ކޮންމެ އަހަރަކުވެސް މޯލްޑިވް ގޭހުގެ ދެ މުވައްޒަފަކު ހައްޖަށް ފޮނުވައި ދޭން އެ ކުންފުނިން ނިންމައިފި އެވެ.
މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން އިއްޔެ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒާއިލް ޝިޔާމް ވިދާޅުވީ އަހަރީ ހައްޖު ދަތުރު ދޭން ނިންމީ އެ ކުންފުނީގެ މުވައްޒަފުންގެ އަަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ގޭސް ކުންފުނީގެ ކުރިއެރުންތަކުގެ ފަހަތުގައި ތިބީ މުވައްޒަފުން ކަމަށާއި އަދި ކުންފުނީގެ ކުރިމަގަކީ ވެސް އެއީ ކަމަށެވެ. އަދި ވިދާޅުވީ މުވައްޒަފުންގެ ކުރިމަގާ މެދު ކުންފުނިން ވިސްނާ ކަމަށާއި ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށް އެ ކުންފުންޏަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އުފައްދަން މުވައްޒަފުންނަށް ހާއްސަ ސްކޮލާޝިޕްތައި ފަހިކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މުވައްޒަފުން ކުރިއެރުވުމަށް ސްކޮލާޝިޕްތައް ދީގެން ނަމަވެސް ލިބެންޖެހޭ ތަމްރީންތައް ހޯދައި ދޭނަން. މި އަންނަ ދެ ތިން އަހަރު ތެރޭ މި ކުންފުނީގައި ތިބޭނީ ތަޖުރިބާކާރު ޓެކްނީޝަނުންނާއި މެކޭނިކަލް ބޭފުޅުން" ޝަޒައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެނޭޖްމަންޓް ފަދަ ދާއިރާތަކުން ގާބިލު ދިވެހި މުވައްޒަފުން ލިބުނު ކަމުގައި ވިޔަސް ޓެކްނިކަލް މުވައްޒަފުން މަދުވުމުގެ ސަބަބުން ބިދޭސީން ހޯދަން ޖެހޭ ކަމަށާއި އެކަން ކުޑަ ކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
މި ހަފުލާގައިކުންފުނީގެ މުވައްޒަފުންގެ މެދުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ހަދިޔާ ދީފައި ވެއެވެ.