ޝަރުއީ ދާއިރާ

ނުރުހުމުގައި މުވައްޒަފުންތަކެއްގެ ބަދަލުކުރަން އުޅުނު މައްސަލައެއް

ހައިކޯޓުގެ ކޯޓު އޮފިސަރުންތަކެއް، އެ މީހުންގެ ނުރުހުމުގައި ކްރިމިނަލް ކޯޓަށް ބަދަލު ކުރަން އުޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އެ މައްސަލައާއި ގުޅިގެން، މަޖިލީހުން ވަނީ ކަން ހިނގާފައިވާ ގޮތް މަޖިލީހަށް އަންގައި ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ހައިކޯޓުގައި އެދިފަ އެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއި ކުރައްވާ ފޮނުވާފައިވާ ސިޓީއެއްގައި އެދިފައިވަނީ، ހައިކޯޓުގެ ހަތަރު ކޯޓު އޮފިސަރަކު ކްރިމިނަލް ކޯޓަށް ބަދަލު ކުރަން އުޅޭ ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެކަން ހިނގާފައިވާ ގޮތް މަޖިލީހަށް އަންގައިދިނުމަށެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގާ ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހައިކޯޓުގެ ހަތަރު ކޯޓު އޮފިސަރަކު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހާޒިރުކޮށް، ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމާފައިވާކަން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު އެންގެވި ކަމަށެވެ.

އެ ހަތަރު މުވައްޒަފުންނަށް އެގޮތަށް އަންގާފައިވަނީ އެއްވެސް މުވައްޒަފަކާއި ކުރިން މަޝްވަރާއެއް ކުރުމެއް ނެތިއެވެ. ކްރިމިނަލް ކޯޓަށް ބަދަލުވާން ދެކޮޅު ހަދާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން ޖެހޭނެ ކަމަށްވެސް ނަޒީރު އެ ހަތަރު މުވައްޒަފުންނަށް އަންގާފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

އަދި އެއީ ކޮން ގޮތަކުން ނިންމި ނިންމުމެއްތޯ އޮޅުން ފިލުވުމަށް އެ މުވައްޒަފުންގެ ފަރާތުން އެދުމުން އެއީ ހައިކޯޓުގެ ނިންމުމެއް ކަމަށް ވިދާޅުވި ކަމަށް ވެސް ކޮވިޑާ ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ކުރިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

މި ބައްދަލުވުމަށް ފަހު، ނަޒީރުގެ އެންގެވުމަކަށް ހައިކޯޓުގެ ސީނިއާ ކޯޓު އެޑްމިނިސްޓްރޭޓަރު މުނާ މުހައްމަދު ވެސް ހާޒިރުވި އެވެ. އަދި މުވައްޒަފުން ބަދަލު ކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް މުނާ މުހައްމަދު އެ ބައްދަލުވުމުގައި ދެއްކި ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި އިތުރަށް ބުނެފައިވަނީ މުވައްޒަފުންގެ ނުރުހުމުގައި އެމީހުން އެހެން ކޯޓަކަށް ބަދަލުކުރުމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ސާފު އިބާރާތުން ބުނެފައިވާ "ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވެއެވެ" ބުނުމާއި ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި މީގެ އިތުރުން އެ ކަމަކަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) އަދި (ށ)، އަދި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 74 ވަނަ މާއްދާގެ (ހ) އާއި އަދި މީގެ އިތުރުން ސީދާ ހައިކޯޓުން ނިންމާފައިވާ އެތައް ހުކުމަކާއި އަދި ހައިކޯޓުގެ ހުކުމަކުން ކަނޑައަޅާފައިވާ ރިޑަންޑެންސީގެ އުސޫލާއި، އެއް ކޯޓުން އަނެއް ކޯޓަށް ޝަރުއީ ދާއިރާގެ މުވައްޒަފުން ބަދަލުކުރުމާއި ގުޅޭ އުސޫލާ ވެސް ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.