮށްފައިވެ އެވެ. ރައީސް ސޯލިހު ކެބިނެޓް އެކުލަވާލައްވާފައިވަނީ ކޯލިޝަން ހުރިހާ ޕާޓީއަކަށް ސްލޮޓް ދެއްވައިގެންނެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ބައެއް މިނިސްޓަރުންގެ ފަރާތުން އެކަށީގެންވާ ނަތީޖާ ފެންނަމުން ނުދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެ ބޭފުޅުން ގެއަށް ވަޑައިގެންނެވުމަށް ގޮވާލައްވާފައިވާއިރު މަޖިލީހުގެ ތެރެއިން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

މިނިސްޓަރުންގެ އިތުރުން ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ވައުދުވީ ކަންކަން ފުއްދުމަށް ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ޕްލޭނުން ދެ ކަމެއް ހާސިލްވެގެން ދާނެ ކަމަށެވެ. އެއީ މެނިފެސްޓޯގައި ހިމެނި ކަންކަން ކުރާނެ ގޮތް ލިޔެވި ތަރުތީބު ކުރެވި މުއްދަތު ޖަހާފައިވާ ޕްލޭނެއް ކަމަށެވެ. އޭގެ އިތުރުން ޕްލޭންގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރެވޭނެ ކަމަށެވެ.

ޕްލޭންގައި ކަނޑައަޅާފައިވާ މުއްދަތުތަކަށް ކަންކަން ކުރިއަށް ނުދާނަމަ، އެކަމާ ގުޅޭ ގޮތުން ސަރުކާރާ ސުވާލު ކުރެވެން އޮންނާނެ ކަމަށާއި އެ ފުރުސަތު މި ޕްލޭން އާންމުކޮށް ފެންނަން އޮތުމުން ކޮންމެ ރައްޔިތަކަށް އަދި ކޮންމެ މީޑިއާއަކަށް ވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފަސް އަހަރުގެ ޕްލޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޯލިޝަންގެ ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި އެވެ. މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވަނީ ކުރީގެ ރައީސް މައުމޫން އެކަންޏެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ މެލޭޝިއާގަ އެވެ. ރަސްމިއްޔާތުގައި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.