ރިޕޯޓް

ނަޝީދުއާ ނުލާ އެމްޑީޕީ؛ ދެން އިތުރުގޮތެއް ނެތް!

Aug 11, 2015
5

އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ނުފޫޒު އިންތިހާއަށް ބޮޑު ޕާޓީ އެވެ. އެ ޕާޓީ އިން ބޭނުންވާހާ ގޮތަކަށް ސިޔާސީ ވެށި އެ ޕާޓީ އިން އައީ މީގެ ކުރިން އަނބުރަމުންނެވެ. އެ ޕާޓީގެ މަގުމަތީ ހަރަކާތްތަކުގެ ވަރުގަދަ ކަމާއި އަޑު ގަދަ ކަމުން އެއިރެއްގައި އޮންނަ ސަރުކާރަކަށް އެ ޕާޓީއާ ވިއްދާލައިގެނެއް ނޫޅެވެ އެވެ. އޭރު އެމްޑީޕީ ފެނުނީ ސިޔާސީ ގޭމް ޗޭންޖަރުގެ ގޮތުގަ އެވެ. އެކަމަކު މިދިޔަ ދެ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެއްކަލަ އެމްޑީޕީ އެއް މިހާރަކު ނުފެނެ އެވެ. އެ ޕާޓީގެ މަގުމަތީގެ ހަރަކާތްތަކުގެ ބާރު ކެނޑި ހަރުގެ ޖަލްސާއަށް އެއްވާ މީހުން މަދުވެ، އަޑު ވެސް ވަރަށް ބޮޑަށް ހިނދިއްޖެ އެވެ. ކިތަންމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް ކޮންމެވެސް ކަމެއް ވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުން އައި ޝަރީއަތަކީ އެމްޑީޕީގެ ބަލިފަޔަކަށް އޮތީވެފަ އެވެ. އެ ޕާޓީގެ ބާނީ ނަޝީދު ސަލާމަތް ކުރުމަށް އެ ޕާޓީގެ ހުރިހާ ގުނަންތަކެއް އޮތީ އެކީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. ބޮޑެތި މަގުމަތީ ރެލީތަކާއި އެ ޕާޓީގެ ސިޔާސީ ހަރަކާތެއްގެ އަމާޒު އޮތީ ދައުލަތަށް ޕްރެޝަރު ޖައްސައިގެން ނަޝީދުގެ ޝަރީއަތުގެ ކަންކަން މައިތިރި ކުރުމަށެވެ.

އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ނަޝީދުގެ ޝަރީއަތް ޕްރޮސިކިއުޓާ ކުއްލި އަކަށް އަނބުރާ ގެންނަވައި، ދެން އެ މައްސަލަ ވެއްދީ އެމްޑީޕީގެ ބޮލުގަ ރިހުން އަދި މާ ގަދަވާ ގޮތަކަށެވެ. ޕީޖީ ހަމަ ކުއްލިއަކަށް ދައުވާ ޓެރަރިޒަމްގެ ދައުވާއަށް އަނބުރާލައި ކޯޓަށް މައްސަލަ ހުށަހަޅައި ޝަރީއަތް ނިމެންދެން ނަޝީދުގެ ފުލުުހުންގެ ތަހުގީގު ޖަލު، ދޫނިދޫގައި ބަންދު ކުރި އެވެ.

ގަބޫލު ކުރެވޭ ގޮތުގައި ކުއްލިއަކަށް އެމްޑީޕީގެ މަންޒަރު ބަދަލުވީ މި ހިސާބުންނެވެ. ނަޝީދު ސަލާމަތް ކުރަން އެ ޕާޓީ އިން ޖެއްސި ހަރަކާތުން މާ ބޮޑު އަސަރެއް ނުކޮށް، އެ ހަރަކާތުގެ ނަތީޖާއަކަށް ވީ މުޅި ޕާޓީއަށް ވެސް ހައިރާންކަން ލިބި އިތުރު ބޮޑު ހާޖާނެއްގެ ތެރެއަށް ވެއްޓުމެވެ. ދެން ވެސް އެ ޕާޓީ އިން ސަރުކާރަށް އިންތިހާއަށް ޕްރެޝަރު ކުރުމަށް މަސައްކަތް ކުރި އެވެ.

ހުރިހާ ސިޔާސީ ޕާޓީތަކެއް އެކީގައި ނިކުމެ ހަމަ ދެންމެ ދެންމެހެން ސަރުކާރު މުލުން ލުހެލާނެހެން ހީވި އެވެ. އެކަމަކު އެ ވެސް ފައިދާ ހުރި ކަމަކަށް ނުވި އެވެ. ނަޝީދު 13 އަހަރަށް ޖަލަށްލުމުން ވެސް ވަކި ސަރުކާރަށް އެމްޑީޕީގެ ހަރަކާތްތަކުން ޕްރެޝަރެއް ނުކުރި އެވެ. އޭގެ ބަދަލުގައި އިތުރަށް އައީ މާޔޫސްވަމުންނެވެ. ސަރުކާރު އެއަށް ވުރެ މާ ބޯހަރީ އެވެ. ސަރުކާރު ކުޑަކަކޫ މައްޗަށް ޖެއްސޭ ވަރުގެ ސިޔާސީ ހަރަކާތްތަކެއް ރޭވޭ ވަރުގެ ސިކުނޑިއެއް އެމްޑީޕީގައި ނެތީކަމަށް ވެދާނެ އެވެ.

"ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ހައްޔަރު ކުރުންވީ އެމްޑީޕީއަށް ސަޕްރައިޒަކަށް. އެއީ އެމްޑީޕީއަށް ވަރަށް ބޮޑު ގެއްލުމަކަށްވީ. އެއީ ހަމަ އަރައި ނުގަނެވޭ ވަރުގެ ގެއްލުމަކަށް ވެގެން މި އައީ،" އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ.

އެއީ އެމްޑީޕީގެ ބާރު ދޫވެ، އެ ޕާޓީގެ އަޑު ހިނދެން ފެށި ހިސާބެވެ. އެމްޑީޕީގެ ހުރިހާ ކަމެއް ރާވާފައި އޮތީ ނަޝީދު ވަަށައި އެނބުރޭ ގޮތަށެވެ. ހުރިހާ ކަމެއްގެ ފުރިހަމަ ކޮންޓްރޯލް އޮތީ ނަޝީދުގެ އަތުގަ އެވެ. އެންމެ މައިކްރޯ ކަންތައްތަކުން ފެށިގެން ސިޔާސީ އެންމެ ބޮޑެތި ވިސްނުންތައް ވެސް އަންނަނީ ހަމަ ސީދާ ނަޝީދާ ހިސާބުންނެވެ. މުޅި ޕާޓީ ނަޝީދުގެ މައްޗަށް ބަރޯސާވުމުން، މައްސަލަ ކުރިމަތިވީ އެވެ.

ނަޝީދުގެ ޖަލު ހުކުމާ އެކު އެމްޑީޕީގެ ލީޑަޝިޕްގެ މޫނުމަތިން ފެންނަން ހުރީ ސިޔާސީ މައިދާނުގެ ބެރެއްގެ ގޮތުގައި ބެލެވޭ، އަޑުގަދަ ބަސްފުޅު ހަރު ޕާޓީގެ ޗެއާ އަލީ ވަހީދެވެ. ބޫން ބޫން އަޅުވާފައި އަލީ ވަހީދު ކެކި އެރިޔަސް، ފީލްޑްގައި އަލީ ވަހީދު ފެންނަނީ ލޮނު މަޑުބޭފުޅެއްގެ ގޮތުގަ އެވެ.

އެންމެ ބޮޑެތި ރެލީތަކުގެ ވަކި ހިސާބަކުން، އަލީ ވަހީދު ކިތަންމެ ބިޔަ ވިޔަސް، އޭނާ ދެން ނުފެންނާނެ އެވެ. އެއްބަޔަކު ބުނާ ގޮތުން އެމްޑީޕީގެ މައިގަނޑު އަސާސް ބިނާވެފައިވާ މަގުމަތީ ހަރަކާތްތަކުގައި އަލީ ވަހީދަކީ ހަމަ ފިނޑިއެކެވެ. ނަޝީދު ގޮތަށް ފީލްޑްގައި އުޅުއްވުމަށް އަލީ ވަހީދަށް ނުކުރެނީ އެވެ. ނަތީޖާ އަކަށް ވަނީ ސަރުކާރަށް ޕްރެޝަރު ކުރަން ޖައްސާ ހަރަކާތްތަކުގެ ބާރު ކެޑިގެން ދިޔުމެވެ. އެމްޑީޕީގެ ރެލީތަކަށް ފުރަތަމަ މީހުން ވެސް އެއްވި އެވެ. އެކަމަކު އަލީ ވަހީދު މީހުންނަށް ސިފަކޮށްދޭ މަންޒަރާއި ކަންވެ ނިމޭ އިރު އޮންނަ މަންޒަރު ދިމާނުވުމުން ހުރިހާ ކަމެއް ދަނީ ޗޮކުހުންނެވެ.

ސިޔާސީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ނަޝީދުގެ ބަދަލުގައި އެމްޑީޕީގައި ދެން ލީޑަރަކަށް ދައްކާނެ ބޭފުޅަކު ތައްޔާރު ކުރެވިފައި ނެތުމަކީ އެންމެ ބޮޑު ބަލިފަ އެވެ. އެކަމުގެ ސަބަބުން މަންޒިލެއް ނެތި އޮޔާދާ އެއްޗެކޭ އެމްޑީޕީ އެކޭ ތަފާތެއް ނެތް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ބައެއް ފަހަރު އަލީ ވަހީދު ދައްކާ ވާހަކަޔާއި ނަޝީދު ރައިޓް ހޭންޑް، އިބްރާހިމް މުހައްމަދު ސޯލިހު، (އިބޫ) ވާހަކަޔާ ވެސް ދިމަލެއް ނުވެ އެވެ. އެމްޑީޕީ ދެން ހަރުކަށި ވާނެ ކަމަށް ބުނީ އިރު، ގައުމީ މަޖިލިސް ސިއްރު އެއްވެ، ހަމަ ސަރުކާރާ އަކު މަޝްވަރާ ކުރުމުގެ ސްޓޭންޑް ދެމެހެއްޓީ އެވެ. އޭގެ ފަހުން އަދި ވަކި ތަފާތެއް ނުފެނެ އެވެ.

އެމްޑީޕީ ކުރިއަށް ދާންވީ ކޮން ލީޑަރެއްގެ ފަހަތުން ކާކުގެ ބަސް އަހައިގެން ކަން ނިންމަން އެބަ ޖެހެ އެވެ.

ސިޔާސީ މައިދާނުގައި ގޮތް ދޫކުރުމާއި ގައުމީ މަސްލަހަތަށް ބެލުން ވެސް އޮވެ އެވެ. އެކަމަކު އެމްޑީޕީ އިން ޕޯޑިއަމްތަކުގައި އާންމު މެންބަރުން ސަރުކާރުގެ ވަކި ސިޔާސަތަކާ ދެކޮޅަށް ރުޅި ގަދަކޮށްލުމަށް ފަހު، ސަރުކާރާ އެއްކޮށް އެ ސިޔާސަތަށް މަޖިލީހުގައި ތާއީދު ކުރާތަން ފެނުމުން ވަނީ އެމްޑީޕީގެ އާންމު މެންބަރުންނަށް ބޮޑު މާޔޫސްކަމަކަށެވެ. އަދި އެމްޑީޕީ އިން ގަބޫލު ކުރި އާންމު އުސޫލުތައް ދޫކޮށްލާފައި ވަކި މީހަކަށް ޓަކައި ޕާޓީގެ ހަގީގީ ވިސްނުން ގުރުބާން ކުރަން ޖެހުމަކީ އެ ޕާޓީއަށް ބައެއް ލޯޔަލް އެކްޓިވިސްޓުންގެ ހިތުގައި ވެސް ޝައްކު ހިނގާނެ ކަމެކެވެ.

މަޖިލީހުގައި މިފަހުން ނެގިގެން ދިޔަ ބައެއް ވޯޓުތަކުން އެކަން ހާމަވެ އެވެ. އުސޫލުގެ ބޭރުން ކަންކަން ހިނގި ކަމަށް އެމްޑީޕީ އިން ގަބޫލު ކުރުމަށް ފަހުގައި ވެސް، ސަރުކާރުން ބޭނުން ގޮތަށް ކަންކަން ފާސްކުރަން އެމްޑީޕީ އިން ވެސް އޮއްބީ ފެއްސަށެވެ. މިއީ ސިޔާސީ ގޮތުން މަގުސަދެއް ނެތި އެ ޕާޓީ އުޅެމުން އަންނަކަން ދޭހަކޮށްދޭ ކަމެކެވެ.

ގަބޫލު ކުރިޔަސް ނުކުރިޔަސް، ހަގީގަތަކީ އެމްޑީޕީ މިހާރު މިފެންނަނީ ކުރީގެ އެމްޑީޕީ ހެނެއް ނޫންކަމެވެ. ކޮންމެ ގޮތެއް ހެދިިޔަސް އެމްޑީޕީ ގަބޫލު ކުރާ އުސޫލުތައް ހަމަ ހިލާ ދުލެއް ނުކުރެ އެވެ. ސަރުކާރާ ވިއްދާލައިފިއްޔާ އެމްޑީޕީ ހުއްޓާލާނީ އެމީހުން ކޮޅަށް އެކަން އަނބުރާލައިފަ އެވެ. އެކަމަކު މިހާރު އެކަން މި ވަނީ އެހެނެއް ނޫނެވެ. އޭގެ ބަދަލުގައިި ލީޑަރެއް ނެތި ކުރިއަށް ދާން ޖެހުމުން ޕާޓީގެ ބާރު ކެނޑި ވިއްސިވިހާލި ވަނީ އެވެ. އެމްޑީޕީ އިން ނަޝީދު ސަލާމަތް ކޮށް، އަދިވެސް ލީޑަރެއްގެ ގޮތުގައި ބަލާނީތޯ ނޫނީ އާ ލީޑަރެއް ޕާޓީ އިން ކުރިއަށް ނެރޭނީތޯ ވިސްނުމުގެ ވަގުތު މި އޮތީ އައިސްފަ އެވެ. ދެން އެމްޑީޕީ ރިފޯމް ނުކޮށް ހިންދެމި ލެވޭނެއެކޭ ހިތެއް ނުބުނެ އެވެ.