ޑިޕްލޮމާ ސެޓްފިކެޓަށް 4000 ރުފިޔާ އެވެ. ޑިގްރީ ސެޓްފިކެޓަށް 5600 ރުފިޔާ މާސްޓާސް އަށް 8000 ރުފިޔާ އެވެ. މިހާރު "ވަރީގެ ސެޓްފިކެޓަށް 10،000 ރުފިޔާ" އެވެ. މިއީ އާއްމުންގެ މީހަކު ފޭސްބުކްގައި ލިޔުނު ސްޓޭޓަސް އެކެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސަށް ބޮޑު ބަދަލުތަކެއް ގެނެސް އެންމެ ގިނަ ވެގެން 10،000ރ. ލިބޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ބަދަލު ކުރައްވާފަ އެވެ.
މި ބަދަލާއެކު މުޅި ސޯޝަލް މީޑިއާގައި ސަމާސާކޮށް ދައްކަނީ މި ވާހަކަ އެވެ. އެންމެން އަވަހަށް ވަރި ވާން ވީއެވެ. ވަޒީފާ އަކަށް ދާނެ ކަމެއް ނެތެވެ. އަތަށް 10،000 ރުފިޔާ ވަގުތުން އެރީ އެވެ. އަދި އެއާއެކު ވަރީގެ ނިސްބަތް ވެސް މިހާރަށްވުރެ އިތުރުވާނެ ކަމަށް ބުނެ އާއްމުން ދަނީ ކަންބޮޑުވުން ފާޅު ކުރެ އެވެ. ސަބަބަކީ ސިވިލް ސާވަންޓެއްގެ މުސާރަ އަށްވުރެ އެކަނިވެރި މަޔަކަށްވާން ވާ ވަރިއާއެކު ލިބޭ މުސާރަ ބޮޑުވާތީ އެވެ.
މީގެ ކުރިން އެ އުސޫލުގައި އެކަނިވެރި މަންމަ ނުވަތަ ބައްޕައަށް އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށް ފަހު މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން 3،000 ރުފިޔާ ލިބޭ ގޮތަށެވެ. އަލަށް ގެނައި ބަދަލުގައި ވަނީ މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދު 10،000 ރުފިޔާއަށް އިތުރު ކުރުމަށެވެ.
މި ބަދަލާ ގުޅިގެން އެންސްޕާ އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން ކުރީގެ އުސޫލުގެ ދަށުން ތިން ކުދިންނަށްވުރެ ގިނައިން ތިބި ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އިނާޔަތުގެ ގޮތުގައި ލިބޭނީ 3000 ރުފިޔާ އެވެ. އެކަމަކު މިހާރު 10 ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބޭނެ އެވެ.
ހުރިހާ ދަރިންނަށް ހަރަދު އެއްވަރު ކުރުމަށް މި އެލަވަންސް ބޮޑު ކުރި ކަމުގައި ވިޔަސް އާއްމުންގެ ހިޔާލު ތަފާތު ވެ އެވެ. ބައެއް މީހުން ހިޔާލު ފާޅު ކުރާ ގޮތުގައި އަނެއްކާވެސް ކުރަނީ އިތުރު ބޭކާރު ހަރަދެކެވެ. ކަމެއް ނުކޮށް ތިބެ ފައިސާ ލިބޭ ގޮތްތައް ހަަދައިދެނީ އެވެ.
"އެކަނިވެރި މައިންނާއި ބަފައިންނަށް ދޭން ނިންމި ފައިސާގެ ސަބަބުން މި ގައުމުގައި ކައިވެނި ނުކޮށް ދަރިން ހޯދުމާއި ވަރީގެ ކަންކަން ދާނީ ހައްދުފަހަނަ އަޅައިގެން ހިގައިދާނެ،" މީހަކު ސޯޝަލް މީޑިއާގައި ލިޔެފައި ވެ އެވެ.
ސިވިލް ސާވަންޓުންނަށް މަސައްކަތް ކުރާ މީހުންގެ ދަރަޖަ އަނެއްކާވެސް ދައްވީ ކަމަށް ބައެއް މީހުން ބުނެ އެވެ. ދާ އޮހޮރުވައިގެން ބުރަ މަސައްކަތް ކުރާ މީހާގެ އަތްމަތި ތަނަވަސްކޮށް ނުދީ އެހެން ގޮތްގޮތުން ފައިސާ ހޯދޭނެ މަގުތައް ދައްކަނީ ކަމަށް ވެސް ބުނެފައި ވެއެވެ.
"ސިވިލް ސާވިސް މީހުންނަށް ދޭނެ އެއްވެސް ލާރިއެއް ނެތް. ބޭސް ފަރުވާ އަށް އެހީ އެއް ހޯދަން ވެއްޖެއްޔާ ޖެހޭނީ ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ގޮސް ސަލާން ޖަހަން. އެންމެންވެސް ކަމެއް ނުކޮށް ދެ އަތް އުރައިގެން ގޭގަ ތިބެންވީ" ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.
އެހެންނަމަވެސް މިއީ ވެސް އަބަދުވެސް ދިވެހިން ޝަކުވާ ކުރަމުން އއި ކަމެކެވެ. އެކަނިވެރި މައިންނަށް ލިބޭ 3000 ރުފިޔާ އިން ދަރިންގެ ކަންކަން ހަމަޖައްސާ އިތުރު ކަމަކަށް ފައިސާ ހަރަދު ކުރާނެ އެއްޗެއް ނޯންނަ ކަމަށް ބުނެ މީގެ ކުރިން ވަނީ އެ މައްސަލަ ހޫނު ވެސްވެފަ އެވެ. އަދި މި ބަދަލުގެ ސަބަބުން މި ކަމަށް ހައްލު ލިބުނީ ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.