އަހުމަދު އާއި އިސްމާއީލް، ރަށު ކޯޓުގައި ވަކާލާތު ކުރަން ޖެހުނީ އައިމިނަތަކީ އެ ދެ މީހުންގެ އަނބިމީހާކަން ސާބިތު ކުރުމަށެވެ. ދެ މީހުން ވެސް ބުނަމުންދަނީ އައިމިނަތަކީ އަނބިމީހާ ކަމަށެވެ. އެކަމަކު ދެ ފިރިހެނެއްގެ އެއް އަނތްބެއް ހުރުން އެއީ އޮންނަ ހާލަތެއް ނޫނެވެ. އައިމިނަތަށް އޭނާގެ ފިރިމީހާ ސާފު ވިޔަސް، މިކަމުގައި އޮތީ ޝަރުއީ ހިލާފެއް އުފެދިފައެވެ. ސުވާލެއްގެ ތެރޭގައި އޮވެ ކޯޓުގައި މައްސަލަ ކުރިއަށް ދިޔައީއެވެ. މިހެންވާންވީ ކީއްވެ ހެއްޔެވެ؟ -- ލިޔުމުގައި ބޭނުންކޮށްފައިވަނީ މި މައްސަލާގައި ހިމެނޭ މީހުންގެ އަސްލު ނަމެއް ނޫނެވެ.
ރާއްޖޭގެ ރަށެއްގައި އަމިނަތާއި އަހުމަދު ކައިވެނިކުރީ ވަރަށް ލޯބިންނެވެ. ނަމަވެސް ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ކައިވެންޏަށް ތިން އަހަރުގައި އަހުމަދު، އައިމިނަތު ވަރިކުރިއެވެ. ވަރި ކުރުމަށްފަހު އެ ވަރި ފެމެލީ ކޯޓުގައި ރަޖިސްޓްރީކުރިއެވެ. އޭގެ ފަހުން އެ ދެ މީހުން އަނެއްކާވެސް އެކުގައި އުޅެން ގަސްދުކުރިއެވެ. ދެ މީހުންގެ އެއްބަސްވެ، ނިންމީ ކައިވެނި ރުޖޫއަކުރުމަށެވެ. އެއީ ވަރި ކުރިތާ ތިން ދުވަސް ފަހެވެ. އިއްދައިގެ މުއްދަތުގެ ތެރޭގައެވެ.
ކައިވެނި ރުޖޫއަ ކުރުމުގެ ގޮތުން އައިމިނަތާއި އަހުމަދު، އެއް ދާންކޮށް ޖިމާއުވިއެވެ. ދެ މީހުންގެ ރުހުމުގައި ޖިމާއުވުމަށްފަހު ވެސް އިއްދައިގެ ހަތަރު މަހުގެ މުއްދަތުގެ ތެރޭގައި އަހުމަދު ވެސް އައިމިނަތު ވެސް ކައިވެނި ރުޖޫއަ ސާބިތުކުރުމަށް ކޯޓަށް ހުށަހަޅާފައިނުވެއެވެ. ކައިވެނި ރުޖޫއަ ކުރުމަށް ކޯޓުގައި ރަޖިސްޓްރީ ކުރުމަށް އައިމިނަތު އެދެމުން ދިޔައިރު ވެސް އަހުމަދު އެކި ބަހަނާތަކާއެކު އެކަން އޮއްބާލަމުންދިޔައެވެ. އެގޮތުގައި ހަތަރު މަސް ވޭތުވުމުން އައިމިނަތު، އެހެން މީހަކާ ކައިވެނި ކުރިއެވެ. އެއީ އިސްމާއިލާއެވެ. އެ ކައިވެނި ކޯޓުގައި ރަޖިސްޓްރީ ވެސް ކުރިއެވެ. އެ ކައިވެނި ކުރިއިރު އައިމިނަތަކީ އެހެން މީހެއްގެ އަނތްބެއް ކަމަށް ކޯޓެއްގައި ރަޖިސްޓްރީ ކުރެވިފައެއް ނުވެއެވެ.
އިސްމާއިލާއި އައިމިނަތަށް ދަރިއަކު ވެސް ލިބުނެއެވެ. އެހެން ނަމަވެސް އައިމިނަތާއި އިސްމާއިލްގެ އޮތީ ސައްހަ ކައިވެންޏެއް ކަމަށް އަހުމަދު ގަބޫލެއް ނުކުރެއެވެ. އޭނާ އާއި އައިމިނަތުގެ ކައިވެނި ރުޖޫއުވެފައިވަނިކޮށް އިސްމާއިލާ ކައިވެނި ނުކުރެވޭނެތީ އެ ކައިވެނި ބާތިލްކުރުމަށް ރަށު ކޯޓަަށް މައްސަލަ ވެއްދީއެވެ.
ރަށު ކޯޓުން ނިންމީ އަހުމަދާ ދެކޮޅަށެވެ. އެ ކޯޓުން ކަނޑައެޅީ އައިމިނަތުގެ ފިރިއަކީ އިސްމާއިލް ކަމެވެ. އެކަމަށް އެއްބަސްވެވޭ ގޮތެއް އަހުމަދަށް ނުވެވޭތީ އޭނާ ދިޔައީ ހައިކޯޓަށެވެ. ހައިކޯޓުން މައްސަލާގައި ވަރަށް ތަފްސީލް ހުކުމެއް އިއްވާފައިވާއިރު މިކަމުގެ މުހިންމު ކަނޑައެޅުންތަކެއް އެ ހުކުމްގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރުޖޫއަ ހެކި ކުރުވުން ވާޖިބު!
އިލްވެރިންގެ ބަސްފުޅުތަކުން އެނގެން އޮންނަ ގޮތުގައި ވަރި ކުރުމަށްފަހު އިއްދައިގެ މުއްދަތުގައި ކައިވެނި ރުޖޫއަ ކުރެވިދާނެއެވެ. ކައިވެނި ރުޖޫއަ ކުރެވިދާނެ ދެ ގޮތެއް އިލްމްވެރިން ބަޔާން ކުރައްވައެވެ. އެއް ގޮތަކީ އަނބަހުން ރުޖޫއަ ކުރުމެވެ. "ކަނބުލޭގެ ރުޖޫއަކޮށްފީމު"އޭ ފަދަ އިބާރާތަކުން ބުނުމެވެ. ދެވަނަ ގޮތަކީ އަމަލުން ރުޖޫއަ ކުރުމެވެ. އޭގެ މިސާލަކީ ރުޖޫއަ ކުރުމުގެ ނިޔަތުގައި އެއްދާން ކުރުމެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުގައި އަނގަބަހުން ކައިވެނި ރުޖޫއަ ކުރެެވިދާނެ ކަމަށް ގިނަ އިލްމްވެރިންގެ މެދުގައި އެއްބަސްވުން އޮތް ނަމަވެސް އަމަލުން ކައިވެންޏެއް ރުޖޫއަވުމާމެދު ދަންނަ ބޭކަލުންގެ މެދުގައި ހިލާފުތަކެއްވެއެވެ. އެގޮތުން ހަނަފީ، މާލިކީ އަދި ހަންބަލީ މަޒުހަބުގެ ގިނަ އިލްމްވެރިން ބުރަވަނީ ކުރާ އަަމަލަކުން ވެސް ކައިވެންޏެއް ރުޖޫއަ ކުރެވިދާނެ ކަމަށެވެ. އެހެނަސް ރުޖޫއަ ކުރުމުގެ ނިޔަތް އޮންނަން ޖެހޭނެއެވެ.
މިކަމާ ހިލާފުވަނީ ޝަފަވީ މަޒުހަބުގައެވެ. ޝާފިއީ މަޒުހަބާއި އިބްނު ހަޒްމު ދެކިލައްވާ ގޮތުގައި ކައިވެނި ރުޖޫއަ ކުރުމުގެ ނިޔަތް ލައިގެން ނުވަތަ އެ ނިޔަތުގައި ނޫން ކަމުގައި ވިޔަސް އަމަލުން އެއްވެސް ގޮތަކުން ކައިވެނި ރުޖޫއަ ކުރުން ހުއްދަ ނުވާނެއެވެ. އެހެން ބުނާ ހުއްޖަތަކީ ވަރި ކުރާ އަންހެން މީހާ، ފިރިހެން މީހާއަށް ހިލޭ ވާތީއެވެ. އަދި ހިލޭ އަންހެނަކާ އެއްދާން ކުރުމަކީ ހަރާން ކަމަކަށްވާތީއެވެ.
އައްތަލާޤު ސޫރަތުގެ ދެވަނަ އާޔަތް ތަފްސީރު ކުރައްވަމުން އަލް އިމާމް ޝާފިއީގެފާނު ރިވާޔަތް ކުރައްވާފައިވަނީ ކައިވެނި ރުޖޫއަ ކުރުމުގައި ހެކި ކުރުވުމަކީ ވާޖިބެއް ކަމަށެވެ. އިމާމް އިބްނު ހަޒްމް ވެސް ވިދާޅުވެފައިވާ ގޮތުން ހެކި ނުކޮށް އަމަލުން ކައިވެނި ރުޖޫއަ ކުރުން ސައްހަ ނުވާނެއެވެ. ހަމައެހެން އަނގަ ބަހުން ރުޖޫއަ ކުރިކަމުގައި ވިޔަސް އިއްދައިގެ މުއްދަތުގައި އެކަން ހެކި ކުރުވަން ޖެހޭނެ ކަމަށެވެ. އިބްން ހަމްޒާ ވިދާޅުވެފައިވާ ގޮތުން މިގޮތަށް ހެކި ކުރުވުން ވާޖިބުކޮށްފައިވަނީ ދެމީހުންގެ ވެސް ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އުފެދިދާނެ ހިލާފުތައް ނައްތާލުމަށެވެ.
އިލްމްވެރިންގެ ބަސްފުޅުތަކަށް ރިއާޔަތްކޮށް ހުކުމްގައި ފާހަގަ ކުރި ގޮތުގައި ކައިވެނި ރުޖޫއަ ކުރެވޭ ގޮތްތައް އެއީ ޤަތުޢީ ނައްސަކުން އަދި ޤަތުޢީ ދަލާލަތަކުން ސާބިތުވެ ކަނޑައެޅިފައިވާ ގޮތްތަކެއް ނޫންކަން އެނގޭ ކަމާއި ކައިވެނި ރުޖޫއަ ކުރެވޭ ގޮތްތަކާމެދު ދަންނަ ބޭކަލުންގެ މެދުގައި ބަހުސް ކުރެވި ތަފާތު ރައުޔުތައް ފާޅު ކުރެވިފައިވާ އިޖުތިހާދު ކުރަން ހުއްދަ މައްސަލައެއްކަން އެނގެން އޮންނަ ކަމެވެ.
މި ފަސާދައަށް ދޮރެއް އޮވެގެން ނުވާނެ!
އާއިލާއާ ބެހޭ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި ރަޖުއީ ވަރިއަކުން [ފުރަތަމަ އަދި ދެވަނަ ވަރި] ވަރި ކުރުމަށްފަހު ކައިވެނި ރުޖޫއަ ކުރަނީ ރާއްޖޭގައި ނަމަ، ކައިވެނި ރުޖޫއަ ކުރަން ވާނީ ކޯޓަށް ހުށަހަޅައިގެން ޝަރުއީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި އެ ގާނޫނުގެ 69 ވަނަ މާއްދާގައި އެއްވެސް މީހަކު އޭނާގެ އަނބިމީހާ ވަރި ކުރުމަށްފަހު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައިވެނި ރުޖޫއަ ކުރުމެއް ނެތި ދެމަފިރިއަކު ފަދައިން އުޅުމަކީ ކުށެއް ކަމަށް ބަޔާން ކުރެއެވެ.
ހައިކޯޓުގެ ހުކުމްގައި ބުނީ ރާއްޖޭގެ އާއިލާއާ ބެހޭ ގާނޫނުގައި އެގޮތަށް ލިޔެފައި އޮތީ ކުރިމަތިވެދާނެ ފަސާދައަކުން ދުރުކުރުމަށްޓަކައި އަދި އެކަމުގައި މަސްލަހަތެއް ގެނެސްދިނުމަށްޓަކައި ކަމަށެވެ. ކޯޓުގެ ބަދަލުގައި އަމިއްލައަށް ކައިވެނި ރުޖޫއަ ކުރެވޭނަމަ، އިޔާދަ ނުކުރެވޭނެ އެތައް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ހުކުމްގައި ބުނީ އައިމިނަތާއި އިސްމާއިލްގެ ކައިވެނި ރޫޅާލައި ކުރީގެ ކައިވެނި، އަހުމަދު ބުނާ ބުނުމުގެ މައްޗަށް ރުޖޫއަކޮށްދީފިނަމަ އާއިލީ އަދި އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ނުކުމެގެން ދާނެ ކަމަށެވެ. މިސާލަކަށް ޖިމާއުވުމަށްފަހު ރުޖޫއަކުރިކަމުގެ މައްޗަށް ދެމީހުންގެ ތެރެއިން އެކަކު އިންކާރުކޮށްފިނަމަ އެ ކައިވެންޏެއް ރުޖޫއަވިކަން ސާބިތު ކުރެވޭނެ ގޮތެއް ނެތުމާއި އަދި އެފަދަ ހާލަތްތަކުގައި ބަނޑުގައިވާ ދަރިފުޅުގެ ނަސަބު ނަފީވެ އެ ދަރިފުޅުގެ ނަސަބު ކަށަވަރުކުރަން ދަތިވުމާއި އަނބި ފިރިން ޔަގީން ނުވުމާއި އިއްދަކަށަވަރު ނުވުން ފަދަ ކަންކަން ވުޖޫދުވާނެއެވެ. އައިމިނަތާއި އިސްމާއިލްގެ ދަރިފުޅަށް ބޮޑު ގެއްލުމެއް ލިބޭނެއިރު މި މައްސަލަ މިސްރާބު ޖަހާފައި އޮތީ ނުކުރައްކާތެރި ދިމާލަކަށެވެ.
އެ ނުރައްކަލަށް ދިޔުން ހުއްޓުވަން ހުކުމްގައި ބުނީ މިފަދަ ފަސާދަތަކާއި މައްސަލަތައް އުފެދުން ހުއްޓުވޭނީ ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މިފަދަ ކައިވެނިތަކާއި ވަރިތައް އަދި ކައިވެނި ރުޖޫއަ ކުރުން ފަދަ ކަންކަން ޝަރުއީ މަގުސަދު ހާސިލް ކުރުމުގެ ބޭނުމުގައި އެކަންކަން ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރުމާއި އަދި ކަމާ ބެހޭ ކޯޓުތަކުގައި ރަޖިސްޓްރީ ކުރެވޭ ގޮތަށް އޮތުމުން ކަމަށެވެ. އެހެންވެ ހުކުމް އިއްވީ އައިމިނަތާއި އިސްމާއިލްގެ ކައިވެންޏަކީ ބާތިލް ކައިވެންޏެއް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި، އައިމިނަތާއި އަހުމަދާ ދެމެދުވީ ރުޖޫއަކީ ސައްހަ ރުޖޫއައެއް ނޫން ކަމަށް ކަނޑައެޅިއެވެ.
ގާނޫނުގައި އޮތް ގޮތަށް ކޯޓަށް ހުށަހަޅައިގެން އަހުމަދު، ކައިވެނި ރުޖޫއަ ކުރިނަމަ އޭނާއަށް އަނބިމީހާ ހޯދަންށޭ ކިޔާ ކޯޓަށް ދާން ނުޖެހުނީއެވެ. އައިމިނަތު ހުރީހީ އޭނާގެ އަނތްބެއްގެ ގޮތުގައެވެ. ނަމަވެސް އެކަން އެހެން ވެގެން ނުދިޔައީ އަމިއްލައަށް ޝަރުއީ ކަންކަން މާނަކޮށް ނުބައި ވިސްނުމެއް ގެންގުޅުމުންނެވެ.
ޝަރީއާ އަމިއްލައަށް މާނަކުރާ މީހުންނަށް ފިލާވަޅެއް!
މިފަދަތައް މައްސަލަތައް އުފަން ވެގެން އަންނަނީ އަމިއްލަ އަތް މައްޗަށް ގާނޫނުތައް ނަގާތީއެވެ. އަދި ޝަރުއީ ކަންކަން އަމިއްލައަށް ފެންނަ ގޮތްގޮތަށް މާނަ ކުރަމުންދާތީއެވެ. އެގޮތުން ބައެއް މަޒުހަބުތަކުގައި އަމަލު ކުރާ ގޮތްތައް ނޫނީ މަދު އިލްމްވެރިޔަކު ބުރަވާ ގޮތްގޮތަށް އަމަލު ކުރާ މީހުން ރާއްޖޭގައި ދަނީ ގިނަމުންނެވެ. ކައިވެނި، ވަރި ކޯޓުގައި ރަޖިސްޓްރީ ނުކުރާ މީހުންނާއި ދަރިންނަށް ވެކްސިން ނުދޭ މީހުންނާއި ސްކޫލަށް ދަރިން ނުފޮނުވާ މީހުން ވެސް އެބަ އުޅެއެވެ. ހައިކޯޓުގެ މި ހުކުމްގައި އެފަދަ މީހުންނަށް ވެސް އެންގުމެއް އަންގާފައިވެއެވެ.
ހުކުމްގައި ބުނީ އެ މައްސަލައަކާ މެދު ވަކި ގޮތަކަށް އަމަލު ކުރަން ޤަތުޢީ ނައްސަކުން ނުވަތަ ދަލީލަކުން ސާބިތުވާން ނެތް ކަންކަމުގައި އެކަންކަމުން ޝަރުއީ މަސްލަހަތުތަކެއް ހިމާޔަތް ކުރުމަށްޓަކައި އިސްލާމް ދީނުގެ އަސްލުތަކާއި ފުށުނާރާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ހެދުމުގެ ބާރު ދައުލަތުގެ މައްޗަށް ލިބިގެންވާ ކަމަށެވެ. އެފަދަ ގާނޫނުތަކާއި ގަވައިދުތަކަކީ ހުރުމަތްތެރިކޮށް ހިތުން ކޮންމެ ފަރުދެއްގެ މައްޗަށް ވެސް ލާޒިމް ވެގެންވާ ތަކެތި ކަމަށެވެ. އެހެން އަމަލު ކުރުމަށް އައްނިސާއު ސޫރަތުގެ 59 ވަނަ އާޔަތުގައި ވެސް އަމުރު ކުރައްވާފައިވާ ކަމަށް ހުކުމްގައި ފާހަގަ ކުރެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާގެ އިއްތިފާގުން އިއްވަވާފައިވާ މި ހުކުމަކީ ނުބައި ދޮރުތަކެއް ހުޅުވުން ހުއްޓުވައި، މިހާރު ފެތުރެމުންދާ ވަރުގަދަ ވިހައެއް ނައްތާލުމަށް ލިބިގެންދާނެ ފަރުވާއެކެވެ. ފުޅާވަމުން ނުރައްކާތެރި މި ދޮރަކީ ބަންދުކުރަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމެކެވެ.