މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 10 މީހުން

މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ދަށައް ގެނެވުނު ބޯޓްގައި 6 ބިދޭސީއަކު ތިބި ކަމަށާ އެ ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ ދޯނީގައި ތިބީ ދެ ދިވެހިންނާ، ދެ ބިދޭސީން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމަހު ފަސް ވަނަ ދުވަހުގެ ރޭ ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހިފަހައްޓާފައިވާ ކަމަށެވެ.

އަދި ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓާއި، ރާއްޖޭގެ އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްވެސް އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި ވާކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނެވުނު ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ. މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްކަން އަންގައިދޭ އެއްވެސް ލިޔެ ކިޔުމެއް ނެތް ކަމަށް ފުލުހުން ބުނެއެވެ. އަދި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބި ކަމަށެވެ.

މި ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ އެއްވަނަ ދުވަހު އެވެ.

އެބޯޓްގައި 150 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ސިފައިންނާ ފުލުހުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަދަދާއި ގުޅޭގޮތުން އެއްޗެއް ނުބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވާ ކަމަށެވެ.