ހިޔާނާތް

ފުށިދިއްގާ މައްސަލަ: ހަދަމުންދާ ރަށްތައް ފާސްކުރަނީ

ހިޔާނާތުގެ ބޮޑެތި މައްސަލަތެއް ހިމެނޭ ގޮތަށް ދެ ސަރުކާރެއްގައި ތިން ބަޔަކަށް ވިއްކާލައި ފައިސާ ނަގާފައިވާ އދ، ފުށިދިއްގާގައި ގަވާއިދާ ހިލާފަށް ޓޫރިސްޓުން ބައިތިއްބައިގެން ދޮޅު އަހަރަށްވުރެ ގިނަ ދުަވަހު އާމްދަނީ ހޯދަމުން އައިސް މައްސަލަ ފަޅާ އަރުވާލުވުމުން ރާއްޖޭގައި ހަދަމުން ގެންދާ ހުރިހާ ރަށެއް ބަލައި ފާސް ކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ފުށިދިއްގާފައި ގަވައިދާ ހިލާފަށް ޓޫރިޒަމް ވިޔަފާރި ކުރަމުން ދިޔައީ އެ ރަށުގެ ބެލެނިވެރި ކަމަށް ދައުވާ ކުރަމުންދާ ތިން ޕާޓީގެ ތެރެއިން އެއް ފަރާތެވެ.

ފުށިދިއްގާގެ ހިޔާނާތުގެ މައްސަލަ ފަޅާ އަރުވާލައި އާންމުންނާއި ސަރުކާރުގެ ސަމާލު ކަމަށް ގެނަ އައީ އަވަސްގެ ނޫސްވެރިން ލިޔުނު ރިޕޯޓަ ކުންނެވެ. އޭގެ ފަހުން ޓޫރިޒަމާއި ފުލުހުން ވަނީ ކުއްލި ގޮތަކަށް އެރަށަށް އަރާ ފުލުހުންގެ ބެލުމުގެ ދަށަށް ރަށް ގެންގޮސްފަ އެވެ.

އަދި އެ ހާދިސާއަށް ފަހު ޓޫރިޒަމް މިނިސްޓްރީ މިއަދު ބުނީ ރިސޯޓު ހަދަން ދޫކޮށްފައިވާ 115 ތަނެއް އިންސްޕެކްޓް ކުރަން ފަށައި، މި މަސައްކަތް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މިނިސްޓްރީން އެހެން ބުނި އިރު ރާއްޖޭގައި ހުއްދަ ލިބިގެން އޮޕަރޭޓް ކުރާ ޓޫރިސްޓުންނަށް ބައިތިއްބާ 1،000 އަށް ވުރެ ގިނަ ތަން އިންސްޕެކްޓްކޮށް ނިންމީ މި ސަރުކާރުގައި ވަރަށް ފަހުންނެވެ. އޭގެތެރޭގައި ހިންގާ ރިސޯޓުތަކާއި ގެސްޓްހައުސްތައް އަދި ހޮޓާތަކާއި ސަފާރީތައް ވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ވަނީ ރާއްޖޭގައި ރިސޯޓު ހަދަން ދޫކޮށްފައިވާ 70 ރަށެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެފަ އެވެ. މިއަދު އާ އިންސްޕެކްޝަންގައި އެ ރަށްތައް ވެސް ބަލާނެ ކަމަށެވެ.

"މި ރަށްރަށްށް ވަކިވަކިން އަރާ. މި ހުރިހާ ތަނެއް ބަލާނެ. މީގެ ކޮންމެ ތަނެއްގައި އެ ބައޮތް ލީޒް އެގްރީމެންޓެއް. މި ތަންތަނުގައި ހިނގާ ކޮންމެ ކަމަކާ ޒިންމާ ވާން ޖެހޭނެ،" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށްތަކުގެ މައުލޫމާތު ފޮރުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ނެތް ހާމަ ނުކުރުމުގެ އެއްވެސް ސިޔާސަތެއް. މިހާރު އެބަ އެނގޭ ވަރުވާ ޑޮކިއުމެންޓްތަކާ އެއްޗިހީގައި ވެސް އޮޅުވާލުން ތަކެއް ހުރިކަން. އެހެންވެ، ދެވަނަ ފަހަރަށް ބޭނުމެއް ނޫން ނޭނގިތިބެ ސަފާރީއަކަށް ވެސް މި ފަދަ ކަމެއްގެ ތެރެ އަށް ވަންނާކަށް،" އޭނާ ވިދާޅުވި އެވެ.

ފުށިދިއްގާގެ ހިޔާނާތާއި އެ ރަށުގައި ޓޫރިސްޓުންނަށް ހިދުމަތް ދެމުން ދިޔަ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީ އާއި ފުލުހުން ކުއްލި ގޮތަކަށް ބަލަން ފަށާފައިވާއިރު ރަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ރަށަށް އެއްވެސް ފަރާތަކުން އެރުން ވަނީ ހުއްޓުވާފައެވެ.