ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށައިގެން ކުރިއަށްދާއިރު، މި ދައުރަށް 48 ބިލެއްގެ މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ދައުރަށް ސަރުކާރުގެ ފަރާތުން 30 ބިލެއް ފޮނުވާނެ ކަމަށް ސަރުކާރުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އަދި އެޖެންޑާ 19 ގެ ހާއްސަ ބިލުތަކުގެ ގޮތުގައި އެމްޑީޕީގެ ފަރާތުން 18 ބިލެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އޭގެ ތެރެއިން އެމްޑީޕީގެ އެޖެންޑާ 19 ގެ ދަށުން މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބިލުތަކުގެ ތެރެއިން ބައެއް ބިލުތައް ނަޝީދު ހާމަ ކުރެއްވި އެވެ. އޭގެ ތެރޭގައި އިންތިގާލީ އާދަލާތުގެ ބިލަކާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނެ އެވެ.
ސިވިލް ޕްރޮސީޖާސް ކޯޑާ ގުޅޭ ބިލަކާއި، އިންކަމް ޓެކްސް ނެގުމުގެ ބިލަކާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ އިތުރުން ރުށް ގަހާ ބެހޭ ބިލެއް (ފޮރެސްޓީ އެކްޓް) އެއް ވެސް ހިމެނެ އެވެ. އަދި ބޯހިޔާވަހިކަމާ ގުޅޭ ބިލަކާއި، ތައުލީމާ ބެހޭ ބިލަކާއި، އާއިލާއާއި ވަރި ކައިވެންޏާ ގުޅޭ ބިލަކާއި، ވަޒީފާއެއް ހޯދައި މީހުނަށް އިނާޔަތެއް ދިނުމުގެ ބިލަކާއި އެންމެ ކުޑަ އުޖޫރަ ދިނުމާ ބެހޭ ބިލެއްގެ އިތުރުން ދަތުރުފަތުރުގެ ނިޒާމާ ބެހޭ ބިލެއް ވެސް ހިމެނެ އެވެ.
އެ ބިލުތަކުގެ އިތުރުން މި ދައުރުގައި މަޖިލީހުން ކުރާނެ އެންމެ ބޮޑު މަސައްކަތަކީ ކުރިއަށް އޮތް އަހަރަށް ލަފާކޮށް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމުގެ ގޮތުން ބަޖެޓަށް އަހުލުވެރި ވުމުގެ ގޮތުން މެންބަރުން ތައްޔާރަށް ތިއްބަަވަން ވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު މިއަދު ފެށިގެން ހިނގަމުންދާއިރު، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ތިން ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.