ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރާ ވަކީލުން މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ނަގާ ޖޫރިމަނާ ދައްކަން ޖެހޭނީ އެ ވަކީލަކު އަމިއްލައަށް ކަމަށާއި އެކަމުގައި ދައުލަތުން ޒިންމާވާން ނުޖެހޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ހައިކޯޓުން މިގޮތަށް ކަނޑައެޅީ މިއަދު ދެކުނު ގޮފީގައި ނިންމި މައްސަލަތަކެއްގެ ހުކުމްގަ އެވެ. އެ މައްސަލަތަކަކީ ގދ. ތިނަދޫ ކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ހުށަހެޅި މައްސަލަތަކެއްގެ ޝަރީއަތަށް ޕީޖީގެ ވަކީލް ގަޑިއަށް ހާޒިރު ނުވެގެން އެ ކޯޓުން ބޭރުކޮށްލި މައްސަލަތަކެކެވެ. އެ މައްސަލަތައް ހައިކޯޓު ދެކުނު ގޮފީގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ.
ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަލީ ސަމީރު މިއަދު ނެރުއްވާފައިވާ ހުކުމްތަކުގައި މަގުބޫލު އުޒުރެއް ނެތި ގަޑިއަށް ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި އެ މައްސަލަތައް ކޯޓުން ބޭރު ކުރެވޭނެ އުސޫލެއް ނެތްކަން ފާހަގަކޮށްފަ އެވެ. އެކަން އެގޮތަށް ކުރެވޭނެ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު ނެތް ކަމަށެވެ.
ނަމަވެސް އެ ގަވައިދުގައި އެފަދަ ހާލަތްތަކުގައި ގަޑިއަށް ހާޒިރު ނުވާ ވަކީލަކު 250 ރުފިޔާ ޖޫރިމަނާ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެ އުސޫލުން ދައުލަތް ވެސް އިސްތިސްނާ ވެގެން ނުވާނެ ކަމަށް ހުކުމްގައި ފާހަގަ ކުރަމުން ބުނެފައިވަނީ އެ ޖޫރިމަނާއަކީ ފަރުދީ ގޮތުން ޒިންމާ ނަގަން ޖެހޭނެ ޖޫރިމަނާއެއް ކަމަށެވެ.
ހުކުމްގައި ބުނީ ދައުލަތުން މުސާރަ އާއި އިނާޔަތް ދޭ ބަޔަކު، އެ ބަޔަކަށް ގާނޫނާއި ގަވައިދުތަކުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވެ ފަރުވާކުޑަކުރާ ހާލަތްތަކުގައި ގާނޫނާއި ގަވައިދުގެ ދަށުން ކުރާ ޖޫރިމަނާ ވެސް ދައުލަތުން އުފުލަން ޖެހޭ ގޮތަށް އޮތުމަކީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ބަޔަކުވާ އިހުމާލުތަކުގެ ގެއްލުމުގެ ޒިންމާ ރައްޔިތުން ނަގާ ގޮތަށް އޮތުން ކަމަށެވެ.
އިހުމާލުވެ ފަރުވާ ކުޑަވުމުގެ ސަބަބުން ކުރާ ޖޫރިމަނާތަކުގެ ޒިންމާ ދައުލަތުން ނުވަތަ މުއައްސަސާތަކުން ނަގާ ގޮތަށް އޮތުމަކީ ވަޒީފާގައި ތިބެގެން ފަރުވާކުޑަވެ އިހުމާލުވުމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ ހުކުމްގައި ކަނޑައެޅީ އެފަދަ ޖޫރިމަނާތައް ދައްކަން ޖެހެނީ ޕީޖީ އޮފީހުން ވެސް ނޫން ކަމަށާއި އެ ވަކީލަކު އަމިއްލައަށް ކަމަށެވެ. އޭގެއިތުރުން މައްސަލައެއްގައި ވަކީލަކު އައްޔަންކޮށްފައި ނެތް ހާލަތެއްނަމަ ޖޫރިމަނާގެ ޒިންމާ ނަގަން ޖެހެނީ ހުދު ޕީޖީ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ދައުލަތުގެ ވަކީލު ހާޒިރު ނުވެގެން މައްސަލަތައް ކޯޓުން ބޭރުކޮށްލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ގޮތުގައި ހުކުމްގައި ފާހަގަކުރި އެވެ. އެއީ ޖިނާއީ މައްސަލަތަކަކީ އޭގައި މުޅި މުޖުތަމައުގެ ހައްގާއި ފަރުދީ ހައްގުތަކެއް ވެސް ހިމެނޭ މައްސަލަތަކަކަށްވާތީ އެފަދަ މައްސަލަތައް ބޭރުކުރަން ވެއްޖެނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލިގެންދާނެތީ ކަމަށް ހުކުމްގައި ބުންޏެވެ.
އެހެންވެ، ދައުލަތުގެ ވަކީލް ގަޑިއަށް ހާޒިރު ނުވާ ކަމަށް ބުނެ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލި މައްސަލަތަކުގެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ހައިކޯޓުން މިއަދު އަންގާފައިވަނީ އެ މައްސަލަތައް ތިނަދޫ ކޯޓުން އަލުން ބެލުމަށެވެ.
ތިނަދޫ ކޯޓުން އެގޮތަށް ބޭރުކޮށްލާފައިވަނީ މުދަލަށް ގެއްލުން ދީގެން ދައުވާކޮށްފައިވާ ތިން މައްސަލައެކެވެ. އެއީ ތިނަދޫގައި 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގައިދިޔަ މާރާމާރީއަކާ ގުޅިގެން އުފުލި ދައުވާތަކެކެވެ.