ހަބަރު

ރައްޔިތުންގެ މަސްލަހަތު އިސްކުރަން އިމްރާން ފުލުހުންނަށް ގޮވާލައިފި

އަމިއްލަ އެދުމާއި މަސްލަހަތަށްވުރެ, ރައްޔިތުންގެ އެދުންތަކާއި މަސްލަހަތު ހިމެނޭ އުއްމީދުތަކަށް އިސްކަން ދޭން ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.

ޝަރަފްގެ ނިޝާނާއި ކުލަ ދިނުމުގެ ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިމްރާން މިއަދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރާ ދާން ވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާ އުއްމީދުތައް އިސްކުރާ ބައެއް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށް ވެސް ފުލުހުން ވާންޖެހޭނެ ކަމަށެވެ.

އިސްކަންދަރުކޮށީގައި ބޭއްވި އެ ރަސްމިއްޔާތުގައި ރައްޔިތުންގެ އެދުމާއި މަސްލަހަތު އިސް ކުރުމާއި، މުއައްސަސާގެ އިތުބާރު ހޯދާ ދަމަހައްޓަން މަސައްކަތް ކުރަން އިމްރާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"ތިމާގެ އަމިއްލަ އެދުމާ މަސްލަހަތަށްވުރެ ރައްޔިތުންގެ އެދުމާ މަސްލަހަތާ އުއްމީދުތައް އިސްކުރޭ. ދެވަނަ ކަމަކީ ހަގީގަތުގައިވެސް މިވަގުތަށް ވަރަށް މުހިއްމު ކަމެއް. އަޅުގަނޑު ހިތުން ކޮންމެ މަދަނީ ތަހުޒީބު މުޖުތަމައެއްގައި އެންމެ މުހިއްމު އެއްސިފައަކީ އެބައެއްގެ ސަލާމަތާއި އަމާންކަން ކަށަވަރު ކުރަން އޮންނަ މުއައްސަސާއާމެދުގައި އިތުބާރު ޔަގީންކުރުން،" އިމްރާން ވިދާޅުވި އެވެ.

އެ ގޮތުން ފުލުހުންގެ މުއައްސަސާގެ ކަރާމާތާއި، ޝަރަފާއި އިއްޒަތް ދަމަހައްޓަން ފުލުހުން މަސައްކަތް ކުރަންޖެހިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެސިފަ އަށަގަންނުވަންވީ، އެސިފަ ލިބިގަންނަންވީ. އެ ސިފަ އަށަގަންނުވައިގެން ކުރިއަށްދާނަމަ އަޅުގަނޑުމެންގެ ތެރޭގައި އިރާދަކުރެއްވިއްޔާ އުއްމީދުކުރާ ޝަރަފްވެރި އަބުރުވެރި އިއްޒަތްތެރި މުއައްސަސާއެއްގެ ގޮތުގައި މި މުއައްސަސާ ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.