ހަބަރު

ރާއްޖޭގެ އިޝްތިހާރު ފުޓްބޯޅަ ކްލަބް ސެލްޓަވީގޯގެ ޖޯޒީއަށް

އެނބޫފޫ ފަޅުން: މުހައްމަދު އަފްރާހު
Oct 3, 2019

ރާއްޖޭގެ އިޝްތިހާރު މަޝްހޫރު ފުޓްބޯޅަ ކްލަބް ސެލްޓަވީގޯގެ ޖޯޒީ، އާއި ބަސް އަދި ސްޓޭޑިއަމްގައި ޖަހަން ޕްރޮޕޯސަލް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް- އެނބޫދޫ ފަޅުގައި މިހާރު ކުރިއަށްދާ، މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސްޕެއިންގެ ސެލްޓަވީގޯގެ ޖޯޒީގައި ރާއްޖޭގެ އިޝްތިހާރު ޖެހުން ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް އިޝްތިހާރު ކުރަން ކުރާ ފުރަތަމަ ކަންތައް ކަމަށެވެ.

"ސެލްޓަވީގޯއާ މަޝްވަރާ ކުރެވި ސަރުކާރަށް ޕްރޮޕޯސަލް ލިބިފައި، ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީހުގައި 'ވިޒިޓް މޯލްޑިވްސް'ގެ ލޯގޯ ސެލްޓަވީގޯގެ ޖޯޒީ އާއި ސްޓޭޑިއަމް އަދި ޕްރެސްކިޓް ކިޓް އަދި ބާސެލޯނާއި ރިއަލް މެޑްރިޑް ފަދަ ޓީމުތައް ހިމެނޭ ބޯޑުތަކުގައި ޖަހަން،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ "ވިޒިޓް މޯލްޑިވްސް" ގެ ލޯގޯ ބޭރުން ފެނުމަކީ ޓޫރިޒަމް ސިނާއަތުގެ އެންމެ އިސް ފަރާތްތަކުގެ އަބަދު ވެސް އެދެމުންދާ ކަމެއް ކަމަށެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ބޭއްވި "ކިޑްސް ފުޓްބޯލް ފިއެސްޓާ" ޗެމްޕިއަން ކަން ހޯދި ގާޒީ ސްކޫލް ޓީމުގެ ދެ ކުދިން ކަމަށްވާ، އައިހަމް އިބްރާހިމް އާއި ހުސައިން އާއިޝްއަށް ސްޕެނިޝް ލީގްގެ ސެލްޓަ ޑެ ވީގޯގެ އެކެޑެމީގައި ޓްރެނިން ހެދުމުގެ ފުރުސަތު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.

ޔޫރަޕުގެ ކްލަބްތަކުގެ ޖޯޒީގައި ގައުމުތަކުގެ އިޝްތިހާރު ޖެހުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. ނަމަވެސް ރާއްޖެއިން މިހާތަނަށް މިގޮތަށް އިޝްތިހާރެއް ނުޖަހަ އެވެ.