ޝަރުއީ ދާއިރާ ރިފޯމް ކުރުން

ފިޔަވަޅު އެޅީތަ، ޕްރޮމޯޝަން ދިނީތަ؟

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާ ގުޅޭ ގޮތުން އެ ކޯޓުގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލަތަކެއް ބެލުމަށްފަހު ފިޔަވަޅެއްގެ ގޮތުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމި ނިންމުމަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބުނީ އޭނާއަށް ފިޔަވަޅު އަޅަން ނިންމީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ. ފިޔަވަޅަކީ އޭނާ ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލު ކުރުމެވެ.

މިކަމާ ފާޑުވިދާޅުވެ ވާހަކަ ދެއްކެވި ގާޒީއަކު ސިފަ ކުރެއްވި ގޮތުގައި މިއީ ޕްރޮމޯޝަނެކެވެ. ކުރިމިނަލް ކޯޓުގެ ގާޒީންނަށް ރިސްކް އެލެވެންސްގެ ގޮތުގައި 3،300 ރުފިޔާ ފެމެލީ ކޯޓުގެ ގާޒީންނަށްވުރެ އިތުރަށް ލިބެ އެވެ.

ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީގެ ކޮމެޓީއިން ބަލައި ރިޕޯޓް އެކުލަވާލި ފަހުން ޖޭއެސްސީގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ފަނޑިޔާރުންނާމެދު އެޅޭނެ ފިޔަވަޅުތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ހުރި މަގާމަށްވުރެ ދަރަޖަ ދަށް ކުރުން ވަނީ ހިމަނާފަ އެވެ. އަދި ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓާ އެއް ދަރަޖައެއްގެ ކޯޓަކަށް ބަދަލު ކޮށްގެން ނުވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހު ފާސްކޮށް ތަސްދީގު ކޮށްފައި ވަނީ ކޮމެޓީގެ ރިޕޯޓަށް ފަހުން ކަމަށްވާތީ ޖޭއެސްސީއިން ނިންމާފައި އޮތީ އެ މައްސަލައަށް އެ އިސްލާހުގައިވާ ކަންކަން ނުހިނގާނެ ކަމަށެވެ. ނަމަވެސް ޖޭއެސްސީއިން އިއްޔެ ހަސަން ސައީދުގެ މައްސަލާގައި ކޮމެޓީގެ ނިންމުމަށް ބަދަލު ގެނެސްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައީ މުހިންމު މަގުސަދެއް ކަމަށާއި އެ އިސްލާހު ގެނައި ފަހުން އެޅި ފިޔަވަޅެއް މިހެން އައުމުން ކަންބޮޑުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތުހުމަތުވާ މީހާއަށް ލުއި ގޮތް ނޫނީ މަސްލަހަތަށް އިސްކަން ދޭން ޖެހެނީ ޖިނާއީ މައްސަލަތަކުގައި ކަމަށާއި މިއީ އިދާރީ ފިޔަވަޅެއް ކަމަށެވެ. މި ފިޔަވަޅު އަޅަން ޖެހޭނީ އެންމެ ފަހުން ގާނޫނަށް ގެންނަ ބަދަލާ އެއްގޮތްވާ ގޮތަށް ކަމަށެވެ.

ކުރިން ވާހަކަ ދެއްކެވި ގާޒީ ވިދާޅުވި ގޮތުގައި ގާނޫނަށް އިސްލާހު ނުގެންނަނީސް ޖޭއެސްސީގެ ކޮމެޓީއިން ނިންމާފައި އޮތީ ހަސަން ސައީދު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. ކޮމެޓީގެ އެ ރިޕޯޓްގައިވާ ހުށަހެޅުން ބަދަލުކުރީ ހަސަން ސައީދު ދެއްވި ޖަވާބަށް ރިއާޔަތް ކުރުމަށްފަހު އިއްޔެ ކަމުގައިވުމުން ގާނޫނަށް ގެނައި އިސްލާހަށް ބަލަން ޖެހޭނެ ކަމަށެވެ.

"މިއީ ޖިނާއީ މައްސަލައެއް ނޫން، އިދާރީ ފިޔަވަޅެއް، މިކަމުގައި ބަލަން ފިޔަވަޅު އަޅާ މީހާގެ މަސްލަހަތަށް އިސްކަން ދޭން ނުޖެހޭނެ،" އެ ގާޒީ ވެސް ވިދާޅުވި އެވެ.

މީގެކުރިން ވެސް މިގޮތަށް އެއް ދަރަޖައެއްގެ ކޯޓުތަކަށް ފަނޑިޔާރުން ބަދަލުކޮށްފައިވެ އެވެ. ނަމަވެސް ޖޭއެސްސީއަށް މިފަހުން އައި ބޮޑު ބަދަލާއެކު މިފަދަ ފިޔަވަޅެއް އެޅި މިއީ ފުރަތަމަ ފަހަރެވެ. މިކަމަށް ފާޑުކިޔުން އަމާޒުވެފައިވާއިރު މިހާތަނަށް ޖޭއެސްސީއިން މިކަމުގައި އެއްޗެއް ނުބުނެ އެވެ.