ސަލްމާން ހާން

ސަލްމާންގެ އާ ފިލްމް: އިންޑިއާޒް މޯސްޓް ވޯންޓަޑް ކޮޕް - ރާދޭ

Oct 11, 2019

"ދަބަންގް 3"ގެ ޝޫޓިން ނިންމާލުމަށް ފަހު ސަލްމާން ޚާން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ ކުޑަ އީދުގައި ރިލިޒް ކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ފިލްމުގެ މަސައްކަތަށެވެ. މި ފިލްމު ވެސް ޑައިރެކްޓްކުރަނީ "ދަބަންގް 3" ގެ ވެސް ޑައިރެކްޓަރު ޕްރަބޫދޭވާ އެވެ. މިއީ ސަންޖޭ ލީލާ ބާންސާލީގެ "އިންޝާﷲ" ނުކުޅެން ސަލްމާން ކުއްލި ގޮތަކަށް ނިންމުމަށްފަހު އިއުލާން ކުރި ފިލްމެކެވެ.

މިހާތަނަށް މި ފިލްމުގެ ނަމެއް އިއުލާން ނުކުރިޔަސް ފިލްމުގެ ނަމަކަށް "އިންޑިއާޒް މޯސްޓް ވޯންޓަޑް ކޮޕް – ރާދޭ" ގެ ޓައިޓްލް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ސަލްމާންގެ "ބާރަތު" ފަދައިން މިފަހަރުވެސް އޭނާ ކޮރެއާ ފިލްމެއްގެ ރިމޭކެއް އުފައްދަން އުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ. އެގޮތުން އޭނާ މިފަހަރު ޚިޔާރުކުރީ 2017 ގައި ނުކުތް ކޮރެއާ ފިލްމު "ދި އައުޓްލޯޒް" އެވެ.

މި ފިލްމުގައި ވެސް ސަލްމާން ކުޅެނީ ފުލުސް އޮފިސަރެއްގެ ރޯލެވެ. ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހު 20 ގައި ނެރެން ހަމަޖެހިފައިވާ "ދަބަންގް 3" އެވެ.

މި ފިލްމުގައި ސަލްމާންގެ ކެރެކްޓާގެ ޅައިރުގެ ލޯބިވެރިޔާގެ ރޯލު ކުޅެނީ ފިލްމު އެކްޓަރު-ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެންދަރިފުޅު ސަލީ މަންޖްރޭކަރް އެވެ. "ދަބަންގް" ފްރެންޗައިޒްގެ ކުރީ ދެ ފިލްމެކޭ އެއްފަދައިން މިފަހަރުގެ ފިލްމުން ވެސް ރައްޖޯގެ ރޯލުން ސޮނާކްޝީ ސިންހާ ފެންނާނެ އެވެ. ނުބައިބައި ކުޅެނީ ކިއްޗާ ސުދީޕް އެވެ.