ރިޕޯޓް

ބަޖެޓަށް ބަރޯސާ ނުވާ ދައުލަތުގެ މީޑިއާއެއް! މި އޮތީ ފޯމިއުލާއެއް

Aug 13, 2015
6

އެމްބީސީ އުވާލައި މުޅިން އާ ގާނޫނަކުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ދަށަށް ދައުލަތުގެ މީޑިއާ ބަދަލު ކުރުމާ އެކު ކިތަންމެ ފާޑު ކިޔުމެއް އޮތަސް، އެ ބަދަލާ އެކު ރަނގަޅު ވިޔަފާރީގެ މޮޑެލްއަކަށް ދައުލަތުގެ މީޑިއާ އަނބުރާލަން މި އޮތީ ފުރުސަތު ހުޅުވިފަ އެވެ. ޕީއެސްއެމްގެ ގާނޫނުގައި އެންމެ މުހިންމު އެއް ބަދަލަކީ، ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ މިނިވަން ވިޔަފާރީގެ އުސޫލުން ހިނގާނެ ޒަމާނީ ދައުލަތުގެ މީޑިއާއެއް ފައްކާ ކުރުމެވެ. 

ޓީވީ އާއި ރޭޑިއޯއެއް ހިންގުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެކެވެ. ލިބޭ އާމްދަނީއާ އެއްވަރަކަށް ކޮށައި މަށައިގެން ހަރަދުތައް ކުޑަކޮށްގެން ވެސް ދައުލަތުގެ މީޑިއާ ބަޖެޓަށް ބަރޯސާ ނުވެ ހިންގޭނެ ފޯމިއުލާއެއް ހޯދަން ޖެހެ އެވެ. އެކަމަކު ގާނޫނު ބައްޓަން ވާ ގޮތާއީ ބޭކާރު ހަރަދުތައް ކުޑަކޮށްލަން ފަސް ޖެހުން އަދި މުސްކުޅި ހިޔާލުތަކުގެ ސަބަބުން ޒަމާނުއްސުރެ އެކަން އޮންނަނީ ވާގޮތް ނުވެފަ އެވެ. ނަމަވެސް މިހާރު ގާނޫނީ ހުރަސްތައް މި ވަނީ އެއްފަރާތް ކުރެވިފަ އެވެ. މީޑިއާގެ ފައިދާ ލިބޭނޭ ޒަމާނީ ވިޔަފާރީގެ ފޯމިއުލާއެއް ނެރެވިއްޖެ ނަމަ އެކަން ހާސިލް ކުރެވިދާނެ އެވެ.

ގައުމެއް ގައުމަކަށް ވަނީ ދައުލަތުގެ ފުރިހަމަ މީޑިއާއެއް އޮތުމުންނެވެ. ގިނަ ގައުމުތަކުގައި ދައުލަތުގެ ނޫހާއި ރޭޑިއޯ އާއި ޓީވީ އަދި ދައުލަތުގެ ހަބަރުތައް އޮންލައިންކޮށް ގެންނަ ވެބް ސައިޓެއް އޮވެ އެވެ. އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މުޅި ޕްރިންޓް މީޑިއާ ހިސޯރުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކާ ވިދިގަނެގެން ސަރުކާރު ބްލެކްމެއިލް ކޮށް، އާއިލާގެ މީހުންނަށް މަގާމުތައް ހޯދުން މި އޮތީ އާދަޔަކަށް ހަދައިފަ އެވެ.

ޕްރިންޓް މީޑިއާގައި މި އޮތް މޮނޮޕޮލީގެ ނާޖާއިޒު ފައިދާ ވަކި ބަޔަކު ނެގުން ހުއްޓުވައި ވާދަވެރިކަން އުފެއްދުމަށް ދައުލަތުގެ ނޫހެއް އުފެއްދުމުގެ މުހިންމުކަން މި ވަނީ ބޮޑުވެފަ އެވެ. އެކަމަކު އެންމެ ބޮޑު ސުވާލަކީ ޕްރިންޓް މީޑިއާ އުވި، މުޅިން ޑިޖިޓަލް ޒަމާނަކަށް ބަދަލުވާ އިރު ގެއްލުމުން ސަލާމަތްވެ، މިކަން ކުރާނީ ކިހިނެތް ހެއްޔެވެ؟

 * ދައުލަތުގެ ޗާޕް ހާނާއެއް އުފެއްދުން

 * ގެޒެޓަކީ ދައުލަތުގެ ނޫހުގެ ބަޔަކަށް ހެދުން

މިހާރު މާކެޓްގައި އެއްޗިހި ޕްރިންޓް ކުރުމުގެ އަގުތަކާއި ކޮލިޓީއަށް ބަލާއިރު ޒަމާނީ ޗާޕް ހާނާއެއް އުފެއްދުމަކީ ރަނގަޅު ފައިދާއެއް ނެގިދާނެ ކަމެކެވެ. ޗާޕް ކުރުމުގެ އަގުތައް ބޮޑު ކަމާއި ޑިމާންޑާ އެއްވަރަށް މިހާރު ޗާޕް ހާނާތަކަށް އެ ހިދުމަތް ނުދެވުމަކީ، ދައުލަތުގެ މީޑިއާއަށް އޭގެ ފައިދާ ނެގިދާނެ ކަމެކެވެ. ނޫސް ޗާޕް ކޮށްގެން ފައިދާއެއް ނުލިބޭ ތަން ފޫބެއްދުމަށް ސްކޫލް ފޮތްތައް ޗާޕް ކުރުމާއި ދައުލަތުގެ އެހެން ވެސް މުއައްސަސާތަކުން ޗާޕް ކުރަން ޖެހޭ ތަކެތި މިހާރަށް ވުރެ ހެޔޮ އަގުގައި ޗާޕް ކުރެވޭނެ އިންތިޒާމް އެ ވިޔަފާރީގެ ތެރެއަށް ހަމަޖެއްސި ދާނެ އެވެ.

އެންމެ ފަހުގެ ޒަމާނީ ޑިޖިޓަލް ޗާޕް ހާނާއެއް ފަސް މިލިއަނެއްހާ ރުފިޔާ އިން އުފެއްދި ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ދައުލަތުގެ ޗާޕް ހާނާއެއް އުފެއްދުމަށް އާ އިމާރާތެއް ވެސް ބޭނުމެއް ނުވެ އެވެ. އަޑާއި ޓީވީއެމްގެ އިމާރާތުގައި ބޮޑު ޖާގައެއް އޮތް އިރު، އެ އިންތިޒާމް އެތަނުން ކޮންމެ ވެސް އެއް އިމާރާތެއްގައި ހަމަޖެއްސިދާނެ އެވެ.

ދައުލަތުގެ ޓެންޑާ ތަކާއި ވަޒީފާގެ ފުރުސަތުތައް އާންމު ކުރާ އެކައްޗަކީ ގެޒެޓެވެ. އެތައް ހާސްބަޔަކު ކޮންމެ ދުވަހަކު ގެޒެޓަށް މިހާރު ވެސް ވަންނަ އިރު، ދައުލަތުގެ ކްލެސިފައިޑްސް ބަޔަކީ ގެޒެޓް ކަމުގައި ހަމަޖެއްސިދާނެ އެވެ. ދައުލަތުގެ ނޫހުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި ގެެޒެޓް ހަމަޖައްސައި ސަރުކާރުގެ އޮފީސްތަކުގެ ޓެންޑާ ތަކާއި ވަޒީފާގެ ފުރުސަތުތައް އޭގައި ޖަހާނީ އަގު ދީގެން ކަމަށް ހަމަޖެއްސިދާނެ އެވެ. އަދި އަމިއްލަ ފަރާތްތަކަށް ވެސް ވަޒީފާ އާއި އެހެން ވެސް އިއުލާންތައް ޖަހަން ގެޒެޓް ހުޅުވާލެވިދާނެ އެވެ. އޭގެ ތެރެއިން ރަނގަޅު އާމްދަނީއެއް ހޯދިދާނެ ކަމަށް ފެނެ އެވެ. އަދި ގާނޫނަކަށް ގެންނަ ބަދަލެއްގެ ތެރެއިން ގާނޫނީ ގޮތުން ޖަހަން ޖެހޭ އެކި ކޯޝަނަރީ ނޯޓިސް ފަދަ ތަކެތި ދައުލަތުގެ ނޫހުގައި ވެސް ހިމަނަން ޖެހޭނެ ކަމަށް ކަމާ ގުޅޭ ގާނޫނުތަަކަށް މާއްދާއެއް އިތުރު ކޮށްފި ނަމަ، ދައުލަތުގެ ނޫހަށް ލިބޭ އާމްދަނީ މާ ބޮޑަށް ވެސް އިތުރު ކޮށްލެވޭނެ އެވެ.

ނޫހުގެ ސާކިއުލޭޝަން ބޮޑުކޮށްލުމުގެ ގޮތުން، ދައުލަތުގެ ނޫހަކީ ސަރުކާރުގެ މުވައްޒަފުންނަށް ކޮންމެވެސް އަގެއް ދައްކައިގެން ނޫނީ މުސާރައިން އިސްތިރާކަށް އުނިކުރާ ގޮތަށް ކޮންމެ ދުވަހަކު ލިބޭ އެއްޗެއްގެ ގޮތުގައި ހެދިދާނެ އެވެ. މޯލްޑިވިއަން ދަތުރު ކުރާ ރަށްތަކަށް އެ ދުވަހެއްގެ ނޫސް ފޮނުވޭނެ އިންތިޒާމާއި އެ ސަރަހައްދުތަކުގައި އެ ނޫސް ވިއްކޭނެ ފޯކަލް ޕޮއިންޓްތައް އުފެއްދިދާނެ އެވެ. އަދި މޯލްޑިވިއަން ފްލައިޓްތަކުގަ އާއި ހުޅުމާލެ ފެރީގައި ވެސް އެ ނޫސް ލިބޭނެ ގޮތްތަކެއް ހަމަޖެއްސިދާނެ އެވެ. ކެފޭތަކުގައި ނޫސް ވިއްކުމަށް މޯނިން ބްރެކް ފާސްޓްގެ އަގުގެ ތެރޭގައި އެބައި ހިމަނައިގެން ބްރެކް ފާސްޓް ނަގާ މީހުންނަށް އެ ނޫސް ލިބޭނެ ގޮތްތައް ކެފޭ ތަކާއި ބައެއް ބޮޑެތި ރެސްޓޯރަންޓްތަކުގައި ހަމަޖެއްސިދާނެ އެވެ.

ދައުލަތުގެ ނޫހުގެ ޑިޖިޓަލް ވާޝަން ނޫނީ އޮންލައިން ވާޝަންއެއް އުފެއްދިއްޖެ ނަމަ އެއީ އަދި މާބޮޑަށް ފައިދާ ނެގިދާނެ ކަމެކެވެ. ސްމާޓް ފޯނާ އެކު އެންމެންގެ ލޯތައް ވެސް އޮންލައިން ދުނިޔޭގެ ތެރެއަށް ވަދެފައިވާ އިރު، ފޯނުން ދައުލަތުގެ ނޫސް ކިޔޭނެ ފޯން އެޕަކާއި ޓެބްލެޓް އެޕް އަދި ވިންޑޯޒްއަށް ހާއްސަ އެޕެއް ވެސް އުފެއްދި ދާނެ އެވެ. އަދި އެ އެޕްތަކުގެ ތެރޭގައި ދައުލަތުގެ ގެޒެޓް ޑިޖިޓަލްކޮށް ބަލައިލައި އޮންލައިން ކޮށް އިއުލާނާއި އެހެން ވެސް ޖަހަން ބޭނުންވާތަކެތި ފޮނުވޭނެ އިންތިޒާމްތަކެއް ވެސް ހަމަޖެއްސިދާނެ އެވެ. ދައުލަތުގެ ނޫހުގެ އިތުރު ސަޕްލިމަންޓްތައް ކަމަށްވާ، ކާނާ އާއި ލައިފްސްޓައިލް ސިއްހަތަށް އަދި ޕޮލިޓިކްސްއަށް ހާއްސަ އޮންލައިން އެޑިޝަންތައް އުފެއްދި ދާނެ އެވެ.

ދައުލަތުގެ މީޑިއާ އިން މިހާރު ވެސް ހަފްތާއަކު އެއްފަހަރު މާލްދީބު ގެ ނަމުގައި ހަފްތާ މަޖައްލާއެއް އެބަ ނެރެވެ އެވެ. އެ ހިޔާލު ވެސް ގޯހިއްޔަކީ ނޫނެވެ. މައްސަލައަކީ ޕްރިންޓް ކޮށްގެން ނެރޭ ތަކެއްޗަށް އޮންނަ ރީޑަޝިޕް މަދުވުމެވެ. އެހެން ވީމާ ކޮންމެވެސް މޮޅު ގޮތެއް އެބަ ހަނދަން ޖެހެ އެވެ. ދައުލަތުގެ ނޫހުގެ ވީކެންޑް އެޑިޝަންއެއް ތަންކޮޅެއް ގަނޑުތަކާއި ކޮންޓެންޓްތައް ތަފާތުކޮށްލައި މައްސަލަތަކުގެ ފުނަށް ފީނާފައިވާ ރިޕޯޓްތަކާއި ކުލަތައް އިތުރުކޮށްލައިގެން ނެރެވިދާނެ އެވެ. މީގެ ޑިޖިޓަލް ވާޝަންއެއް ވެސް ދައުލަތުގެ ނޫހުގެ އެޕްގެ ތެރެއިން ނެރޭނީ އެވެ. އެހެން ވީމާ، މި އޮތީ މެގަޒިންއަކަށް ވެސް ފެތޭ، އެ ބީޓާ ވެސް ގުޅޭ އެއްޗެއް ދައުލަތުގެ މީޑިއާއަށް ނެރެވިފަ އެވެ.

ރާއްޖޭގެ ހަބަރުތަކާއި ފޮޓޯތައް އެއްތަނަކުން ލިބޭނެ ޕޯޓަލްއެއް ނެތުމުން އޭއެފްޕީ އާއި އޭޕީ ފަދަ ތަންތަނުން އެކި މީހުން ކައިރި ސަލާން ޖަހާ ގޮތް އެބަ މެދުވެރިވެ އެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ހަބަރު ފޮޓޯ ނަގާ ފަރާތްތަކާއި ދައުލަތުގެ ނޫހުން އުފައްދާ ކޮންޓެންޓް އެ ޕޯޓަލް ތެރޭގައި ގަންނަން ލިބޭ ގޮތް ހަމަޖެއްސިދާނެ އެވެ. އަދި ފޮޓޯ ނަގާ ފަރާތްތަކުގެ ފޮޓޯ ގަންނަ ކޮންމެ ފަހަރަކުން އޭގެން ކޮމިޝަނެއް ދޭ ގޮތަށް ހަމަޖެއްސިދާނެ އެވެ. އޭރުން އޭއެފްޕީ އޭޕީ އަދި ބޭރުގެ ގިނަ މީޑިއާތަށް ކޮންޓެންޓް ގަންނާނީ ދައުލަތުގެ މީޑިއާ އަކީ ފޯކަލް ޕޮއިންޓަކަށް ހަދައިގެންނެވެ. އޭރުން ރާއްޖެއާ ގުޅޭ ސައްހަ މައުލޫމާތު ހޯދަން މި ހުޅުވެނީ ދޮރެކެވެ. އަދި ދައުލަތުގެ މީޑިއާއަށް ވެސް މީގެން މި ލިބެނީ ރަނގަޅު އާމްދަނީ އެކެވެ.

ޓީވީ އާއި އަޑުގައި މަސައްކަތް ކުރާ ވަރަށް ގިނަ ނޫސްވެރިންގެ ބޮޑު ފްލީޓެއް ދައުލަތުގެ މީޑިއާގައި އޮވެ އެވެ. އަދި ވެސް ވަރަށް ގިނަ އެހެން ސްޓާފުން ދައުލަތުގެ މީޑިއާގައި އެބަ ތިއްބެވެ. ކުންފުނި ރަނގަޅަށް އެ ފުށް މިފުށަށް ހާވާލައިފި ނަމަ މިހާރު ވެސް މާ ބޮޑު ބޭނުމެއް ނެތި ކަނޑާއެއްލައި ލެވޭނެ ކިތަންމެ މުވައްޒަފުންނެއް ތިބޭނެ އެވެ. ކުންފުނި ރިސްޓްރަކްޗާ ކޮށް، ބާކީވާ މުވައްޒަފުންނަށް ދައުލަތުގެ މީޑިއާގެ ތެރޭގައި އުފަންވާ ޗާޕް ހާނާ އާއި އޮންލައިން އަދި ނޫހުގެ އެކި މަސައްކަތްތަކަށް ބަހާލެވިދާނެ އެވެ. މިހާރު އެ އޮތް ނޫސްވެރިންގެ ފްލީޓް ކުޑަކޮށް ތާޒާކޮށްލައިފި ނަމަ، އުފެދޭ ނޫހަށް ކޮންޓެންޓް އުފައްދައި އެ ކުދިންނަށް އެހީ މާ ބޮޑު ކަމަކަށް ނުވާނެ އެވެ. އޭރުން މާ ގިނަ އިތުރު މުވައްޒަފުންތަކެއް ނަގަން ޖެހޭނެ ހެނެއް ހިޔެއް ނުވެ އެވެ.

މިއީ ދައުލަތުގެ މީޑިއާއެއް ވިޔަފާރީގެ އުސޫލުން ހިންގިދާނެ ރަނގަޅު މޮޑެލްއެއް ކަމަށް ފެނެ އެވެ. ދައުލަތުގެ ނޫހެއް ނެތުމުގެ އުނިކަން ފޫބައްދައި ދައުލަތުގެ މީޑިއާ ބަޖެޓަށް ބަރޯސާ ނުވެ ހިންގުމަށް މި މޮޑެލް ޕްރެކްޓިސްކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ؟