އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. އަޅުކަމާއި ދައުލަތުގެ ދީނެވެ. އިޙުސާންތެރިކަމާއި އަޚުލާޤުގެ ދީނެވެ. މުޢާމަލާތާއި އިޤުތިޞާދުގެ ވެސް ދީނެވެ. އިޖުތިމާޢީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ދީނެވެ. ވަކި ދީނަކަށް ވަކި ނަސްލަކަށް ބެލުމެއްނެތި އިންސާނީ ކަރާމަތު ދަމަހައްޓަކައި ނެގެހެއްޓެހި ދީނެވެ. އިސްލާމީ ޝަރީޢަތުގައި ދައުލަތެއް ހިނގުމުގެ ނިޒާމު ލައްވައި، އެދައުލަތުގެ ވެރިޔާއަށް ޢިއްޒަތާއި، ޤަދަރާއި، މަތިވެރިކަން ދެއްވާފައިވަނީ ބިންމަތީގައި ޢަދުލުވެރިކަން ޤާއިމުކޮށް މާތް ﷲ ގެ ދީނަށް ނަޞްރު ދިނުމަށެވެ. އަދި ﷲ ގެ ޝަރީޢަތް ޤާއިމު ކުރުމަށެވެ. އަނިޔާވެރިކަން ނައްތާލުމަށެވެ.
އިސްލާމްދީނުގައި ވެރިކަމުގެ ދައުރު ބަޔާންކުރައްވަމުން މާތް ﷲ އަލްޙައްޖު ސޫރަތުގެ (40-41) ގައި ވަޙީކުރައްވާފައިވާ އާޔަތްތަކުގެ މާނައިގައި ވެއެވެ. "އަދި ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ މީހަކަށް އެކަލާނގެ ނަޞްރު ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން ﷲ އީ ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. އެބައިމީހުންނީ، ތިމަން ﷲ އެބައިމީހުން ބިމުގައި ބާރުވެރި ކުރައްވައިފި ހިނދު ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭމީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ ގެ ޙަޟްރަތަށެވެ."
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދުގެފާނު ނަބީކަމާއިގެން ވަޑައިގެން ބާރަ ނުވަތަ ތޭރަވަރަކަށް އަހަރު މައްކާގައި އުޅުއްވިއެވެ. އަދި، އެދުވަސްވަރު މަސައްކަތްޕުޅު ކުރައްވާފައި ވަނީ، މީސްތަކުންނަށް ދީން އުނގަނަވައި ދެއްވުމަށާއި ޢަޤީދާ ހަރުދަނާ ކުރެއްވުމަށެވެ. މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށްފަހު މަދީނާގެ މުޖްތަމަޢުގައި އެރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު ދައުލަތް އިޢުލާން ކުރެއްވި އެވެ. އެކަލޭގެފާނު ޤާއިމު ކުރެއްވި ދައުލަތަކީ އިސްލާމީ މަބުދައުތަކުގެ މައްޗަށް ބިނާވެފައިވާ މަދަނީ ދައުލަތެކެވެ. އެއިގެ މާނައަކީ އެއީ ހަމަ އެކަނި މުސްލިމުންގެ ދައުލަތެއްނޫނެވެ.
އެ ދައުލަތުގެ ހިޔަލުގައި އެރަށުގެ އެންމެންގެ ޙައްޤުތައް ޙިމާޔަތްވެގެން ދިޔައެވެ. އެ ދައުލަތުން ދީން ޤާއިމު ކުރިއެވެ. ﷲގެ ޝަރީޢަތް ތަންފީޒު ކުރިއެވެ. ޢަދުލުވެރިކަން ފެތުރިއެވެ. އެ ދައުލަތުގެ ހިޔަލުގައި މުސްލިމު މެޖޯރިޓީއާއި ޣައިރު މުސްލިމު މައިނޯރިޓީގެ ޙައްޤުތައް ޙިމާޔަތްކުރިއެވެ. ފަހުން އެ މައިނޯރިޓީ ވެސް އިސްލާމްވެ މުޅި މުޖްތަމަޢު އިސްލާމުންނަށް ވެގެން ދިޔައެވެ. އެ ދައުލަތުން ވަށައިގެންވާ ތަފާތު ދީންތަކުގެ މީހުންނާއެކު ޞުލްޙަވެރިކަން ޤާއިމު ކުރިއެވެ. ވަށައިގެންވާ ދައުލަތްތަކާއި ޤަބީލާތަކަށް ސަފީރުން ފޮނުއްވައި އެއްބަސްވުންތައް ޤާއިމު ކުރިއެއެވެ. އަނިޔާއިން ސަލާމަތްވެގަތުމަށް މެނުވީ ދުވަހަކު ވެސް ކީރިތި ރަސޫލާ ހަނގުރާމައެއް ނުކުރައްވައެވެ. ދުސްތޫރު ލިޔުއްވައި އެންމެންގެ ޙައްޤުތައް ޙިމާޔަތްކު ރެއްވިއެވެ. ޞުލްހަވެރިކަން އިސްކުރެއްވި އެވެ. އަންހެނުންނާއި ފިރިހެނުންގެ ޙައްޤުތައް ފުރިހަމައަށް ހޯއްދަވައި ދެއްވިއެވެ. އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެކަނބަލުންނަށް އަނިޔާވެރި ނުވުމަށް އަމުރު ކުރެއްވިއެވެ. އަޅުން މިނިވަންކުރެއްވިއެވެ. ތަޢުލީމު ފަތުރުއްވައި އިޤުތިޞާދު ބިނާކުރެއްވިއެވެ. އިސްލާމީ ވެރިކަމުގެ ހިޔަލުގައި އެންމެނަށް އަމާންކަން ލިބިގެން ދިޔައެވެ.
އިސްލާމީ ޝަރީޢަތުގައި ވެރިކަން ހިންގުމުގެ ފަލްސަފާއަށް ނަޒަރު ހިންގާލުމުން ހާމަވެގެންދަނީ އިސްލާމީ ޝަރީޢަތުގައި ވެރިކަމުގެ ނިޒާމެއް ކަނޑައެޅިގެންވަނީ އިސްލާމް ދީން ޙިމާޔަތްކުރުމަށާއި، ރައްޔިތުންނާއި ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން ހިންގުމަށްޓަކައިކަން ހާމަވެއެވެ.
ދާވޫދުގެފާނަށް މާތް ﷲ ވަޙީ ކުރަށްވާފައިވާ ބަސްފުޅު ޞާދު ސޫރަތުގެ (26 ) ގައި ބަޔާންވެފައިވެއެވެ. އެބަސްފުޅުގެ މާނަގައިވެއެވެ. "އޭދާވޫދެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމުގައި ޚަލީފާއެއް ކަމުގައި، ކަލޭގެފާނު ލެއްވީމެވެ. ފަހެ ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމް ކުރައްވާށެވެ! އަމިއްލަ އެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ އޭރުން ކަލޭގެފާނު މާތް ﷲގެ މަގުން އެއްކިބާކޮށްފާނެ އެވެ. ހަމަކަށަވަރުން ﷲގެ މަގުން އެއްކިބާވާ މީހުން ދަންނާށެވެ! ޙިސާބު ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެމީހުންނަށް ގަދަވެގެންވާ އަޛާބު ހުއްޓެވެ."
ދާއޫދުގެފާނަކީ ވެރިކަން ކުރެއްވި ނަބިއްޔެވެ. އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާން ބުނި ދާއޫދަކީ ވެސް ވެރިކަންކުރެއްވި ނަބިއްޔެކެވެ. އެ ދެބަފައިކަލުންގެ ވެރިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންވެގެން ވެއެވެ. އަދި އެ ދެބަފައިކަލުންނާ އެދެބަފައިކަލުންގެ ޢަދުލުވެރި ވެރިކަމާމެދު ތަޢުރީފުގެ ބަސްފުޅުތައް ވަޙީކުރައްވާފައި ވެއެވެ. ވެރިކަން ކުރައްވާފައި ވަނީ ޢަދުލުވެރިކަމުގެ ހަމަތަކުގެ މަތިންނެވެ.
ﷲ ގެ ކަނޑައަލުއްވާފައިވާ އަސާސީ މަބްދައުތަކުގެ މައްޗަށް ވެރިކަން ހިންގަންވަނީ އުންމަތާ ޙަވާލުކޮށްފައެވެ. ވެރިކަމުގެ އަސާސީ މަބްދައުތަކަކީ ޢަދުލުވެރިކަން ޤާއިމު ކުރުމާއި ޙައްޤުތައް އަދާކޮށްދިނުމާއި މަޝްވަރާގެ އުޞޫލުން ދައުލަތް ހިންގުމެވެ.
މިދެންނެވި އަސާސީ އުޞޫލުތަކުގެ އަލީގައި ޤައުމުގައި ވެރިކަން ހިންގަން ބޭނުންވާ އިދާރީ ނިޒާމާއި ވެރިކަން ކުރަން ބޭނުންވާ ޥަޟްޢީ ޤާނޫނުތަކާއި އުޞޫލުތައް އެކަށައެޅުމަކީ އުންމަތަށް ދޫކޮށްފައިވާ ކަމެކެވެ. އެކަންކަމަކީ ދުންޔަވީ ކަންކަންކަން ކަމުގައިވާތީއެވެ. ނަމަވެސް ﷲގެ ޝަރީޢަތާ ޚިލާފު ކަމެއް ނުކުރުމަށް ވަނީ އަންގަވާފައިވެއެވެ. ވެރިކަން ހިންގުމުގެ މައިގަނޑު އަސާސަކީ ﷲގެ ޙުކުމްފުޅެވެ. އެކަލާނގެ މުޙައްމަދުގެފާނަށް އައްނިސާ ސޫރަތުގެ (105) ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ޙައްޤުގޮތުގައި ތިމަންﷲ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ ކަލޭގެފާނަށް ﷲ ދައްކަވާފައިވާގޮތުގެމަތީން މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި ވަކާލާތުކުރައްވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!"
އިސްލާމީ ދައުލަތުގެ ޙާކިމުގެ ވާޖިބުތަކަށް ނަޒަރު ހިންގާލާ އިރު އޭނާއަކީ، ދީނާއި، ދުނިޔޭގެ ކަންތައް އިސްލާޙު ގެ މަގުން ހިންގުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ފަރާތެވެ. މި މިނިވަން ކަން ބިނާވެގެންވަނީ، އިންސާނީ ކަރާމާތާ، އަދުލުވެރިކަމާއި، މުޖުތަމަޢުގެ ޞުލްޙަމަޞްލަޙަތުގެ މައްޗަށެވެ. އިސްލާމީ ދައުލަތުގެ މަޞްލަޙަތު ހުރި ކޮންމެ ކަމެއްގައި ޝަރުޢުގެ ހަމަތަކާއި ޚިލާފުނުވާ ގޮތަށް ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާ، އާރާ ބާރު ޙާކިމަށްލިބިގެންވެއެވެ. އަދި މިއާ އެކު މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ﷲ ގެ ރުހި ވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ އަށް ބާރު އަޅުއްވާފައިވެއެވެ. އަނިޔާވެރި ނުވުމަށް އަންގަވާފައިވެއެވެ.
މިގޮތުން ޤިޔާމަތްދުވަހު، ﷲ ގެ ޢަރްޝީގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ އެ ބިރުވެރި ދުވަހުގައި އަރުޝީގެ ހިޔާވަހިކަން ލިބޭ ހަތްބައިގެ ތެރޭގައި އެންމެ އިސްބަޔަކީ ޢަދުލުވެރި ވެރިން ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. އަދި ﷲ ގެ އަމުރުފުޅާ އެއްގޮތަށް އަމަލުކުރާ ވެރީންގެ ޤަދަރު އުފުއްލަވައި، އެފަދަވެރީންނަށް ކިޔަމަންގަތުން އެއީ އީމާންކަމުގެތެރެއިން ވާކަމެއްކަމުގައި ލައްވައި، އެބައިމީހުންނަށް ކިޔަމަންގަތުން ﷲ އާއި ރަސޫލާއަށް ކިޔަމަންގަތުމާއެކު ޝާމިލް ކުރެއްވިއެވެ.
މިހެންކަމުން ﷲ ގެ ރުހިވޮޑިގަތުންވާ ކޮންމެ ކަމެއްގައި ވެރިމީހާއަށް ތަބަޢަވުމަކީ ދީނުގައި އަމުރު ކުރެވިގެންވާ ކަމެކެވެ. އައްނިސާ ސުރަތުގެ (59) އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ޙައްޤަށް ތަބާވުމަށް އަމުރުކުރާ ދަންނަބޭކަލުންނަށާއި، ﷲ އަށް ކިޔަމަންވުމަށާއި، ދުނިޔަވީ ކަންކަމުގައި ޢާއްމު މަޞްލަޙަތު ރިޢާޔަތްކޮށް ތިޔަބައިމީހުންގެ ވެރިންކުރާ އަމުރަށް ކިޔަމަންވާށެވެ! ފަހެ ދީނާއި ދުނިޔޭގެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގައި އެކަމަކާމެދު ޙުކުމް އޮތް ގޮތް ބަލައި އެއާ އެއްގޮތަށް ޢަމަލުކުރާށެވެ! ތިޔަބައިމީހުން ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާކަމުގައިވަނީ ނަމަ އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ."
އެކަމެއްގެ ސަބަބުން ﷲ އަށް އުރެދުމެއްވާ އެއްވެސް ކަމަކަށް އަމުރު ކުރެވިއްޖެނަމަ އެ ކަމަކަށް ތަބަޢަވުމުގައި ވެރިމީހާ އާ، ތިމާމެންގެ ފާފަތައް ބޮޑުނުކުޅައުންހުއްޓެވެ. ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޚާލިޤުވަންތަ ﷲ އަށް އުރެދުންވާ ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންތެރިވުމެއްނުވެއެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ " ކިޔަމަންގަތުން ވާކަންކަށަވަރީ ހެޔޮ ކަންތަކުގައެވެ."
އިސްވެބަޔާންވެދިޔައީ އިސްލާމީ ޝަރީޢަތުގައި ވެރިކަމުގެ ދައުރާއި، ވެރިކަން ލެއްވިގެންވާ މަޤްޞަދެވެ. އެއިން އެނގި ފާޅުވެގެންދަނީ އިސްލާމްދީން ޙިމާޔަތްކޮށް ފަސާދަ ނައްތާލުމަށް ބާރު އަޅައި އެކަން ކުރުމަކީ އެންމެ ފުރަތަމަ އެމުޖުތަމަޢެއްގެ ވެރިކަމުގެ ޒިންމާއެއްކަމެވެ. މުންކަރާތްތައް ނަހީކުރުމަކީ އެއްމެފުރަތަމަ ވެރިކަމުގެ ވާޖިބެއްކަމެވެ. ޢަދުލުވެރިކަން ޤާއިމުކުރުމަކީ އެއްމެ ފުރަތަމަ ވެރިކަމުގެ ޒިންމާއެއްކަމެވެ.
ﷲ އެކަލާނގެ އިރާދަކުރެއްވި ބަޔަކަށް ވެރިކަން ދެއްވައި ޢިއްޒަތްތެރި ކުރައްވައެވެ. އެއީ އިސްވެދިޔަފަދައިން އެކަލާނގެ ދީނުގެ ޙުކުމްތަކާއި ޝިޢާރުތައް ބިންމަތީގައި މަތިވެރިކޮށް ޤާއިމްކުރުމަށެވެ. ނަމާދު އޭގެވަގުތުގައި އަދާކުރުމަށާއި، އެހެންމީހުންނަށް އެނަމާދު އަދާކުރުމަށް ގޮވާލުމަށެވެ. އަދި ޙައްޤުގޮތުގައި ޒަކާތްދިނުމަށާއި، މީހުންގެ އަތުން ޒަކާތްނަގައި އޭގެ ޙައްޤުވެރިންނަށް ޙަވާލުކޮށް ދިނުމަށެވެ. ހެޔޮކަންތައްތަކައް އަމުރުކުރުމަށާއި، ނުބައިވެގެންވާ ކަންތައްތައް ނަހީކުރުމަށެވެ. މިފަދަ މީހުންނަށް ﷲ ނަޞްރު ދެއްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންފައިވެއެވެ.
އިސްލާމީ އުޞޫލުތަކުގެ މައްޗަށް ހިންގާ ވެރިކަމުން މައިގަނޑު ހަތަރު އަމާޒެއް ޙާޞިލްކުރަންޖެހޭނެއެވެ. އެއީ:
(ހ) ދީނަށް ލޯބިކުރާ މުސްލިމު ފަރުދަކު ބިނާކުރުން:
މުސްލިމު މުތަމަޢުގެ ބިންގަލަކީ އުފަންވާ ކުއްޖާއެވެ. އެކުއްޖާ އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އޭނާގެ ކިބައިގައި ރިވެތި އަޚުލާޤު ހަރުލެއްވުމަކީ މުހިންމުކަމެވެ. އޭނާގެ ޢަޤީދާ ބިނާކޮށް ރަނގަޅު ތަރުބިޔަތު ދިނުމަކީ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެކެވެ. އޭނާ އަކީ ފިކުރީ ގޮތުން ވަޒަންހަމަ ދުނިޔެ ބިނާކުރާ، އާޚިރަތް ހަނދާން ނައްތާނުލާ ޝަޚުޞިއްޔަތަކަށް ހެދުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭނެ ކަމެކެވެ. މިކަންކަމަކީ އިސްލާމީ ޙަޟާރަތުގައި ދައުލަތްތަކުން ދަމަހައްޓާފައިވާ އުޞޫލެކެވެ.
(ށ) ދީނަށް ތަބާވާ ޢާއިލާއެއް ބިނާވުން:
އިސްލާމީ އަޚްލާޤާއި އެއްގޮތައް ބިންގާ އެޅިފައިވާ ޢާއިލާތައް އުފައްދަންޖެހެއެވެ. ބޯހިޔާވަހިކަމުގެ އަސާސީ ޚިދުމަތް ޢާއިލާއަށް ފޯރުކޮށްދެވެންޖެއެވެ. ހަމެޖެހިގެން އުޅެވޭނެ ވަރުގެ ވަޒީފާގެ ފުރުޞަތު ދެވެންޖެހެއެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވޭނެ މަގު ތަނަވަސްކޮށްދެވެންޖެހެއެވެ. އަސާސީ ޙައްޤުތަކުން ޢާއިލާތައް މަޙުރޫމްވެގެން ދިއުމަކީ ފިކުރީ ގޮތުން ދީނާއި ދުރުވެ ނޭއްގާތީ ކަންކަމަށް އަރައިގަތުމަށް މަގު ފަހި ވެގެންދާ ކަމެކެވެ. މިކަންކަމަކީ އިސްލާމީ ޙަޟާރަތުގައި މުހިންމުކަން ދީފައިވާ ކަންކަމެވެ.
(ނ) އިސްލާމީ މުޖުތަމަޢު ޙިމާޔަތްކުރުން
މުސްލިމު ޞާލިޙު ޢާއިލާތަކުގެ ބިންގަލަކީ މުސްލިމު ޞާލިޙު ފަރުދުންނެވެ. މުޖުތަމަޢުގެ ތަނބުތަކަކީ އެ ޢާއިލާތަކެވެ. އެ މުޖުތަމަޢުގެ އަމާންކަމާއި ޞުލްޙަވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަކީ އިސްލާމީ ވެރިކަމުގެ މަސްއޫލިއްޔަތެކެވެ. އެ މުޖްތަމަޢުގެ އެންމެހާ އަފްރާދުންގެ ޙައްޤުތައް ތަފާތު ކުރުމެއްނެތި ޙިމާޔަތްކުރަންޖެހޭނެއެވެ. އެކަންކަން ކުރެވޭނީ އަދުލުވެރިކަން ޤާއިމުކޮށްގެންނެވެ. މީގެ އިތުރުން މުޖުތަމަޢަށް އަންނަ ތަފާތު އޮއިވަރުތަކާއި ފިކުރީ ހަނގުރާމަތަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ވެސް ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. މިއުޞޫލަކީ އިސްލާމީ ޙަޟާރަތުގައި ހުރިހާ ޒަމާނެއްގައި ވެސް މިކަން ދަމަހައްޓާފައިވާ ގޮތެވެ.
( ރ) ޢުމްރާމީ ކުރިއެރުމާއި ތަރައްޤީ
ﷲ މުސްލިމުންނަށް އަންގަވާފައިވަނީ ހުރިހާ ގޮތަކުން ހުރިހާ ހެޔޮކަމެއްގައި ކުރިއަރައި ދިއުމަށެވެ. ތަޢުލީމުގައި ކުރިއަރަންޖެހެއެވެ. އިޤުތިޞާދުގައި ކުރިއަރަންޖެހެއެވެ. ޢުމްރާނީ ގޮތުން ކުރިއަރަންޖެހެއެވެ. މިހެންކަމުން އިސްލާމީ ޙަޟާރަތް ފާހަގަވެފައިވަނީ ދުނިޔެ ޙައިރާންކޮށްލި ޙަޟާރަތެއްގެ ގޮތުގައެވެ. އިޖުތިމާޢީ އުޞޫލުތަކާއި ޢުމްރާނީ ތަރައްޤީއާއި ޢިލްމީ ކުރިއެރުން ހޯދުމުގައި އިސްލާމީ ޙަޟާރަތްވަނީ ދެވަނައެއް ނުވާ ފަދަ ނަމޫނާ ދައްކާފައެވެ. މިގޮތުން ދުނިޔޭގެ އެންމެ ދޮށީ ޔުނިވަރސިޓީތައް ވެސް ޤާއިމުކުރީ މުސްލިމުންގެ ޙަޟާރަތުގައެވެ. އެތައް ޢިލްމީ އާ ހޯދުންތަކާއި ކުރިއެރުން މުސްލިމުން އީޖާދު ކުރިއެވެ. ޞިއްޙީ ދާއިރާގައިވެސް އެހެން ޙަޟާރަތްތަކުގައި ނެތްވަރުގެ ޑޮކްޓަރުން މުސްލިމުންގެ ތެރެއިން އުފެދުނެވެ. މުހިންމު ގުނަންތަކުގެ އޮޕްރޭޝަންތަށް ކޮށްފައިވެއެވެ. ބޭސް އުފައްދާފައިވެއެވެ. ދުނިޔޭގައި ނެތް ފަދަ ބިނާތަކާއި ހަސްފަތާލުތައް އުފައްދާފައިވެއެވެ. ދިމިޝްޤާއި ބަޣުދާދާއި ޤުރުޠުބާއާއި( އަންދަލުސް) ޤާހިރާއާއި ތޫނިސްއާއި ޙައިދަރު އާބާދާއި ލާހޫރާއި އާގަރާއާއި ދިއްލީއަކީ އިސްލާމީ ޙަޟާރަތު ކުރިއެރުން ރަމްޒުކޮށްދޭ މުހިންމު ބައެއް ތަންތަނެވެ. މިހުރިހާ ތަންތަނެއްގައި މުސްލިމުންވަނީ ތަރައްޤީއާއި ޙަޟާރަތާއި ތަމައްދުން ޤާއިމުކޮށްފައެވެ. މިކަންކަމުގެ އިތުރުން ޢަސްކަރީ ގޮތުންވެސް ކަނޑުގެ ބާރު އުފެއްދުމާއި އަސްކަރީ އާ ވަސީލަތްތައް އުފެއްދުމާއި ސަހަރާގެ ހަނގުރާމަތަކުގައި އިސްތިރާތީޖީ އުޞޫލުތަކުގައި މުސްލިމުން ކުރި ހޯދާފައިވެއެވެ.
އިސްލާމީ ޙަޟާރަތުގެ ކުރިއެރުންތައް ހުއްޓިގެން ދިޔައީ ދުޝްމަނުންގެ ރޭވުންތަކުގެ ޝިކާރައަކަށްވެ މުސްލިމުން ބައިބައިވެ އެއްބަޔަކު އަނެއްބަޔަކާ ޚިލާފުވެ ތަޅާފޮޅަން ފެށި ހިސާބުންނެވެ. ދުޝްމަނުން އަބަދުވެސް އެދޭނީ މުސްލިމުން އެހެންކަންކަމުގައި މަޝްޣުލުކޮށްފައި ބޭތިއްބުމަށެވެ. މިކަންކަމާ މިއަދުގެ ޖީލުތަކުން ވިސްނައި ފިކުރު ހިންގަންޖެހެއެވެ.
ދައުލަތް ބިނާވެގެންވަނީ ދީނާއި ރައްޔިތު މީހާއާއި އޭނާ އުޅޭ ދުޅަ ހެޔޮ މާހައުލުގެ މައްޗަށެވެ. މިހެންކަމުން އިސްވެ ދިޔަ އަމާޒުތައް ޙާޞިލްކުރުމަކީ މުސްލިމު ސަރުކާރުގެ އެންމެ މަތިވެރި ޢަޒުމަށް ވާންޖެހޭނެއެވެ.