ހަބަރު

އެމްޑީއެންގެ މައްސަލަ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި

Oct 3, 2019

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތް ގޮތް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ފުރައްސާރަވާފަދަ ބަހުރުވަ ހުރި މައްސަލަ އިސްލާމިކް މިނިސްޓްރީއިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނީ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެން އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފުލުހަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ އެ މައްސަލަ ރަސްމީ ގޮތެއްގައި ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް ރިޕޯޓާމެދު ހިތްހަމަނުޖެހުން ފާޅުކުރާތީ އޭގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް އެމްޑީއެންއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވައާއި ވާހަކަތައް ގެނެވިފައި އޮތް ގޮތަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެ ޖަމިއްޔާއިން ގަބޫލު ކުރާ ކަމަށެވެ. އެހެންވެ އެކަމަށް މާފަށް އެދޭ ކަމާއި ރިޕޯޓް އަނބުރާ ގެނެސް އިލްމްވެރިއެއްގެ އެހީގައި އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އެ ރިޕޯޓަކީ 2015 ވަނަ ތައްޔާރުކުރި ރިޕޯޓެކެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނީ އެ ޖަމްއިއްޔާއަކީ އިސްލާމްދީނަށާއި ދިވެހި ސަގާފަތާއި ގާނޫނުތަކަށް އިހުތިރާމްކުރާ ޖަމްއިއްޔާއެއް ކަމަށާއި މީގެ ފަހުން މި ޖަމްއިއްޔާގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރު ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ މުވައްޒަފުންނަށް އިންޒާރު ލިބެމުންދާކަން ފާހަގަކުރި އެވެ. އިންޒާރު ދޭ މައްސަލަ އެ ޖަމިއްޔާއިން ފުލުހަށް ހުށަހަޅާފައިވާއިރު އެ މައްސަލަ ދަނީ ބަލަމުންނެވެ.