އެމްއެންޑީއެފް

މަސްތުވާތަކެތި ނަގަން ދިޔަ ދިވެހި ދޯނި ހިފަހައްޓައިފި

މަސްތުވާތަކެއްޗާއެކު ބޭރުގެ ބޯޓެއް ސިފައިން ހިފަހައްޓާފައި ވަނިކޮށް، އޭގައި ހުރި މަސްތުވާތަކެތި ބަލައި ދިޔަ ދިވެހި ދޯނިވެސް ހިފަހައްޓާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހު ފަސް ވަނަ ދުވަހުގެ ރޭ ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހިފަހައްޓާފައިވާ ކަމަށެވެ. - އެބޯޓްގައި 150 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ސިފައިންނާ ފުލުހުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދާއި ގުޅޭގޮތުން އެއްޗެއް ނުބުނެ އެވެ. -

މި ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ އެއްވަނަ ދުވަހު އެވެ.

ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓާއި، ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްވެސް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

މި ދެ އުޅަނދު މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނެވުނު ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ. މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ. އަދި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ.