ހަބަރު

ފަނޑިޔާރުންގެ ފެންވަރު ބަލައި، މާލީ ބަޔާން އާންމު ކުރަނީ

Oct 3, 2019
2

ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމައި، ފަނޑިޔާރުންގެ މާލީ ބަޔާންތައް އާންމު ކުރުމަށް ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލޯންޗުކުރި އެ ޕްލޭން އެކުލަވާލާފައިވަނީ ކޯލިޝަންއިން ނެރުނު ޖަޒީރާ މެނިފެސްޓޯގައި ހިމެނި ކަންކަން މި ފަސް އަހަރު ތެރޭގައި ކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނައިގެންނެވެ. ޕްލޭން އެކުލަވާލުމުގައި ކަންކަމާ ގުޅޭ ތަޖުރިބާކާރުންނާއި މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދި އެވެ.

ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ ނޫ އިގްތިސޯދާއި އޯގާތެރި ސަރުކާރާއި ޖަޒީރާ ދިރިއުޅުމާއި ހެޔޮ ވެރިކަމާއި ފަހުރުވެރި އާއިލާގެ މައްޗަށެވެ. ޕްލޭން މިހާރު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.

މިގޮތުން ހެޔޮ ވެރިކަމުގެ ތެރެއިން ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމުމަށެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ފަނޑިޔާރުންގެ މާލީ ބަޔާން މަދުވެގެން އެއް ފަހަރު އާންމު ކުރުމެވެ.

މީގެއިތުރުން ގާނޫނު ކިޔަވައިދޭ ހުރިހާ ތަނެއްގައި އާ ކަރިކިއުލަމަށް އަމަލު ކުރަން ފެށުމާއި މަދުވެގެން ދެ ސަރަހައްދެއްގައި ޑިސްޓްރިކްޓް ކޯޓު ގާއިމު ކުރުމަށް ވެސް ޕްލޭނުގައި ހިމަނާފައިވެ އެވެ. ޖުވެނައިލް ޑިޓެންޝަން އަދި ރިހެބިލިޓޭޝަން ފެސިލިޓީއެއް ހިދުމަތް ދޭން ފަށަން ވެސް ހިމަނާފައިވެ އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވަރަށް ބޮޑު ވައުދެކެވެ. އެ ވައުދު ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ވެސް ވަނީ ނިންމާފަ އެވެ. މި ދައުރުގައި އިންތިގާލީ އަދާލަތުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.