އިސްލާމް ދީނާ ދެކޮޅު ވާހަކަދައްކާ ފުރައްސާރަ ކުރާ ފަރާތްތަކާއި މީހުންނަށް އިންޒާރު ދޭ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަ ހޫނުވެފައި ވަނިކޮށް ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނާ ދެކޮޅު ވާހަކަތައް ދައްކަމުން އަންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށާއި ހަމަ އެ ފަދައިން މީހުންނަށް އިންޒާރު ދޭ މައްސަލަތަކުގައި ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެފަދަ މައްސަލަތައް މޮނިޓާ ކުރަމުންދާ އިރު އެ ދެ ބާވަތުގެ ހައްދުފަހަނަ އަޅާ ދިޔުމުގެ އަމަލެއް ހިނގާނަމަ އެކަން ރިޕޯޓު ކުރަން އެދިވަޑައިގަންނަވާ ކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު މިހެން ވިދާޅުވި އިރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނުގެ ހަމަތަކަށް ދެކޮޅު ހަދައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވެ އެވެ. އެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފައިވާ އިރު ހަމީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެކަން ވަރަށް ސީރިޔަސް މައްސަލައެއް ގޮތުގައި ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީއެން އުވާލަން ސޯޝަލް މީޑިއާގައި ގޮވާލަމުން ދަނިކޮށް ޖަމިއްޔާ ޖަމާއަތްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޔޫތު މިނިސްޓްރީ އިން ވަނީ އެމްޑީއެންގެ ހަރަކާތްތައް ހުއްޓާލަން އަންގައިފަ އެވެ.