ކަނޑު ބޯޓަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައާއި ގުޅިގެން ފުލުހުންގެ ބަންދުގައި 13 މީހަކު އެބަތިބި ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.
ދިވެހި ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ވަނީ ހިފަހައްޓައިފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިބީ ބޭރު ބޯޓްގައި ތިބި 6 މީހަކާ، ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ ދޯނީގައި ތިބި ދެ ދިވެއްސަކާ، ދެ ބިދޭސީއެއްގެ އިތުރުން މި ނެޓްވޯކާ ގުޅުން ހުރި ކަމަށް ބެލެވިގެން ހައްޔަރުކޮށްފައިވާ އިތުރު ތިން މީހެއް ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރެވިފައިވާ 13 މީހުންވެސް ހައްޔަރުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބޭރު ބޯޓްގައި ތިބި 6 މީހުންނާއި، ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ ދޯނީގައި ތިބި ދެ ދިވެހިންނާ، މި ނެޓްވޯކާ ގުޅުން ހުރި ކަމަށް ބެލެވިގެން ހައްޔަރުކޮށްފައިވާ 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ދިވެހި ދޯނީގައި ތިބި ދެ ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ ބޯޓުން މިހާތަނަށް މަސްތުވާތަކެތި ހުރި ތިން ގޯނި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި ހުރީ ގާތްގަނޑަކަށް 70 ކިލޯ ކަމަށެވެ.
މި ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، މި މަހުގެ އެއްވަނަ ދުވަހު އެވެ.