ރިޕޯޓް

ކައިވެނީގެ އެއްބަސްވުމެއް ނެތުމުން އަންހެނަކަށް މުދަލެއް ނުލިބުން!

ދެމަފިރިން އެކުގައި ހޯދި މުދަލާއި ގޯތިން އަންހެންމީހާއަށް ހަައްގުވާ ބައި ހޯދުމަށް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހައިކޯޓުގެ ފަނޑިޔާރުން ތަފާތު ރައުޔުތަކެއް މި ވަނީ ނެރުއްވާފައެވެ. އުއްމީދާއެކު ކޯޓަށް ދިޔަ އަންހެންމީހާއަށް ނުކުމެގެން ދާން ޖެހުނީ ނާކާމިޔާބީއާއެކުއެވެ.

މި މައްސަލައަކީ 33 އަހަރުގެ ކައިވެންޏެއް ރޫޅުމުން އުފެދުނު މައްސަލައެކެވެ. ދެ ފިރިހެން ދަރިން ތިބި އެ ދެމީހުން ކައިވެނިކުރިއިރު އެއިން އެކަކު ވެސް ގޯއްޗެއް ނެތެވެ. ނަމަވެސް ފަހުން ވިލިމާލެއިން ގޯއްޗެއް ލިބުނެވެ. ގޯތި ސާފުކޮށް އެތަނުގައި ދިރިއުޅެވޭ ގޮތް ހަދާފައިވަނީ އަންހެން މީހާ އެވެ. ފިރިހެންމީހާ އޭރު ހުރީ ގޭބަންދެއްގައެވެ. ގޯތި އޮތީ ފިރިމީހާގެ ނަމުގައެވެ. އަންހެން މީހާގެ ދައުވާއަކީ އެ ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ހޯދި މުދަލާއި ގޯތިން އޭނާއަށް ހައްގުވާ މިންވަރު ހޯދުމެވެ.

އެކަމަށް އެދި އެންމެ ފުރަތަމަ ފެމެލީ ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލީއެވެ. ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފު ކުރުމުން ވެސް އެ މައްސަލަ ބަލާނެ އިހުތިސޯސެއް ނެތް ކަމަށް ފެމެލީ ކޯޓުން ނިންމިއެވެ. އޭގެ ސަބަބުން އާއިލާއާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އެއްބަސްވުމެއް އެ ދެމަފިރިން ހަދާފައި ނެތުމެވެ.

ފެމެލީ ކޯޓުން ބުނެފައިވާ ގޮތުގައި، އެ ކޯޓަށް އިހްތިސޯސް ލިބިގެންދަނީ އާއިލާއާ ބެހޭ ގާނޫނުގައި ބުނާ ފަދަ އެއްބަސްވުމެއް ދެމަފިރިންގެ ދެމެދުގައި ހަދާފައި އޮންނަ މައްސަލަތަކަށް ކަމަށެވެ. މި މައްސަލާގައި މުދަލާ ގުޅޭ ގޮތުން ދެމަފިރިންގެ ދެމެދުގައި އެއްބަސްވުމެއް ނެތުމުން މައްސަލަ ނުބަލަން ނިންމީއެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހި އަންހެން މީހާ ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުގައި މައްސަލައާ ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒު ހިމެނިވަޑައިގެންނަވާ ބެންޗަކުންނެވެ. މައްސަލާގައި މިއަދު ވަނީ ހުކުމް އިއްވާފައެވެ. މައްސަލާގައި ނިޔާޒު ދެއްވި ރައުޔު އަނެއް ދެ ފަނޑިޔާރުންނާ ފުށުއަރައެވެ. ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ރައޫފްގެ ރައުޔަށް އަގުލަބިއްޔަތު ލިބިފައިވާތީ މައްސަލަ ނިމުނީ އެގޮތުގެ މަތިންނެވެ.

ތާއިދު ނުލިބުން ރައުޔު: އެއްބަސްވުން ނެތަސް ހައްގު ހޯދަން ދައުވާ ކުރެވެން ޖެހޭނެ

ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ހިމެނޭ މުހިންމު ނުކުތާތަކަށް ބަލާއިރު، ފަނޑިޔާރު ފާހަގަ ކުރައްވާ ގޮތުގައި ގާނޫނުގައި އެއްބަސްވުމެއް އެކުލަވާލުމުގެ އިހްތިޔާރު ދެމަފިރިންނަށް ދީފައި އޮތްނަމަވެސް އެއީ އާންމު ކަމެއް ނޫނެވެ. އަދި، ގާނޫނު ވުޖޫދުވެ އެ ގާނޫނުގެ ދަށުން އެއްބަސްވުމެއް އެކުލަވާލެވުނީހީ ވެސް 2001 ވަނަ އަހަރުން ފެށިގެން މި ދެ މީހުންނަކީ އޭގެ މާ ކުރިން ކައިވެނިކޮށްފައިވާ ބައެއް ކަމެވެ. އެހެންކަމުން އެއްބަސްވުން އޮތުމަކީ ނާދިރު ކަމެއް ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ލިޔުއްވާފައިވާ ގޮތުގައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ކައިވެނި ރޫޅޭ ހާލަތުގައި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާއާ މެދު އަމަލު ކުރާނެ ހަމަތަކެއް އެކަށައެޅިފައިވެއެވެ. އެ މުދަލުން ލިބެންޖެހޭ ހައްގު މިންވަރު ހޯދުމަށް ދައުވާ ކުރުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި އެއްބަސްވުމެއް ދެމަފިރިންގެ ދެމެދުގައި އޮތް ހާލަތުގައި ކަމަށް ބެލެވެން ނޯންނާނެ ކަމަށެވެ. އެގޮތަށް ތަރުޖަމާ ކުރާނަމަ އެއީ ގާނޫނުގެ ވަރަށް ހަނި ތަރުޖަމާއެއް ކަމަށް ވިދާޅުވިއެވެ.

ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި އެއްބަސްވުމެއްވާނަމަ، ކައިވެނި ރޫޅާލުމުގެ ކުރިން އެކުގައި ހާސިލްކޮށްފައިވާ މުދާ އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. އެ މާއްދާގެ (ށ)ގައިވަނީ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައިނުވާ ނަމަވެސް އެ ދެމަފިރިންކުރެ ކޮންމެ ފަރާތަކަށް ވެސް އިސްލާމީ ޝަރީއަތުން ލިބެންޖެހޭ އެންމެހައި ހައްގުތައް ފުރިހަމައަށް ލިބިދޭންވާނެ ކަމަށެވެ. މި މާއްދާގައި އެ ހައްގުތައް ތަފްސީލްކޮށްފައެއް ނެތެވެ.

އެހެންކަމުން އިސްލާމީ ޝަރީއަތުން ލިބިދޭ ހައްގެއްގެ ގޮތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާ އެ ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ނުބެހޭނެތޯ އާއި އިސްލާމީ ޝަރީއަތުން ފަހިކޮށްދީފައިވާ މުދަލުގެ ހައްގު ހޯދުމަށް ދައުވާ ނުކުރެވޭނެތޯ ފަނޑިޔާރު ނިޔާޒު ސުވާލު އުފައްދަވާފައިވެއެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ ހުރިހާ ހާލަތެއްގައި ވެސް ދެމަފިރިން ކުރެ ކޮންމެ ފަރާތަކަށް ވެސް އިސްލާމީ ޝަރީއަތުން ލިބެންޖެހޭ އެންމެހައި ހައްގުތައް ފުރިހަމައަށް ލިބިދޭންވާނެ ވާހަކަ ކަމަށެވެ. އެއީ ހަމައެކަނި ދަރިންގެ ހަރަދާއި އަނބިމީހާ އާއި ވަރިކުރި އަންހެނާގެ ހަރަދު ނޫން ކަމަށެވެ. މިސާލަކަށް ތަރިކަ ލިބިދިނުމުގެ ހައްގަށް ބަލާއިރު ގާނޫނުގެ ދަށުން އެއްބަސްވުމެއް އޮތުމަކީ މަރުވި މީހާގެ ތަރިކަ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބި ނުދެވޭނެ ސަބަބެއް ނޫނެވެ. މަރުވި މީހާގެ ތަރިކަ މުދާ ވަކި ކުރަން ޖެހޭނީ ދެމަފިރިން އެކުގައި ހޯދި މުދާ ނުވަތަ އެއްމެދު ވަކިކޮށްފަ އެވެ. އަދި އެއަށްފަހު ތަރިކައިން ވެސް ލިބިދޭން ޖެހޭނެކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ލިޔުއްވާފައިވާ ގޮތުގައި ދެމަފިރިން ދިރިއުޅުން ބިނާކުރުމަށް އެކުގައި ކޮށްފައިވާ މަސައްކަތްތަކުގައި ނުވަތަ ހޯދާފައިވާ މުދަލާއި ފައިސާގައި އަނެއް ބައިވެރިޔާގެ ހައްގެއް އޮތް ކަމަށް ގަބޫލު ކުރެވިގެން އެ ހައްގު ހޯދުމަށް ފައުވާ ކުރެވޭނީ އެއްބަސްވުމެއް އޮތް ފަރާތަކަށް އެކަނި ކަމަށް ބުނުމަކީ އަދުލު އިންސާފުގެ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ހައްގު ހޯދުމަށް ދައުވާކުރުމަކީ ވަރަށް އަސާސީ ހައްގެއް ކަމަށެވެ. މި މައްސަލާގައި އެއްބަސްވުމެއް ނެތޭ ކިޔާފައި 33 އަހަރު ދިރިއުޅުން ބިނާ ކުރުމަށް ކުރި މަސައްކަތާއި ހޯދާފައިވާ ގޯތި ގެދޮރުން ހުސްއަތާ ދާންޖެހުމަކީ އަދާލާ ވަލް އިންސާފުގެ ހަމައިން ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

އިސްލާމް ދީނުގައިވާ ގޮތުން ފިރިމީހާގެ މުދަލުގަައި އަންހެން މީހާއަށް ހައްގުތަކެއްވެ އެވެ. އެ ދިނުން ލާޒިމްވެއެވެ. ނަމަވެސް ގާނޫނުގެ 32 ވަނަ މާއްދާގައި ބުނާ ހައްގަކީ އެ ހައްގު ނޫންކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. ފަނޑިޔާރު ވިދާޅުވާ ގޮތުގައު އެ ހައްގަކީ ކައިވެނީގެ މުއްދަތުގައި ދެމަފިރިން ކޮށްފައިވާ މަސައްކަތުގައި ހިމެނޭ މުދަލާއި ފައިސާގެ ތެތޭފައި ހިމެނިފައިވާ އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރުދީ ނުވަތަ އެމީހާގެ އަމިއްލަ ހައްގެވެ. އެހެންކަމުން ފަނޑިޔާރު ނިޔާޒުގެ ރައުޔުއަކީ އެ މައްސަލައަކީ ފެމެލީ ކޯޓަށް އިހްތިސޯސް އޮތް މައްސަލައެއް ކަމާއި އެކަމުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

ތާއިދު ލިބުނު ރައުޔު: އެއްބަސްވުމެއް ނެތި އެކުގައި ހޯދި މުދާ ކޯޓަކަށް ނުބެހޭނެ

ފަނޑިޔާރު ނިޔާޒާ، ތަފާތު ރައުޔުއެއް ނެރުއްވާފައިވާ ފަނޑިޔާރު އަލީ ސަމީރު ލިޔުއްވާފައިވާ ގޮތުގައި، ގާނޫނުގައި ބުނާ ފަދަ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު މި މައްސަލާގައި ހިމެނޭ ދެމަފިރިންނަށް ވެސް އޮތެވެ. އެއީ އެމީހުންގެ ކައިވެންޏަކީ ގާނޫނުގެ ކުރީގެ ކައިވެންޏެއް ކަމުގައިވީ ނަމަވެސް ކައިވެނިކޮށްގެން ތިބިހާ ހިނދަކު އެއްބަސްވުން ހެދުމަށް ހުރަހެއް ނެތް ކަމަށެވެ. ގާނޫނު މަނާކުރުމުގައި އެ އެއްބަސްވުން ހެދުމުގެ ހައްގު އޮންނަން ވާނީ ހަމައެކަނި ގާނޫނުގެ ފަހުގެ ކައިވެނިތަކަށް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

ފަނޑިޔާރު ސަމީރު ލިޔުއްވާފައިވާ ގޮތުގައި، މުދާ މިލްކުކޮށް ލިބިގަތުމާއި މުދަލުން ތަސައްރަފު ކުރުމުގެ ހައްގަކީ ވަކި ޖިންސަކަށްވާތީ މަނާ ކުރެވިފައިވާ ކަމެއް ނޫން ކަމާއި ކައިވެނިކޮށްގެން ތިބޭއިރު ދެމަފިރިން ވަކިވަކިން ވެސް އަދި ދެމަފިރިން އެކުގައި ވެސް މުދާ ހާސިލްކިށް އެ މަދަލުން ތަސައްރަފު ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި، މިގޮތަށް ހޯދާ މުދަލެއް ދެ ފަރާތުން ރުހޭނަމަ ކޯޓު މެދުވެރިނުވެ އެއް ފަރާތުން އަނެއް ފަރާތަށްދީ ސުލަހެވެރިކަމާއެކު ނިންމިދާނެ ކަމަށެވެ. އެފަދަ ހާލަތުގައި ކޯޓުގެ ދައުރެއް ނޯންނާނެ ކަމަށެވެ.

ކޯޓުގެ ދައުރެއް މިކަމުގައި އޮންނާނީ އެކުގައި ހާސިލްކޮށްފައިވާ މުދަލާމެދު އަމަލު ކުރާނެ ގޮތާމެދު ދެމީހުން ހިލާފު އުފެދިއްޖެ ހާލަތުގައި ކަމަށާއި އެފަދަ މުދާ ބެހުމުގެ ބާރު ކޯޓަށް ލިބެނީ އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާއާމެދު އަމަލު ކުރާނެ އުސޫލެއް ބަޔާންކޮށް ގާނޫނުގެ ދަށުން ކައިވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ ދެމެދުގައި އޮންނަ ހާލަތުގައި އެކަނި ކަމަށެވެ. އެކަން ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)އިން އެނގޭ ކަމާއި އެ އެއްބަސްވުން ވާން ޖެހޭނީ ލިޔުވުން އޮންނަ އެއްބަސްވުމަކަށް ކަމަށް ވެސް ފަނޑިޔާރު ސަމީރު ލިޔުއްވާފައިވެއެވެ.

އެއްބަސްވުމެއް އޮންނަންޖެޖޭކަން އިތުރު ކަށަވަރު ވަނީ ގާނޫނުގެ 32 ވަނަ މާއްދާގެ (ނ)ގައި ކާއިވެނި ރޫޅޭ ހާލަތުގައި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި މެދު އަމަލު ކުރާނެ ގޮތަކާމެދު ހިލާފު އުފެދިއްޖެނަމަ ކޯޓުން އަދުލުވެރި ބެހުމަކުން އެ މުދާ ބަހަންވާނީ އެއްބަސްވުމުގައިވާ ގޮތުގެ މަރީން ކަމަށް ބަޔާންކޮށްފައި އޮތުމާއި (ރ)ގައި އެއްބަސްވުމުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ކަންކަމަށް އިސްކަން ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނާތީ ކަމަށް ލިޔުއްވާފައިވެއެވެ.

ފަނޑިޔާރު ސަމީރު ވިދާޅުވީ އެކުގައި ހޯދާފައިވާ މުދަލާ ގުޅޭ މައްސަލަތައް ވަރި ސާބިތު ކުރުމުގެ މައްސަލައިގެ ތެރެއިން ނިމެންޖެހޭ ކަމަށާއި ކައިވެނި ރޫޅުމަށްފަހު އެ ދެ މީހުން އަޖުނަބީންގެ ގޮތުގައި ތިބޭއިރު ކައިވެނީގެ މަތީގައި ތިބިއިރު ކޮށްފައިވާ ކަމެއްގެ މައްޗަށް ކަމަށް ބުނެ އެކަކު އަނެއްކަކަށް ދަތިކުރުމުގެ ގޮތުން ނުވަތަ އެ ނޫން ވެސް އެފަދަ ބޭނުމަކު އަނެއްކެއްގެ މައްޗަށް ދައުވާތައް ހުށަހަޅައި ކުރިއަށް ގެންދިއުމުން ހުއްޓުވަން ޖެހޭ ކަމަށެވެ.

ފަނޑިޔާރު ސަމީރު ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުގެ 32 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރާ އިސްލާމީ ޝަރީއަތުން ލިބެންޖެހޭ ހައްގުތަކަކީ އިއްދައިގެ ހަރަދާއި ދަރިންގެ ހަރަދުތައްފަދަ ހައްގުތަކެވެ. އޭގެ ތެރޭގައި އެކުގައި ހާސިލްކޮށްފައިވާ މުދާ ނުހިމެނޭކަން ފަނޑިޔާރު ސަމީރުގެ ރައުޔުން މަނާކުރެވެއެވެ.

ދެން ފަނޑިޔާރު ސަމީރު ފާހަގަ ކުރައްވާފައިވަނީ، ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ހަތަރު އަހަރުވެގެން ދިޔައިރު ވެސް ޖެންޑާ މިނިސްޓްރީއިން ހަދާފައިނުވާ މައްސަލައެވެ. ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދާ އަދުލުވެރި ބެހުމަކުން ބެހުމުގެ އުސޫލު އާއިލާ ބެހޭ ގާނޫނުން ތައާރަފްކޮށްފައިވަނީ ވަރަށް ހާއްސަ މަގުސަދުތަކަކާއި މަސްލަހުތަތަކެއް ހިމާޔަތްކުރުމަށްޓަކަ ކަމަށެވެ. އެގޮތުން، އެ އުސޫލު ތައާރަފް ކުރުމުގެ ގޮތުން އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އުސޫލު އިތުރަށް ފުރިހަމަކޮށް ހިންގުމަށްޓަކައި ވަކި މުއްދަތެއްގެ ތެތޭގައި ގަވައިދެއް ހެދުން މިނިސްޓްރީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަށެވެ. އެ ގަވައިދު ހަދަން އަންގާފައި އޮތީ ގާނޫނު ފާސްކުރާތާ ހަ މަސް ދުވަސް ތެރޭގައެވެ.

އެ ގަވައިދު ހެދިފައި ނެތި އެ ގާނޫނުގައި ބަޔާންކުރާ ކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވެން ނެތްކަން އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެނގޭ ކަމަށް ހުކުމްގައިވެއެވެ. އެގޮތުން އެ މާއްދާގެ (ވ)ގައި ވެސް ބުނެފައިވަނީ ދެމަފިރިން އެއްބަސްނުވެވޭ ހާލަތުގައި ފައިސާދީ މުދާ ބަހައްޓާނެ ފަރާތެއް ކަނޑައަޅާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުން ކަމަށެވެ. ކޯޓުން މި ހާލަތުގައި ބަލަން ޖެހޭ ގަވައިދެއް ވުޖޫދެއްގައި ނެތެވެ.

ގާނޫނުން ބުނާ ގަވައިދު އެކުލަވާލުމުގެ ކުރިން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާގެ މައްސަލަ ކޯޓުން ބައެއް ހާލަތުގައި ބެލެން ނެތް ކަމަށް ހުކުމްގައިވެއެވެ. ގާނޫނުގެ 32 ވަނަ މާއްދާ ހަގީގީ މަނާގައި ތަންފީޒު ކުރުމަށް ބޭނުންނަމަ އަދި އެކަން ތަންފީޒުކުރުމަށްޓަކައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ގަވައިދެއް ހަދައި ޝާއިއު ކުރުމަކީ މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް ކަމަށް ފަނޑިޔާރު ސަމީރު ލިޔުއްވާފައިވެއެވެ.

އެހެންވެ، ފަނޑިޔާރު ސަމީރުގެ ރައުޔުއަކީ އެކުގައި ހޯދާފައިވާ މުދަލާ ގުޅޭ އެއްބަސްވުމެއް ދެމަފިރިންގެ ދެމެދުގައި މި މައްސަލާގައި ނެތުމާއި ވަރިވުމުގެ ކުރިން އަންހެންމީހާ މުދާ ބަހައިދިނުމަށް މައްސަލައެއް ހުށަހަޅާފައި ނެތުމުން ފެމެލީ ކޯޓުން މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށެވެ. ފަނޑިޔާރުގެ ސަމީރުގެ ރައުޔުއަށް ފަނޑިޔާރު ރައޫފް ތާއިދު ކުރައްވާފައިވާތީ އަގުލައްބިޔަތުން އަންހެންމީހާއަށް ހައިކޯޓުން ވެސް ކުރިމަތިވީ ނާކާމިޔާބެވެ.