އެމްޓީސީސީ

އެމްޓީސީސީން "ހިނިތުންވުމާއެކު" ކެމްޕޭން ފަށައިފި

ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާއާ ގުޅުވައިގެން އެމްޓީސީސީން "ހިނިތުންވުމާއެކު" މި ނަމުގައި ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

އެމްޓީސީސީގެ ފެންނާ ގިމަތައިގައި ބޭއްވި މިރަސްމިއްޔާތުގައި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ހަސަން ޝާހެވެ.

މި ރަސްމިއްޔާތުގައި ޝާހް ވިދާޅުވީ އެމްޓީސީސީއަކީ ގައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާ ގޮތުން ހިދުމަތްދެމުންދާ ކުންފުންޏެއް ކަމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި ކެމްޕެއިންގެ ސަބަބުން ކަސްޓަމާ ސާވިސްގެ ހިދުމަތް އިތުރަށް ފުރިހަމަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމްޓިސީސީން ބުނި ގޮތުގައި މި ކެމްޕެއިންގެ އެންމެ ބޮޑު މަގްސަދަކީ ކުންފުނީގެ ސްޓާފުންގެ މެދުގައި ކަސްޓަމާ ސާވިސްގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އިތުރު ކުރުމާއި ކުންފުނިން ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އެކްސްޕީރިއެންސް ރަނގަޅު ކުރުން ކަމަށެވެ.

މި ކެމްޕެއިން މި މަހުގެ 12 އަށް ކުރިއަށްގެންދާ އިރު ކުންފުނީގެ ކަސްޓަމަރުންނަށް ހަރަކާތްތަކެއް ކުންފުނިން ކުރިއަށްގެންދެ އެވެ. ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާގެ ގޮތުގައި ފާހަގަ ކުރަނީ އޮކްޓޯބަރު މަހުގެ ހަތަކުން 11 އަށެވެ.