ހަބަރު

އާއިލާއާ ބެހޭ މުހިންމު ގަވައިދު ނަހަދާ 4 އަހަރު!

އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ޖެންޑާ އެންޑް ފެމެލީ މިނިސްޓްރީއިން ހަދަން ޖެހޭ ގަވައިދު އަދިވެސް ހަދާފައިނުވާ މައްސަލާގައި ހައިކޯޓުން ކަންބޮޑުވުން ފާޅުކޮށް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ގަވައިިދު ހެދުމަށް އަންގައިފި އެވެ.

އާއިލާއެއް ރޫޅި، އަންހެން މީހާ، އޭނާއަށް ހައްގުވާ މުދާތަކެއް ހޯދުމަށް އާއިލާއާ ބެހޭ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލި މައްސަލައެއް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލާގައި ހައިކޯޓުގެ ހުކުމް މިއަދު އިއްވާފައިވެ އެވެ.

އެ ހުކުމްގައި ފަނޑިޔާރު އަލީ ސަމީރު ލިޔުއްވާފައިވާ ރައުޔުގައި ވިދާޅުވެފައިވަނީ ގާނޫނުނެއްގައި ވަކި ކަމެއް ވަކި މުއްދަތެއްގައި ކުރުމަށް ވަކި މީހެއް ނުވަތަ ފަރާތެއްގެ މައްޗަށް ލާޒިމްކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާނަމަ އެކަމެއް އެ މުއްދަތުގައި ކުރުން އެކަމެއް ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމްވާނެ ކަމަށެވެ. ނޫންނަމަ، އެކަމެއް ރައްދުވާ ފަރާތަކުން ގާނޫނާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ގާނޫނާ ހިލާފުވީ ކަމަށް ބެލޭނެ ކަމަށެވެ.

އެފަދައިން ގާނޫނާއި އެއްގޮތަށް ކަންނުވެ އޮތުން ވެގެންދާނީ ގާނޫނުން ފޯރުކޮށްދޭން ބޭނުންވި މަގުސަދު ފުރިހަމަ ގޮތުގައި ހާސިލު ކުރުމަށް ހުރަސް އެޅުން ކަމަށް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ހުކުމްގައި ބުނީ، ވަރިކުރުމުގެ ކުރިން ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދާ އަދުލުވެރި ބެހުމަކުން ބެހުމުގެ އުސޫލު އާއިލާ ބެހޭ ގާނޫނުން ތައާރަފްކޮށްފައިވަނީ ވަރަށް ހާއްސަ މަގުސަދުތަކަކާއި މަސްލަހުތަތަކެއް ހިމާޔަތްކުރުމަށްޓަކަ ކަމަށެވެ. އެގޮތުން، އެ އުސޫލު ތައާރަފް ކުރުމުގެ ގޮތުން އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އުސޫލު އިތުރަށް ފުރިހަމަކޮށް ހިންގުމަށްޓަކައި ވަކި މުއްދަތެއްގެ ތެތޭގައި ގަވައިދެއް ހެދުން މިނިސްޓްރީގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަށެވެ. އެ ގަވައިދު ހަދަން އަންގާފައި އޮތީ ގާނޫނު ފާސްކުރާތާ ހަ މަސް ދުވަސް ތެރޭގަ އެވެ.

އެ ގަވައިދުގައި ހިމަން އަންގާފައިވާ އުސޫލުތަކަކީ ކައިވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލްކޮށްފައިވާ މުދަލާއި އެކަހެރި ނަމުގައި ހޯދާފައިވާ މުދާ ކަނޑައަޅާނެ މިންގަނޑުތަކާއި ގުޅޭ އުސޫލާއި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދާ ނުވަތަ ފައިސާ ކަނޑައަޅާނެ އުސޫލާއި މުދާ ނުވަތަ ފައިސާ ހޯދުމަށް ދެމަފިރިން ވަކިވަކީން މަސައްކަތް ކޮށްފައިވާ ނުވަތަ ހޭދަކޮށްފައިވާ މިންވަރު ކަނޑައަޅާނެ އުސޫލާއި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާ އަގު ކުރުމާބެހޭ އުސޫލެވެ.

އޭގެ އިތުރުން ވެސް ކައިވެނި ކުރުމުގެ ކުރިން ދެމަފިރިން ވަކިން ހާސިލްކޮށްފައިވާ މުދަލާއި ފައިސާ އާއި އެކަހަރި ނަމުގައި ހޯދާފައިވާ މުދަލާއި ފައިސާ ކައިވެނީގެ މުއްދަތުގައި ރަސައްފު ކުރެވި އެ މުދަލާއި ފައިސާއަށް އިތުރުވުމެއް ނުވަތަ ކުރިއެރުމެއް ލިބިފައިވާނަމަ އެކަން ދެނެގަންނާނެ އުސޫލާއި ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާ އަދުލުވެރި ބެހުމަކުން ބަހާއިރު ބެހުމަށް ކަނޑައަޅާ އެއްވެސް މުދަލަކީ އޭގެ ޒާތުގައި ބެހުމަށް ދަތި މުދަލެއްނަމަ އެ މުދަލެއް ބެހުމުގެ ބަދަލުގައި އަމަލު ކުރާނެ އުސޫލު ގަވައިދުގައި ހިމަނަންޖެހެ އެވެ.

އެ ގަވައިދު ހެދިފައި ނެތި އެ ގާނޫނުގައި ބަޔާންކުރާ ކަންކަން އަމަލީ ގޮތުން ތަންފީޒު ކުރެވެން ނެތްކަން އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެނގޭ ކަމަށް ހުކުމްގައިވެ އެވެ. އެގޮތުން އެ މާއްދާގެ (ވ)ގައި ވެސް ބުނެފައިވަނީ ދެމަފިރިން އެއްބަސްނުވެވޭ ހާލަތުގައި ފައިސާދީ މުދާ ބަހައްޓާނެ ފަރާތެއް ކަނޑައަޅާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓުން ކަމަށެވެ. ކޯޓުން މި ހާލަތުގައި ބަލަން ޖެހޭ ގަވައިދެއް ވުޖޫދެއްގައި ނެތެވެ.

ގާނޫނުން ބުނާ ގަވައިދު އެކުލަވާލުމުގެ ކުރިން ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާގެ މައްސަލަ ކޯޓުން ބައެއް ހާލަތުގައި ބެލެން ނެތް ކަމަށް ހުކުމްގައިވެ އެވެ. ގާނޫނުގެ 32 ވަނަ މާއްދާ ހަގީގީ މަނާގައި ތަންފީޒު ކުރުމަށް ބޭނުންނަމަ އަދި އެކަން ތަންފީޒުކުރުމަށްޓަކައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ގަވައިދެއް ހަދައި ޝާއިއު ކުރުމަކީ މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް ކަމަށް ފަނޑިޔާރު ސަމީރު ލިޔުއްވާފައިވެ އެވެ.

މި މައްސަލާގައި ހިމެނޭ އަންހެން މީހާއަށް ވެސް ވަނީ އޭނާގެ ކައިވެނި ރޫޅުމުން އޭނާއަށް ހައްގުވާ މުދާ ހޯދަން ހުށަހެޅި މައްސަލަ ނާކާމިޔާބުވެފަ އެވެ. އޭގެ އެއް ބޮޑު ސަބަބަކީ ގަވައިދު ނެތުމެވެ. އެ ގަވައިދު ހެދުމަށް އަމުރުކޮށް 2000 ވަނަ އަހަރުގެ ގާނޫނަށް އިސްލާހު ގެނެވުނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. ހަ މަސް ދުވަހުން ހަދަން ގާނޫނުން މަޖުބޫރުކުރުވި ގަވައިދު ނަހަދާ މިއަދަށް ހަތަރު އަހަރުވެގެން ދިޔައީ އެވެ. މިނިސްޓްރީއަށް މިކަން ނުކުރެވި ދިގުލައިގެންދާ ސަބަބެއް ސާފެއް ނުވެ އެވެ. އަދި އެ ގަވައިދު ހެދުމަށް ކުރި މަސައްކަތެއް ވެސް ސާފެއް ނުވެ އެވެ. ނަމަވެސް މީގެ ސަބަބުން އާއިލީ ގިނަ މައްސަލަތަކަށް އިންސާފުވެރި ހައްލެއް ލިބުމަށް ވަނީ ހުރަސްއެޅިފަ އެވެ.

ހުކުމްގައި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވެސް ލިިޔުއްވާފައިވަނީ ކަމެއް ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތް ނޫން ގޮތަކަށް އެކަމެއް ކުރުމުގެ ފުރުސަތު އަދި މުއްދަތު ނުވަތަ ވަގުތަށްވުރެ އިތުރަށް ނުވަތަ އެއަށްވުރެ ލަސްކޮށް އެކަމެއް ކުރުމަށް ހުއްދަދިނުމަކީ ގާނޫނުގައި އެކަން އެގޮތަށް ނުވަތަ އެ ވަގުތު ނުވަތަ މުއްދަތުގައި ކުރުމަށް ކަނޑައަޅާފައިވާ މަގުސަދު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

ގާނޫނުން ލާޒިމްކުރާ ގަވައިދުތައް މުއްދަތުގައި ނުހެދުމަކީ އާންމު ކަމެކެވެ. މިފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވެސް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު މުއްދަތުގައި ހަދާފައިނުވާތީ އެ ގަވައިދު ހެދުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އަމުރުކޮށްފަ އެވެ. ސުޕްރީމް ކޯޓަށް ވެސް ގަވައިދުތަކެއް ހަދަން އެ ގާނޫނުގައި ލާޒިމްކޮށްފައިވާއިރު، އެ ގަވައިދުތައް ވެސް ވަނީ ހަދާފަ އެވެ. ނަމަވެސް އެއީ މުއްދަތު ފަހަނައަޅަދިޔަ ފަހުންނެވެ.